Roadha Mihaaru
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން

ކުރިއަށް އޮތް ތަނުގައި ވެސް މަޖިލިހުގެ އިދާރާ އިން ގަވައިދާ ހިލާފު ނުވާން އެމްޑީޕީ ޕީޖީން އެދިއްޖެ

10 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ކުރިމަގުގައި ވެސް އެއްވެސް ކަމެއްގައި ގަވައިދާ ހިލާފަށް އަމަލު ނުކުރުމަށާއި މަޖިލީހުގެ އަޣުލަބިއްޔަތުގެ ވިސްނުމަށް ހުރަސް އެޅިދާނެ ފަދަ ކަންކަން ނުކުރުމަށް އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުން ގޮވާލައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ކުރިމަގުގައި ވެސް އެއްވެސް ކަމެއްގައި ގަވައިދާ ހިލާފަށް އަމަލު ނުކުރުމަށާއި މަޖިލީހުގެ އަޣުލަބިއްޔަތުގެ ވިސްނުމަށް ހުރަސް އެޅިދާނެ ފަދަ ކަންކަން ނުކުރުމަށް އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުން ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން އެ ކަމަށް ގޮވައިލީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް އެ ޕާޓީން ހުށަހެޅި މައްސަލަ ފަސް ފަހަރެއްގެ މަތިން އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވުނު މައްސަލާގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އިއްޔެ ނެރުނު ހުކުމާ ގުޅިގެންނެވެ. އެމްޑީޕީން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދާއިރު، ނައިބު ރައީސް ނެތް ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ސުޕްރީމް ކޯޓުން އިއްޔެ އެ މައްސަލައިގައި އެމްޑީޕީއާ އެއްކޮޅަށް ހުކުމް ކުރުމާ ގުޅިގެން އެ ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެއީ ގާނޫނުއަސާސީގެ ސިޔާދަތު ކަށަވަރުކޮށްދީ، ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ނަގަހައްޓައިދިން ހުކުމެއް ކަމަށެވެ.

ކޯޓުގެ އެ ނިންމުން އެމްޑީޕީ ޕީޖީން ސިފަ ކުރީ މަޖިލީހުގައި އަޅުވާފައިވާ މަރުތަޅު ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ ކާމިޔާބީއެއްގެ ގޮތަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ، ކުރިއަށް އޮތް ތަނުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފު އެއްވެސް ކަމެއް މަޖިލީހުގެ އިދާރާއިން ނުކުރެއްވުމެވެ. އަދި އެއްވެސް ފަރާތަކުން، ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތް ވާ ގޮތުގެ މަތީން، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ކަންކަން ނިންމުމަށް ހުރަސް އެޅިދާނެ ފަދައަކުން ކަންކަން ނުކުރެއްވުމެވެ،" ބަޔާނުގައި ވެ އެވެ.

އެމްޑީޕީން ބުނީ ގާނުނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުމަށް ކުރާ ކޮންމެ ކަމެއް ހުއްޓުވުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް އެ ޕާޓީން ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން އިއްްޔެ ކުރި ހުކުމުގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހުސްކަމަން އޮތް ހައްލެކެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރި އެވެ.