Roadha Mihaaru
ލަނޑު ބަލައިނުގަންނަން ނިންމުމުން ރޮނާލްޑޯ ރަތަށް

ލަނޑު ބަލައިނުގަންނަން ނިންމުމުން ރޮނާލްޑޯ ރަތަށް

28 މާޗް 2021

ބެލްގްރޭޑް (މާޗް 28) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސާބިއާ އިން ފަހަތުން އަރައި 2-2 އިން ޕޯޗުގަލްއާ އެެއްވަރުކުރި މެޗުގެ ފަހު ވަގުތު އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލެއް ބަލައިނުގަންނަން ރެފްރީ ނިންމުމުން އެކަމާ ރޮނާލްޑޯ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ބެލްގްރޭޑް (މާޗް 28) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސާބިއާ އިން ފަހަތުން އަރައި 2-2 އިން ޕޯޗުގަލްއާ އެެއްވަރުކުރި މެޗުގެ ފަހު ވަގުތު އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލެއް ބަލައިނުގަންނަން ރެފްރީ ނިންމުމުން އެކަމާ ރޮނާލްޑޯ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޕޯޗުގަލް އިން ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޮޓާގެ ދެ ގޯލުން ލީޑެއްނަގައިފަ އެވެ. އެކަމަކު ދެ ވަަނަ ހާފްގައި 15 މިނިޓް ތެރޭ އަލެކްސަންޑަ މިޓްރޮވިޗާއި ފިިލިޕް ކޮސްޓިޗް ޖެހި ގޯލުތަކާ އެކު ސާބިއާ އިން އެެއްވަރުކުރި އެވެ.

މެޗުގެ އިތުރު ވަގުތުގައި ރޮނާލްޑޯ ޖެހި ބޯޅައެއް ވަނީ ގޯލުގެ ރޮނގު ހުރަސްކޮށްފަ އެވެ. އެކަމަކު މި މެޗުގައި ގޯލް ލައިން ޓެކްނޮލޮޖީ ނެތުމުން ރެފްރީ އާއި ލައިންސްމަން އަށް ނުފެންނާތީ އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ. އެކަމާ ވަރަށް ބޮޑަށް ރޮނާލްޑޯ ހިތްހަމަނުޖެހުން ފާޅުކޮށް ދަނޑުން ފޭބިއިރު އޭނާ ވަނީ ކެޕްޓަން ބޭންޑް ވެސް އެއްލާލައިފަ އެވެ. ހިތްހަމަނުޖެހުން ފާޅުކުރި ގޮތުން ރޮނާލްޑޯ އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ.

"ބައެއް ކަހަލަ ވަގުތުތަކުގައި މުޅި ގައުމަށް އަދަބު ލިބޭ މި ކަހަލަ ކަންތައްތައްވުމުން ހަޖަމްކުރަން އުނދަގޫވާނެ. އިސް އުފުލައިގެން ދެން އޮތް ޗެލެންޖާ ކުރިމަތިލުން މިހާރު އޮތް ގޮތަކީ،" ރޮނާލްޑޯ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ކުރި ޕޯސްޓެއްގައިވެ އެވެ.

ރޭގެ މެޗަކީ ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސްގެ ކެރިއަރުގެ 1000 ވަނަ މެޗެވެ. އެކަމަކު ރޮނާލްޑޯގެ ގޯލު ބަލައިނުގަތުމުން އޭނާ ވެސް ހުރީ މި ހާއްސަ މެޗުގެ އުފާފާޅުކުރާގޮތަކަށް ނޫނެވެ.

"ތި ވާހަކަ (1000 މެޗުގެ ވާހަކަ) އެހާ މުހިއްމެއް ނޫން. ރޮނާލްޑޯ އެ ޖެހީ ހަމަ ޔަގީނުން ވެސް ގޯލެއް. މެޗަށް ފަހު ރެފްރީ ވެސް އައިސް އަހަރެންގެ ގާތުގައި ބުނި އެއީ ގޯލެކޭ. އޭނަގެ އެ ނިންމުމަށް މާފުކުރާށޭ،" ސަންޓޯސް ބުންޏެވެ.

ސާބިއާ އިން ރޭގެ މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގައި އެ ޓީމުގެ ނިކޮލަ މިލެންކޮވިޗަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ޕޯޗުގަލްގެ ޑަނީލޯ ޕެރޭރާ އަށް ކުރި ފައުލަކަށެވެ.

މި ގްރޫޕްގެ އަނެއް މެޗުން ލަގްޒެމްބާގް ވަނީ ރަށުންބޭރުގައި 1-0 އިން ނޮދަން އަޔަލެންޑް ބަލިކޮށްފަ އެވެ.