Roadha Mihaaru
ފްރާންސް ބަލިވިއިރު، ރޮނާލްޑޯ ޕޯޗުގަލް މޮޅުކޮށްދީފި

ފްރާންސް ބަލިވިއިރު، ރޮނާލްޑޯ ޕޯޗުގަލް މޮޅުކޮށްދީފި

10 ޖޫން 2017

ރިގާ، ލެޓްވިއާ (ޖޫން 10) - އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުގެ ކޮލިފައިންގައި ރޭ ސްވިޑަން އަތުން 2-1 އިން ފްރާންސް ބަލިވިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާ އެކު 3-0 އިން ލެޓްވިއާ އަތުން ޕޯޗުގަލް މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރިގާ، ލެޓްވިއާ (ޖޫން 10) - އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުގެ ކޮލިފައިންގައި ރޭ ސްވިޑަން އަތުން 2-1 އިން ފްރާންސް ބަލިވިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާ އެކު 3-0 އިން ލެޓްވިއާ އަތުން ޕޯޗުގަލް މޮޅުވެއްޖެ އެވެ.

ސްވިޑަންގެ ސްޓޮކްހޯލްމްގައި ކުޅުނު މެޗުގައި ފްރާންސަށް ލީޑުނަގައިދިނީ އޮލިވިއޭ ޖިރޫގެ ހިތްގައިމު ލަނޑުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްވިޑަނަށް އެއްވަރުކޮށްދިނީ ޖިމީ ޑާމަޒް އެވެ. ސްވިޑަން މޮޅުވި ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް އަތުން ހެދުނު ގޯހަކުން ސްވިޑަންގެ އޮލާ ޓޮއިވޮނަން ޖެހި ލަނޑެކެވެ.

މި މޮޅާ އެކު ސްވިޑަން ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ފްރާންސާ އެއްވަރަށް ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ. ސްވިޑަން ކުރީގައި އޮތީ ފައިދާ ލަނޑުންނެވެ. ތިން ވަނައިގައި އޮތީ ރޭ ލަގްޒެމްބާގް އަތުން 5-0 އިން މޮޅުވި ނެދަލެންޑްސް އެވެ. ޑިކް އެޑްވޮކާޓްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ހޯދި ތިން ޕޮއިންޓާ އެކު ނެދަލެންޑްސް އިން ވަނީ ހަ މެޗުން 10 ޕޮއިންޓް ހަމަކޮށްފަ އެވެ.

ކޮލިފައިންގައި ދެން ނެދަލެންޑްސް ކުޅެން ޖެހޭ މެޗު އޮންނާނީ އަންނަ އޮގަސްޓް މަހު 31 ވަނަ ދުވަހު ޕެރިހުގައި ފްރާންސާ ދެކޮޅަށެވެ. އެޑްވޮކާޓް ބުނީ އެ މެޗުން ނެދަލެންޑްސް އަށް މޮޅުވެވޭނެ ކަމަށެވެ.

"ޕެރިހުގައި ކުޅުނަސް ނެދަލެންޑްސްގައި ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު މޮޅުނުވެވޭނެ ސަބަބެއް ނެތް. އަހަރެން ދެކޭ ގޮތުގައި ފްރާންސްގެ މައްޗަށް ނެދަލެންޑްސް އަށް ކުރިހޯދޭނެ،" އެޑްވޮކާޓް ބުންޏެވެ.

ރޮނާލްޑޯގެ ދެ ލަނޑާއި އަންޑްރޭ ސިލްވާގެ ލަނޑުން ލެޓްވިއާ އަތުން ޕޯޗުގަލް މޮޅުވި ނަމަވެސް އެ ޓީމު އޮތީ ކޮލިފައިން ގްރޫޕް ބީގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ފެރޯ އައިލެންޑް އަތުން 2-0 އިން މޮޅުވި ސްވިޒަލެންޑެވެ. ސްވިޒަލެންޑަށް ހަ މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ޕޯޗުގަލް އަތުގައި އޮތީ ހަ މެޗުން 15 ޕޮއިންޓެވެ.

މި މެޗުގެ ލަނޑުތަކާ އެކު ރޮނާލްޑޯ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 73 އަށް އަރައިފަ އެވެ.