Roadha Mihaaru
ވިމްލާއަށް 78 މިލިއަން ދައްކަން ކުރި ހުކުމް ބާތިލް

ވިމްލާ އަށް 78 މިލިއަން ދައްކަން ދައުލަތުގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި

29 މާޗް 2021

ސުނާމީ ކާރިސާގައި ގެދޮރު ގެއްލުނު މީހުންނަށް ގެތައް އިމާރާތް ކުރުމުގެ މަސައްކަތާ ގުޅިގެން ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުނާމީ ކާރިސާގައި ގެދޮރު ގެއްލުނު މީހުންނަށް ގެތައް އިމާރާތް ކުރުމުގެ މަސައްކަތާ ގުޅިގެން ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ވިމްލާ އަށް 78 މިލިއަން ރުފިޔާ ދައްކަން 2016 ގައިި ސިވިލް ކޯޓުން ހުކުމްކުރީ ސުނާމީއާ ގުޅިގެން ގއ. އަތޮޅުގެ ތިން ރަށެއްގައި އެ ކުންފުނިން އެޅި ގެތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ކުންފުނިން ދައުވާ ކުރުމުންނެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ދައުލަތާއި ވިމްލާއާ ދެމެދު ހަދާފައިވާ އެއްބަސްވުން އޮތްގޮތުން، ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ނުވެއްޖެ ނަމަ، އެކަން ހައްލު ކުރަން ޖެހެނީ އެޖުޑިކޭޓާގެ ހައިސިއްޔަތުން ފިނޭންސް މިނިސްޓްރީގައި އޮންނަ ޓެންޑާ އިވެލުއޭޝަން ބޯޑު މެދުވެރިކޮށް ކަމަށެވެ. އެޖުޑިކޭޓާގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލައެއް ދެން ބެލޭނީ އާބިޓްރޭޝަނަށް ކަމަށް އެ އެއްބަސްވުމުގައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ކޯޓަށް އައުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރައާތުތައް ފުރިހަމަ ނުކޮށް ކޯޓުތަކަށް މައްސަލަ ހުށަނޭޅޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެއްބަސްވުން އޮތްގޮތުން އިންވޮއިސްތަކަށް ފައިސާ ދޫކުރެވެނީ ޕްރޮޖެކްޓް މެނޭޖަރު އެ އިންވޮއިސްތައް އެޕްރޫވް ކުރުމުން ކަމަށާއި އެކަމަކު 78 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރީ ޕްރޮޖެކްޓް މެނޭޖަރު އެ އިންވޮއިސްތައް އެޕްރޫވް ނުކުރަނީސް ކަމަށް ހައި ކޯޓުގެ އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ 78 މިލިއަން ދައްކަން ދައުލަތުގެ މައްޗަށް ހުކުމްކުރީ އެއްބަސްވުމަށް ރިއާޔަތް ނުކޮށް ކަމަށެވެ. އެހެންވެ، އެ ހުކުމް ބާތިލްކުރީ ކަމަށް ހައި ކޯޓުގެ ހުކުމުގައިިވެ އެވެ.

ވިމްލާ އަށް 78 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރުމުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން މި ސަރުކާރުން މަސައްކަތް ފެށި އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ކުރިން ބެލި އެވެ.