Roadha Mihaaru
ކުރިއަށް އޮތް 48 ގަޑިއިރު ވެސް ވައި ގަދަވާނެ: މެޓް

ކުރިއަށް އޮތް 48 ގަޑިއިރު ވެސް ވައި ގަދަވާނެ، ސަމާލުވޭ: މެޓް

29 މާޗް 2021

ރާއްޖެ ސަރަހައްދުގައި މި ވަގުތު އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް 48 ގަޑިއިރު ވެސް ގަދަޔަށް ވައި ޖެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށް، މޫސުމަށް ސަމާލުވާން މިއަދު އިލްތިމާސްކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖެ ސަރަހައްދުގައި މި ވަގުތު އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް 48 ގަޑިއިރު ވެސް ގަދަޔަށް ވައި ޖެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށް، މޫސުމަށް ސަމާލުވާން މިއަދު އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެ ކަމަށެވެ. ދެކުނާއި މެދުތެރޭގެ ރަށްރަށަށް ގަޑިއަކު 17 މޭލާއި 27 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ބުނެ އެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10-20 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ވައި ޖެހޭނީ، 45 މޭލާއި 55 މޭލުގެ ދެމެދުގައި ކަމަށް އިދާރާ އިން ބުންޏެވެ.

ގުގުރުމާއި އެކު ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މިއަދު ހެނދުނު ބ. އަތޮޅުން އައްޑު އަށް ނެރުނު ރީނދޫ އެލާޓް ވެސް މެޓް އޮފީހުން މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެލާޓް އިތުރުކުރީ ހަވީރު 6:00 އާ ހަމައަށެވެ.

ބ. އަތޮޅުން އައްޑޫއަށް އިއުލާންކުރި ރީނދޫ އެލާޓް އިތުރުކުރަން މެޓް އޮފީހުން ކުރި ޓްވީޓެއް

މާދަމާ ވައި ޖެހޭނީ މިއަދަށް ވުރެ މަޑުން ކަމަށް މެޓުން ބުންޏެވެ. ވާރޭ ވެހޭނީ ވެސް މަދުން ކަމަށް ލަފާކުރެ އެވެ. ނަމަވެސް އާންމުކޮށް ވައިޖެހޭ ވަރަށް ވުރެ ބާރު ވާނެ ކަމަށް ވެ އެވެ.

މޫސުމާ ބެހޭ އިދާރާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ސ. ގަމަށެވެ. އެއީ 166 މިލިމީޓަރެވެ. އެންމެ ވައިގަދަވެފައި ވަނީ ވެސް އެ ސަރަހައްދަށް، ގަޑިއަކު 55 މޭލުގެ ބާރުމިނުގައި ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މީގެ ކުރިން ވެސް، މިއަދު ވައި ގަދަ ވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. ނަމަވެސް ރާއްޖެ އަށް ގަޑިއަކު 92 ކިލޯމީޓަރުގެ (ގަޑިއަކު 57 މޭލު) ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފެތުރުނު މައުލޫމާތު މެޓު އޮފީހުން ދޮގުކުރި އެވެ. އައްޑު އަށް ޖެހުނު ވައި ވެސް، 92 ކިލޯމީޓަރުގެ ބާރުމިނަކަށް ނާރަ އެވެ. އެއީ ގަޑިއަކު 55 މޭލުގެ ބާރު މިނަކީ، ގަޑިއަކު 88 ކިލޯމީޓަރުގެ ބާރުމިނަށް ވުމުންނެވެ.

ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވާން މެޓުން ވަނީ އެދިފަ އެވެ. ކަނޑު ގަދަވެފައި، ދެކުނާއި މެދުތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި 6-8 ފޫޓު ހުރުން އެކަށީގެންވާ ކަމަށް އެ އިދާރާ ބުންޏެވެ. ކަނޑުދަތުރުކުރާ ފަރާތްތައް އެކަމަށް ސަމާލުވާން މެޓް އޮފީހުން އަންނަނީ އެދެމުންނެވެ.

ރެ އާއި މިއަދު ހެނދުނު ކުރި ވިއްސާރައާ ގުޅިގެން އެކި ތަންތަނަށް އެކި ވަރުގެ ގެއްލުންވެފައި ވެ އެވެ. މިއަދު ހެނދުނު ދޯންޏެއް އަޑިއަށް ގޮސްފައި ވެ އެވެ. އަދި މާލޭގެ މަގުތަކުގައި ހުރި ގިނަ ގަސްތަކެއް މޫގަނޑުން ނެއްޓި، ވެއްޓިފައިވާ އިރު، ފުވައްމުލަކަށް ވެސް އެކިވަރުގެ ގެއްލުންވެފައިވެ އެވެ.