Roadha Mihaaru
ނަޝީދާއި ފައްޔާޒު އަނެއްކާ ވެސް ކުރިމަތިލުމަކަށް!

"ވައްކަމުގެ ވާހަކަ ރަނގަޅަށް ދައްކާލަން" ނަޝީދާއި ފައްޔާޒު ޓީވީއަށް!

28 މާޗް 2021

ކޮރަޕްޝަނުގެ މައްސަލަތައް ރަނގަޅަށް ނުބެލޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރެއްވުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެމަނިކުފާނަށް ރައްދު ދެއްވައި، އާއްމުން ކުރިމަތީގައި ދެ ބޭފުޅުން އެކުގައި އެ ވާހަކަ "ރަނގަޅަށް ދައްކައިލަން" އެދިވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮރަޕްޝަނުގެ މައްސަލަތައް ރަނގަޅަށް ނުބެލޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރެއްވުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެމަނިކުފާނަށް ރައްދު ދެއްވައި، އާއްމުން ކުރިމަތީގައި ދެ ބޭފުޅުން އެކުގައި އެ ވާހަކަ "ރަނގަޅަށް ދައްކައިލަން" އެދިވަޑައިގެންފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކު "މިހާރު" އަށް މިރޭ ވިދާޅުވީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ލިއުއްވި ވާހަކަފުޅުތަކަކާ ގުޅިގެން ފަައްޔާޒު އެހެން ވިދާޅުވުމުން ނަޝީދު އެކަން ގަބޫލުކުރައްވައި، މާދަމާ ލައިވް ޓީވީގައި އެ ބަހުސް ކުރައްވަން ފައްޔާޒަށް ދައުވަަތު ދެއްވި ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން މެނޭޖްކުރުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ ކުންފުންޏަކަށް 30 މިލިޔަން ރުފިޔާ ދިން ނަމަވެސް ވެންޓިލޭޓަރު ނުލިިބި އޮތް މައްސަލަގަނޑު ނަޝީދު ސިފަކުރައްވަނީ ސަރުކާރުން ބައިވެރިވެގެން ކޮށްފައިވާ ވައްކަމެއްގެ ގޮތުގަ އެވެ. އެމަނިކުފާނު އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ވެސް އެގޮތަށް އެ ވާހަކަ ދައްކަވައިފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެކަމާ މަޝްވަރާކުރަން ބައްދަލުވުމެއް ބޭއްވި ނަމަވެސް އެ ބައްދަލުވުން ނިމުނީ ވަކި ގޮތަކަށް ނުނިމި އެވެ. ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕުގައި ނަޝީދު ނުރުހުން ފާޅުކުރެއްވީ ޕީޖީ ގްރޫޕުގެ އެ ބައްދަލުވުމުގެ ނަތީޖާ ނިމުނު ގޮތުން ހިތްޕުޅުހަމަޖެހި ވަޑައިނުގެން ކަަމަށް މައުލޫމާތު ދެއްވި މެމްބަރު ވިދާޅުވި އެވެ.

"އެ ވާހަަކަ ދައްކަވަނިކޮށް ފައްޔާޒު އެ ވާހަކައިގެ ތެރެއަށް ވެދެވަޑައިގެން ވިދާޅުވީ ހިނގާށޭ ވައްކަމުގެ ވާހަކަ ރަނގަޅަށް ދައްކައިލަން، އާއްމުންގެ ކުރިމަތީގައި،" ނަން ހާމަކުރަން އެދިވަޑައިނުގަންނަވާ މެމްބަރު ވިދާާޅުވި އެވެ.

އެ ޗެލެންޖް ވަގުތުން ގަބޫލުުކުރައްވައި ނަޝީދު އެދިވަޑައިގެންނެވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ލައިވް ޕްރޮގްރާމަކަށް ދެ ބޭފުޅުން މާދަމާ އެރުއްވުމަށެވެ.

ސަރުކާރުގެ ނުފޫޒު ގަދަ މިނިސްޓަރު ފައްޔާޒާ ދޭތެރޭ މީގެ ކުރިން ވެސް ކޮރަޕްޝަނުގެ އެކި ތުހުމަތުތައް ނަޝީދު ކުރައްވައިފައި ވެ އެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައި ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތްޕުޅުތަކެއް ވެސް ކުރެއްވި އެވެ. އެކަމަކު ފަހުން އެކަން ހުއްޓުނީ އޭގެ ތެރެއަށް ރައީސް ފާޅުގައި ވެދެވަޑައިގެންނެވެ.

ފައްޔާޒާއި ނަޝީދު ލައިވް ޓީވީގައި އެފަދަ ބަހުސެއް ކުރެއްވުމުގެ އިންތިޒާމް މާދަމާ އަށް ހަމަޖެހުނުކަމެއް ނުވަތަ ނޫންކަމެެއް އަދި ނޭނގެ އެވެ.

ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެ އެވެ. ކޮވިޑް މެނޭޖްކުރަން ސަރުކާރުން ފައިސާ ހަރަދުކުރާ ގޮތް ބަލަން މަޖިލީހުން އެދިގެން ކުރި އެ އޮޑިޓްގައި ފާހަަގަވި މައްސަލަތައް ބަލަން ސަރުކާރުން އޭސީސީ އަށް ހުށަހެޅި އެވެ. އޭސީސީން އެ މައްސަލަ ތަހުގީގުކޮށް ކުރީގެ ހެލްތު މިނިސްޓަރާއި އެހެން ބައެއް ބޭފުޅުންނަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ.

އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވީ އެކަމުގައި އެއްވެސް މީހަކަށް ދައުވާކުރެވޭ ވަަރަށް ހެކި ނެތް ކަމަށެވެ. ނަޝީދު ގެންދަވަނީ އެ ނިންމެވުމާއި މެދު ނުރުހުން ފާޅުކުރައްވަމުންނެވެ.