Roadha Mihaaru
ކުރަން ހެޔޮ ކަމެއް، ވަސިއްޔަތެއް ނެތް: މަރާލާ!

ކުރަން ހެޔޮ ކަމެއް، ވަސިއްޔަތެއް ނެތް: ބަޑި ޖަހައި މަރާލާ!

07 އެޕްރީލް 2021

މިއީ ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒުކުރިތާ ބަރާބަރު 68 އަހަރު ފުރުނު ދުވަހެވެ. އެ ދުވަހު ހެނދުނު ނާދީ ތަމައްދުންގައި ބޭއްވި ޝަރީއަތަށް ފަހު ފަނޑިޔާރު މަނިކުފާނު ފަޟީލަތުއް ޝައިޚު ޖަލާލުއްދީން އިއްވެވި މަރުގެ ހުކުމާއި ތައުޒީރު ކުރުމުގެ ހުކުމްތައް ދުވަހުން ދުވަހަށް ތަންފީޒުކޮށް ނިންމާލީ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މިއީ ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒުކުރިތާ ބަރާބަރު 68 އަހަރު ފުރުނު ދުވަހެވެ. އެ ދުވަހު ހެނދުނު ނާދީ ތަމައްދުންގައި ބޭއްވި ޝަރީއަތަށް ފަހު ފަނޑިޔާރު މަނިކުފާނު ފަޟީލަތުއް ޝައިޚު ޖަލާލުއްދީން އިއްވެވި މަރުގެ ހުކުމާއި ތައުޒީރު ކުރުމުގެ ހުކުމްތައް ދުވަހުން ދުވަހަށް ތަންފީޒުކޮށް ނިންމާލީ އެވެ.

ރާއްޖޭގައި ކަންކަން ހިނގާފައިވާ ގޮތުގެ ރެކޯޑްތަކުގައި މި ޝަރީއަތުގެ ވާހަކަ ލިޔެފައިވާ ގޮތުން އެއީ ވެސް ދުވަހުގެ މި ވަގުތެވެ. ހެނދުނު 9:00 ގައި ޝަރީއަތް ފަށައިގެން ކުރިއަށް ދިޔައިރު އައީ ދައުވާ ލިބުނު މީހުންގެ އިއުތިރާފެވެ.

ހުވަދު އަތޮޅު އަތޮޅު ވެރިޔާ ވީރު އަލީ ދީދީ އަވަހަރާކޮށްލަން ސިހުރު ހެދީ އެވެ. ވިހަ ގަދަ ހިކާއެއްގައި ސިހުރެއް ލިޔެ އެއިން ފެން ކައްކައި އެ ފެނުން ސައި ތައްޔާރުކޮށް އަތޮޅުވެރިޔާ އަށް އަރުވައި އޭނާ އަވަހާރާކޮށްލީ އެވެ. ހަމަ އެ މައްސަލައިގެ ތެރެއިން އުފެދިގެން އައީ ރާއްޖޭގެ ފުރަތަމަ ރައީސްކަމާ ހަވާލުވެވަޑައިގެންތާ އޭރު ކިރިޔާ މަސް ދުވަސް ވީ މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލަން ވެސް ސިހުރު ހެދި ކަމަށް ވީ އިއުތިރާފެވެ.

މި ހާދިސާ އާއި ހުކުމަކީ ސިޔާސީ ޑްރާމާއެއް ކަމަށް، އެތައް ސަބަބަކާ ހެދި ގަބޫލުކުރާ މީހުން އުޅެ އެވެ. އަތޮޅުވެރިޔާ އަވަހާރަކޮށްލީ ޒަހަރު ދީގެން ކަމަށް ވުން އެކަށީގެން ވިޔަސް އަމީން އަވަހަރާކޮށްލަން އުޅުނު ކަމަށް ވީ އިއުތިރާފާ މެދު ސުވާލު އުފައްދަ އެވެ. އަތޮޅުވެރިޔާ އަވަހާރަވި ޚަބަރާ އެކު އެކަން ތަހުގީގުކުރަން އެ އަތޮޅަށް ޓީމެއް ފޮނުވި އެވެ. އެއްބަޔަކު ބުނަނީ ރައީސް އަމީނަށް ސިހުރު ހެދީ ތަހުގީގަށް ހުވަދު އަތޮޅަށް ވަޑައިގަންނަވާ ޚަބަރު، މިކަމުގައި ހިމެނޭ މީހުންނަށް ލިބުމުން އަމީންގެ ބާރު ކަނޑުވާލަން ކަމަށެވެ. އެކަމަކު އަމީން ހުވަދުއަށް ވަޑައިގަތްކަމަށް ބުނާ ވާހަކަ ވެސް ބައެއް މީހުން ދޮގުކުރެ އެވެ.

ސިހުރުގައި އަރާހުރި މީހެއް ކަމަށްވާ ހަކީމް ދީދީ އާއި އަމީނާ މެދު ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށާއި އަމީން ވެސް ހުންނެވީ ހަކީމްގެ ކިބައިން ބަދަލު ހިފަން ބޭނުންވެފައި ކަމަށް ވެސް ކިޔައި އުޅެ އެވެ.

އެ ބަހުސް ދޫކޮށްލާފައި މި ލިޔުން ބިނާކޮށްފައިވާނީ ރާއްޖޭގައި ކަންކަން ހިނގާފައިވާ ގޮތުގެ ރެކޯޑަށެވެ.

ހަކީމް ދީދީގެ އިއުތިރާފުން މަރަށް މަރު

ޝަރީއަތް ހިންގިއިރު، ސިހުރު ހަދައިދޭން ބުނި މީހާ ދުނިޔެއަކު ނެތެވެ. އެއީ ގއ. ވިލިނގިލީ އަނީސް ކިޔާ މީހެކެވެ.

އަނީސްގެ އެދުމަށް ސިހުރު ހެދިކަމުގެ ދައުވާ އުފުލީ ގއ. ވިލިނގިލީ ދޮން އަހުމަދުގެ އަލި ތަކުރުފާނާއި ދޮންދިޔަގެ އަލި ތަކުރުފާނާއި އެ އަތޮޅު ނިލަންދޫ ހަކީމް ދީދީ އާއި ދޮން އަހުމަދު އަނީސް (ރެކިފުތާ) އާއި ދޮން އަހުމަދުގެ އައިސާފާނުގެ މައްޗަށެވެ.

އަމީން އަވަހާރަކޮށްލަން ސިހުރު ހެދީ ގޮދަން ފުށުން ހެދި އަމީންގެ ސޫރައަކަށް ކަމަށާއި އެ ފުށްގަނޑު ކައި ހުސްކުރަން ހަވާލުކުރީ އަލީ ތަކުރުފާނަށް ކަން ހާމަވެގެން ދިޔައީ ޝަރީއަތުގެ މަޖިލީހުގައި ވީ އިއުތިރާފުންނެވެ.

"އެ ސޫރަ ކާން އުޅެއުޅެ ނުކެވުނު ކަމުގައި ވެސް އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތުގެ މަޖިލީހަށް ސާބިތުވި އެވެ،" ލިއުމުގައި އެވެ.

"މިކަން ޝަރީއަތުގެ މަޖިލީހަށް ސާބިތުވީ، އޮޅުމެއް ނެތް އިބާރާތުން، ފަށްފަށުން ހަކީމް ދީދީ ވީ އިއުތިރާފުންނެވެ. އާދޭހެވެ! ޖެހިލުމެއް ނެތި ހަކީމް ދީދީ އިއުތިރާފުވީ، އެ ނުބައި ސިހުރުތަކާއި އެ ސިހުރުތައް ހަދާނޭ ގޮތް އަނީސް ގާތުގައި ބުނެދިނީ އޭނާ ކަމަށެވެ،" އޭގައި ލިޔެފައިވެ އެވެ.

ހަކީމް ދީދީ އެކަން ކުރީ ވިހަ ހިކާއެއް ފެނުގައި ކެއްކުމުން އުފެދޭ ޒަހަރަކީ މީހަކު މަރުވެދާނެ ފަދަ އެއްޗެއްކަން އެނގި ހުރެގެން ކަމަށް ވެސް ބުނެފައިވެ އެވެ.

"ފަނޑިޔާރު މަނިކުފާނު ކަނޑައެޅުއްވީ އިސްލާމް ދީނުގައި ކަނޑައެެޅިގެންވާ ގޮތުގެމަތީން މި ނުލަފާ މުޖުރިމުންގެ މަރު ހިފުމަށެވެ،" ފަޟީލަތުއް ޝައިޚު ޖަލާލުއްދީން ކުރެއްވި ހުކުމް ބަޔާންކުރަމުން ލިޔެފައިވެ އެވެ.

މަރުގެ ހުކުމް އިއްވައި އެ ހުކުމް ތަންފީޒުރުކުރުމުގެ ކުރިން، އަވަހާރަވި އަތޮޅުވެރިޔާގެ ވާރިސުންގެ ބަހެއް ހޯދި ކަމެއް ނުހޯދާ ކަމެއް ލިޔެކިޔުންތަކުން ފެންނާކަށް ނެތެވެ.

ތުއްތު ކުދިންގެ ގަބުރު ކޮނުމާއި ނުބައި އެތައް ކަމެއް!

ވިލިނގިލީ ދޮން އަހުމަދުގެ އާއިޝާފާނަކީ ހިކަ ލައިގެން ސައިކުރާ ކައްކައިދީ އަދި އެކަމުގައި އެކި ގޮތްގޮތުން އެހީތެރިވި މީހެއް ކަމަށް ވެސް ފަނޑިޔާރު ކަނޑައެޅުއްވި އެވެ. އަދަބެއް ކަމަށް ނިޔާ އިއްވެވީ 39 އެތިފަހަރުން ތައުޒީރުކޮށް "އުމުރު ނިމިއްޖެއުމަށް ދާންދެން" ހައްޔަރުކޮށްފައި ބެހެއްޓުމެވެ.

ވިލިނގިލީ މިސްކިތު ގަބުރުސްތާނުގައި ވަޅުލާފައި އޮތް ތުއްތު ދެ ކުއްޖެއްގެ ގަބުރު ނަގައި އެ ކުދިންގެ ބަނޑު ފަޅައި މޭގަނޑު ނަގައިގެން އޭގައި ތެޔޮ ހާނައި އެ ތެޔޮ ގައިގައި ލައި، ތެޔޮ ހޭނި ކުނޑިތައް ކޭ ކަމަށް ނިލަންދޫ ހަކީމް ދީދީ އާއި ދޮން އަހްމަދު އަލީ ތަކުރުފާނާއި ދޮން ދިޔަ އަލީ ތަކުރުފާނުގެ މައްޗަށް އުފުލި ކުށްތަކުގެ ތަފުސީލުގައިވެ އެވެ.

އަމީން އަވަހާރާކޮށްލަން ސިހުރު ހެދި ފުށްގަނޑަށް ޖެހީ އެ ތެޔޮ ކަމަށްވެ އެވެ. އެ ފުށްގަނޑު ކައި ހުސްކުރަން ހަވާލުކުރި އަލީ ތަކުރުފާނަށް އެކަން ކާމިޔާބު ނުވެ ކޭ އެއްޗެހި ހޮޑަށް ބޭރުވީއޭ ވެސް ބުނެފައިވެ އެވެ.

"މި ތިން މީހުން ކުރެ ދެ އަލީ ތަކުރުފާނާ މެދު ފަނޑިޔާރު މަނިކުފާނު ކަނޑައެޅުއްވީ 39 އެތިފަހަރުން ތައުޒީރުކުރުމަށް ފަހު އުމުރަށް ހައްޔަރުކުރުމަށެވެ."

ދޮން ދިޔަ އަލީ ތަކުރުފާނު މިކަމަށް ޝަރީއަތުގައި އިންކާރުކުރި އެވެ. އެކަމަކު ކުށް ސާބިތުވާ ކަމަށް ހުކުމް ކުރެއްވީ "ބޮޑު ދެ ނައިބުންނާއި، އަދި ރައްޔިތުންގެ ގެއިގެ ތިން ހަތަރު މެންބަރުންގެ ހާޒިރުގައި ހަވަރު ތިނަދޫގައި، އަލީ ތަކުރުފާނު އެކަން އޭނާ ކުޅައުމުގައި ސޮއިކޮށްފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށްގެން" ކަމަށް ލިޔުންތަކުގައި ފެންނަން އެބަ އޮތެވެ. މާނަ އަކީ، ތަހުގީގު ބަޔާނަކަށް ބުރަވެ ހުކުމް ކުރެއްވުމެވެ. އެހެންވެ ފަނޑިޔާރު ނިންމެވީ ޝަރީއަތުގައި އެ ހަދަނީ ދޮގުކަން "އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން" ސާބިތުވާ ކަމަށެވެ.

ހިކައިގެ ޒަހަރު ސައި ތަށި އަތޮޅުވެރިޔާ ވީރު އަލީ ދީދީ އަށް އެރުވީ އަނީސްގެ އަންހެނުން ފާތުމަތެވެ. އޭނާ ވެސް މިކަމަށް ޝަރީއަތުގައި އިއުތިރާފުވުމުން ހުކުމް އިއްވެވީ 29 އެތިފަހަރުން ތަރުޒީރުކުރުމަށެވެ. އެކަމަކު އޭރު އޭނާ އިނީ ބަލިވެ އެވެ. އެހެންވެ ހުކުމް ތަންފީޒުކުރަން އެންގެވީ ވިހައި ގަދަވުމަށް ފަހުގަ އެވެ.

ހުކުމް ކުރި ދުވަހު ހުކުމް ތަންފީޒުކުރި

ހުކުމް ކުރި ދުވަހު ހަވީރު ހުކުމް ތަންފީޒުކޮށް ހަކީމް ދީދީ ގަޔަށް ބަޑި ޖަހައި މަރާލީ ހުޅުލޭގަ އެވެ. އެއީ ފަނޑިޔާރު ޖަލާލުއްދީނާއި ވަޒީރުލް އަމީން އާންމާއި ވަޒީރުލްއަމީން އާންމުގެ ވަކީލާއި މަހްކަމަތުއް ޝަރިއްޔާގެ ވެރިޔާގެ ގާއިމު މަގާމު އައްޝައިޚް އިބްރާހިމް ރުޝްދީ އަލްއަޒްހަރީ އާއި ފަޟީލަތުއް ޝައިޚް މަލިމް މޫސާ ކަލޭފާނުގެ ހާޒިިރުގަ އެވެ.

"ބަޑި ޖެހުމުގެ ކުރީގައި ވަޒީރުލް އަމަންއާންމުގެ އެދިވަޑައިގަތުމަށް، އެއްވެސް ހެޔޮ ކަމެއް އެބަ އޮތްތޯ ނުވަތަ އޭނާގެ ކުދިންނާ މެދު ކުރާނޭ ވަސިއްޔަތެއް ނުވަތަ ދަންނަވާނޭ އާދޭހެއް އެބަ އޮތްތޯ ފަނޑިޔާރު މަނިކުފާނު ސުވާލުކުރެއްވި ހިނދު، އެ ނުލަފާ މުޖުރިމު ޖަވާބު ދިނީ ނެތްކަމުގަ އެވެ."

ހުޅުލޭގައި ހުރި ރުކެއްގައި ހަކީމް ދީދީ ބަނެވެ. ދެން މޫނު ވެސް ނިވާކުރި އެވެ. އޭނާގެ ބޮލާއި މެޔަށް ބަޑި ޖެހީ ޓިނު އަލިފުޅެވެ. އޭނާ އަކީ ބަޑި ޖެހުމުގައި އޭރު އެއް ވަނަ އެވެ.

ހަމަ މި ދުވަހު މި މައްސަލާގައި ހިމެނުނު އެހެން މީހުންގެ މައްޗަށް ވެސް ހުކުމް ތަންފީޒުކުރި އެވެ.