Roadha Mihaaru
ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކަނީ

ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސުކޫކް އަންނަ މަހު ވިއްކަނީ

30 މާޗް 2021

ސަރުކާރުން 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ގެ ސުކޫކު ވިއްކައިލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ގެ ސުކޫކު ވިއްކައިލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ އެވެ.

ބައިނަލްއަގްވާމީ ނިއުސް އެޖެންސީ ރޮއިޓާސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޔޫއެސް ޑޮލަރުގެ މި ސުކޫކު ވިއްކައިލަނީ ފަސް އަހަރަށް 10.5 ޕަސެންޓުގެ އީލްޑް ޜޭޓުންނެވެ. މި ސުކޫކު މުއާމަލާތު ކުރިއަށް ގެންދަނީ ކްރެޑިޓް ސުއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލް އާއި އެސްއެސްބީސީ އާއި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިވެގެންނެވެ.

މިއިން ރާއްޖެ އިން ބައިނަލްއަގްވާމީ މާކެޓްގައި ސުކޫކެއް ވިއްކާ އެންމެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ މާކެޓްގައި 2017 ވަނަ އަހަރު ސޮވެރިން ބޮންޑެއް ވިއްކާފައިވެ އެވެ.

މި ސުކޫކަށް ރޭޓިން އޭޖެންސީ މޫޑީސްގެ ބީތްރީގެ ރޭޓިންނެއް ލިބިފައިވާ އިރު، އެންމެ ފަހުގެ ސެޓްލްމަންޓު ކުރިއަށް ގެންދާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ބޭރުގެ ފަރާތްތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށްޓަކައި އައިސީޑީއާ އެކު ކުރާ މަސައްކަތުގެ ތެރެއިން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ރަޖިސްޓަރީ ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށް ނިންމައިފަ އެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ބޮޑު ފާޑުކިޔުމެއް ސަރުކާރަށް އަމާޒުވެފައިވެ އެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ބުނާގޮތުން، ދިވެހި ސަރުކާރުން އިޝޫކުރާ މި ސުކޫކަކީ ރެގް އެސް އިސްލާމިކް ބޮންޑެކެވެ. މާނައަކީ މި ބޮންޑު ޔޫއެސް ސެކިއުރިޓީސް އެންޑް އެކްސްޗޭންޖްް ކޮމިޝަންގައި ރަޖިސްޓަރީއެއް ނުވާނެ އެވެ. އެހެން ކަމުން މި ސުކޫކަށް އެމެރިކާގެ އިންވެސްޓަރުން އިންވެސްޓެއް ނުކުރާނެ އެވެ.