Roadha Mihaaru
ސަސް އިން މާޒިޔާ ހިފަހައްޓައިފި

ސަސް އިން މާޒިޔާ ހިފަހައްޓައިފި

04 އެޕްރީލް 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) އާއި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) އާއި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް ގިނައިރު ބޯޅަ ހިފަހައްޓައި، ގިނަ ފުރުސަތުތަކެއް އުފެއްދި ނަމަވެސް، މި މެޗުގައި މާޒިޔާ އަށް ސަސްގެ ފަހަތް ފޫއަޅުވާލެވޭ ގޮތެއްނުވި އެވެ. މާޒިޔާ އިން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް، ސަސްގެ ގޯލްކީޕަރު ރަވަޝަންބެކް އުގްލީ ވަނީ ދިފާއުކޮށްފަ އެވެ.

ތާވަލްގެ އެއްވަނައިގައި މާޒިޔާ އޮތީ 25 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ވެލެންސިއާގެ މައްޗަށް މާޒިޔާ އަށް މިހާރު ވަނީ ހަތް ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ.

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މެޗުގައި މާޒިޔާގެ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށާއި މެޗުގައި ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށެވެ.

"މުޅި މެޗު ކަހަލަ ގޮތަކަށް މާޒިޔާ އިން މި ޑޮމިނޭޓްކުރީ. ލިބުނު ފުރުސަތުތަކުގައި ކުޅުންތެރިންގެ ޑެސިޝަން މޭކިންގެ ގޯސްތަކެއް ވެސް އުޅުނު. އެކަމަކު ޖުމްލަކޮށް ބަލާއިރު ކުޅުންތެރިންގެ މަސައްކަތް ވަރަށް ރަނގަޅު. ލިބުނު ފުރުސަތު ނިންމާލެވުނީ ނަސީބު ވެސް ދެރަކަމުން،" ރިސްޓޯ ބުންޏެވެ.

ރިސްޓޯ ބުނީ ލީގުގައި ބާކީ އޮތް މެޗުތަކުގައި ހުރިހާ ޓީމެއް ވެސް މާޒިޔާއާ ދެކޮޅަށް ކުޅޭނީ ޑިފެންސިވް ގޭމެއް ކަމަށެވެ. އަދި އެކަމަށް މާޒިޔަ އިން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ.

މި މެޗުގެ ކުރިން ސަސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ދެއްކި ވާހަކަތަކުން ވެސް އެނގުނު ގޮތުގައި މި މެޗުގައި ސަސްގެ އަމާޒަކަށް ވަނީ ޕޮއިންޓެއް ހޯދުމެވެ. މެޗު ފެށުނީންސުރެ، ސަސްގެ ގޭމް ޕްލޭން ބައްޓަންވެފައި އޮތީ އެ އަމާޒަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ސަސް އިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ފިޔަވައި، މުޅި މެޗުގައި ވެސް އެ ޓީމަށް ރަނގަޅު ފުރުސަތެއް ނުއުފެއްދުނެވެ. މުޅި މެޗުގައި ޑިފެންސަށް އިސްކަން ދީގެން ކުޅުނު ސަސް އިން ވަނީ އެ ޓީމުގެ ގޭމްޕްލޭންގައި ހިފަހައްޓައި، މެޗުން ޕޮއިންޓެއް ހޯދައިފަ އެވެ.

މި ޕޮއިންޓާއެކު ސަސް ވަނީ ލަނޑުގެ ތަފާތުން ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. ސަސް އާއި އީގަލްސްގެ ވެސް މިހާރު އޮތީ 12 ޕޮއިންޓާއެކު އެވެ. އެކަމަކު ސަސް ވަނީ އީގަލްސަށްވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ސަސްގެ ކޯޗު މުހައްމަދު ސިޔާޒް (މޯހަން) ބުނީ މެޗުގައި ކުޅުންތެރިން ކުރި މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

" މި މެޗުން ސަސް އަށް މި ލިބުނީ ވަރަށް މުހިންމު ޕޮއިންޓެއް. މި މެޗުގައި ކުޅުންތެރިންގެ ފަރާތުން އެ ފެނުނު އެފަޓާމެދު ވަރަށް ހިތްހަމަޖެހޭ،" މޯހަން ބުންޏެވެ.