Roadha Mihaaru
ފްރާންސަށް މޮޅެއް، ސްޕެއިން ސަލާމަތްވީ ކިރިޔާ

އިންގްލެންޑާއި ފްރާންސަށް މޮޅެއް، ސްޕެއިން ސަލާމަތްވީ ކިރިޔާ

29 މާޗް 2021

ލަންޑަން (މާޗް 29) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިންގްލެންޑާއި ފްރާންސް ކުޅުނު މެޗުތަކުން ކުރިހޯދިއިރު، ޖޯޖިއާ އަތުން ފަހު ވަގުތު ޖެހި ގޯލުން 2-1 އިން ސްޕެއިން މޮޅުވެއްޖެ އެވެ.

ލަންޑަން (މާޗް 29) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިންގްލެންޑާއި ފްރާންސް ކުޅުނު މެޗުތަކުން ކުރިހޯދިއިރު، ޖޯޖިއާ އަތުން ފަހު ވަގުތު ޖެހި ގޯލުން 2-1 އިން ސްޕެއިން މޮޅުވެއްޖެ އެވެ.

ފާއިތުވި 28 އަހަރު ސްޕެއިން ވޯލްޑް ކަޕް ކޮލިފައިން މެޗަކުން ބަލިވެފައިނުވެ އެވެ. ދުނިޔޭގެ ރޭންކިންގެ 89 ވަނައިގައި އޮތް ޖޯޖިއާ ވަނީ ރޭ ފުރަތަމަ ހާފުގައި ލީޑެއް ނަގައިފަ އެވެ. އެ ޓީމުގެ ގޯލު ޖެހީ ވިޗާ ވަރަޓްޝްހެލިއާ އެވެ.

ކޮލިފައިން ފުރަތަމަ މެޗުގައި ސްޕެއިން ވަނީ މިދިޔަ ހަފްތާގައި ގްރީސްއާ އެއްވަރުވެފަ އެވެ. ކޮލިފައިން ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ނިންމާލަން ބޭނުންނުވާތީ ސްޕެއިން އިން ވަނީ ދެ ވަނަ ހާފުގައި ބުރަކޮށް މަސައްކަތްކޮށްފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ ސްޕެއިނަށް އެއްވަރުކޮށްދިނީ މެންޗެސްޓާ ސިޓީގެ ވިންގް ފެރާން ޓޮރޭޒް އެވެ. ސްޕެއިން މޮޅުވި ގޯލު އިތުރު ވަގުތުގައި ޖެހީ އާރްބީ ލައިޕްޒިގަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރު ޑެނީ އޮލްމޯ އެވެ. އޭނާ ގޯލު ޖެހީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގަ އެވެ.

ޖޯޖިއާ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގެ ފަހު މިނިޓްގައި އެ ޓީމުގެ ލެވަން ޝެންހެލީއާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ.

ކަޒަކްސްތާން ދަނޑުގައި 2-0 އިން މޮޅުވެ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އިން ވަނީ މި ފަަހަރުގެ ކޮލިފައިންގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. ކޮލިފައިންގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހަފްތާގައި ޔޫކްރޭނާ ވަނީ އެއްވަރުވެފަ އެވެ. ފްރާންސް އިން ދެ ގޯލު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ. އެ ޓީމަށް ލީޑުނަގައިދިނީ އޮސްމާން ޑެމްބެލޭ އެވެ. ދެން އެ ޓީމުން ޖެހި ގޯލަކީ ކަޒަކްސްތާންގެ ސާހީ މައިލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ފްރާންސްގެ އެންތަނީ މާޝިއަލް އަށް އަނިޔާވެގެން އޭނާގެ ބަދަލުގައި ކުޅެން އެރި ކީލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

އިންގްލެންޑުން ވަނީ އަލްބޭނިއާ ދަނޑުގައި 2-0 އިން މޮޅުވެ ކޮލިފައިންގެ ދެ ވަނަ މެޗުން ވެސް މޮޅުވެފަ އެވެ. އިންގްލެންޑްގެ ގޯލުތައް ޖެހީ މޭސަން މައުންޓާއި ހެރީ ކޭން އެވެ. ރުމޭނިއާ ދަނޑުގައި 1-0 އިން މޮޅުވެ ޖަރުމަނުން ވެސް ވަނީ ކޮލިފައިންގެ ދެ ވަނަ މޮޅު ހޯދައިފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ ކައި ހަވާޓްޒް ދިން ބޯޅައަކުން ސާޖް ގްނަބްރީ އެވެ.

ރޮބާޓޯ މަންޗިނީގެ ކޯޗުކަމުގައި ތަފާތު ދައްކަމުން އަންނަ އިޓަލީ ވެސް ވަނީ ކޮލިފައިންގައި މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. ރޭ އެ ޓީމުން ވަނީ ބަލްގޭރިއާ އަތުން 2-0 އިން މޮޅުވެފަ އެވެ. އިޓަލީގެ ގޯލުތައް ޖެހީ އަންދްރެއާ ބެލޮއްޓީ އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެނުއަލް ލޮކަޓެލީ އެވެ.