Roadha Mihaaru
އާދަޔާ ހިލާފަށް ވައި ބާރެއްނުވާނެ: މެޓް

އާދަޔާ ހިލާފަށް ވައި ޖެހޭނެ ކަމަށް ދައުރުވާ މައުލޫމާތު ސައްހައެއް ނޫން: މެޓް

27 މާޗް 2021

އަންނަ ހޯމަދުވަހު ރާއްޖެ އަށް ގަޑިއަކު 91 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ފެތުރޭ މައުލޫމާތު ސައްހަ ނޫން ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އަންނަ ހޯމަދުވަހު ރާއްޖެ އަށް ގަޑިއަކު 91 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ފެތުރޭ މައުލޫމާތު ސައްހަ ނޫން ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ތަހުމީނާ އަބްދުލް ކަރީމް "މިހާރު" އަށް ވިދާޅުވީ ރާއްޖެ އަށް މި ދުވަސްވަރު ވިއްސާރަކުރަނީ މި ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނަކާ ހެދި ކަމަށެވެ. އެކަމަކު އާދަޔާ ހިލާފަށް ވައި ޖެހޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ މައުލޫމާތު ސައްހަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ތަހުމީނާ ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާގެ ކޮކޯ އައިލެންޑްސްގެ ހުޅަނގު-ހުޅަނގު އުތުރާއި ޑިއޭގޯ ގާސިއާގެ ހުޅަނގު-ހުޅަނގު ދެކުނުން ގާތްގަނޑަކަށް 470 ނޯޓިކަލް މޭލު ދުރުގައި ދެ ކޮޅިގަނޑެއް ވަނީ އުފެދިފަ އެވެ. އެކަމަކު އެ ދެ ކޮޅިގަނޑު ވެސް ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށް ވާތީ އޭގެ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށް، ތަހުމީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މަތީގައި އުފެދިފައިވާ ވިލާތައް ދަތުރުކުރާނީ އިރުން ހުޅަނގަށް ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަ ހޯމަދުވަހުގެ ނިޔަލަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ.

ނަމަވެސް ހޯމަ ދުވަހު މިހާރަށް ވުރެ ބާރަށް ވައިޖެހޭނެ އެވެ. ގަޑިއަކު 13 -23 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެން ވާ ކަމަށް ތަހުމީނާ ވިދާޅުވި އެވެ. މި ބާރުމިނުގައި ރާއްޖެ އަށް އާންމުކޮށް ވައި ޖެހެ އެވެ،

މި ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު އާންމުކޮށް ވައި ޖެހޭނެ ކަމަށް ލަފާކުރަނީ ގަޑިއަކު 5-15 މޭލުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެ އެވެ.