Roadha Mihaaru
އޭއެފްސީ ކަޕް މޮޅު ފޯވާޑުންގެ ތެރޭގައި ދަގަނޑޭ!

އޭއެފްސީ ކަޕް މޮޅު ފޯވާޑުންގެ ތެރޭގައި ދަގަނޑޭ ވާދަކުރަނީ!

29 މާޗް 2021

އޭއެފްސީ ކަޕްގެ ޑްރީމް ޓީމެއް ހޮވުމުގެ ގޮތުން ހުޅުވާލި އޮންލައިން ވޯޓިން ޕޯލެއްގައި މުބާރާތުގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕްގެ ޑްރީމް ޓީމެއް ހޮވުމުގެ ގޮތުން ހުޅުވާލި އޮންލައިން ވޯޓިން ޕޯލެއްގައި މުބާރާތުގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެ އެވެ.

އޭއެފްސީ ކަޕްގެ ޑްރީމް ޓީމު ޕޯލްގައި އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވެސް ވާދަކުރި އެވެ. އެކަމަކު މަދުން ވޯޓު ލިބުމުން އަކޫ އަށް ޑްރީމް ޓީމުން ފުރުސަތު ނުލިބެ އެވެ.

އޭއެފްސީ ރަސްމީ ވެބްސައިޓްގައިވާ ގޮތުން އޮންލައިން ވޯޓަކުން ހޮވާ ޑްރީމް ޓީމު އެކުލަވާލަނީ 3-4-3 ފޯމޭޝަނަށެވެ. އޭއެފްސީ ވެބްސައިޓް މެދުވެރިކޮށް ކުރިއަށްދާ މި ވޯޓުގައި އަންނަ ހުކުރު ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށް ދަގަނޑޭ އަށް ވޯޓު ދެވޭނެ އެވެ. އޭއެފްސީން ވަނީ 13 ފޯވާޑުން މި ޕޯލްގައި ޝޯޓްލިސްޓުކޮށްފަ އެވެ. މީގެ ތެރެއިން ޑްރީމް ޓީމުގައި ހިމެނެނީ ތިން ފޯވާޑުންނެވެ.

މި ވަގުތުގެ ވޯޓިން އަށް ބަލާއިރު ދަގަނޑޭ އެންމެ ކުރީގައި އޮތީ 40 ޕަސެންޓް ވޯޓު ހޯދައިގެންނެވެ.

އެންމެ ފުރަތަމަ 2004 ވަނަ އަހަރު އުމުރުން އެންމެ 18 އަހަރުގައި ދަގަނޑޭ ވަނީ އޭއެފްސީ ކަޕްގައި ކުޅެފަ އެވެ. މިހާތަނަށް އޭއެފްސީ ކަޕްގެ 10 މުބާރާތެއްގައި ހަތަރު ޓީމަކަށް ދަގަނޑޭ ވަނީ ކުޅެފަ އެވެ. އެއީ ނިއު ރޭޑިއަންޓާއި ވީބީ އައްޑޫ އެފްސީ އާއި ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބް އަށެވެ. ދަގަނޑޭ ވަނީ މިހާތަނަށް މި މުބާރާތުގެ ތާރީހުގައި 29 ގޯލު ޖަހައިފަ އެވެ.

އޭއެފްސީ ކަޕްގައި 2018 ވަނަ އަހަރު ނިއު ރޭޑިއަންޓާއި ބެންގަލޫރު ކުޅުނު މެޗުގެ ތެރެއިން: ދަގަނޑޭ (ވ) އާއި ޗެތުރީ ސަލާމްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭއެފްސީ ކަޕްގައި 2018 ވަނަ އަހަރު ނިއު ރޭޑިއަންޓާއި ބެންގަލޫރު ކުޅުނު މެޗުގެ ތެރެއިން: ދަގަނޑޭ (ވ) އާއި ޗެތުރީ ސަލާމްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ޕޯލުގައި ދަގަނޑޭއާ ވާދަކުރާ ދެކުނު އޭޝިއާ އަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިއަކީ ބެންގަލޫރުގެ ފޯވާޑް އަދި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ. ޗެތުރީ ވަނީ މި މުބާރާތުގައި 18 ގޯލު ޖަހައިފަ އެވެ.

އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ދަގަނޑޭ އާއި ޗެތުރީގެ އިތުރުން ދެން ހިމެނެނީ އީރާގުގެ ހައްމާދީ އަހުމަދާއި ސްޕެއިނުގެ ބިއެންވެނީޑޯ މަރަނޯން، ސިންގަޕޫރުގެ އަލެކްސަންޑަ ޑުރިޗް، ލެބަނަންގެ މުހައްމަދު ގައްދާރު، ޖޯޑަންގެ މުހައްމަދު ޝައެލްބާ، އީރާގުގެ އަމްޖަދު ރާދީ، ބްރެޒިލްގެ ރީކޯ، ޓިއުނީސިއާގެ އިސާމް ޖެމާ، ޖޯޑަންގެ އަބްދުލްހާދީ އަލްމަހުރަމީ، ސީރިއާގެ ރަޖާ ރާފް އަދި ތަޖިކިސްތާންގެ މަނޫޝޭރް ޒުހަލިލޯފް އެވެ.

މިދިޔަ އަހަރު އޭއެފްސީން ކުރިއަށް ގެންދިޔަ އޮންލައިން ޕޯލްތަކުގައި ދިވެހި ފުޓްބޯޅަ ސަޕޯޓަރުން ވަނީ ދަގަނޑޭ އަށް ބޮޑު ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެ ގޮތުން އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލުގެ މަގާމާއި އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖް ކާމިޔާބުކުރީ ދަގަނޑޭ އެވެ. މި ދެ ޕޯލުން ވެސް ދަގަނޑޭ އަށް ކުރި ލިބުނު ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ޖެހި ގޯލެވެ.