07 ފެބުރުއަރީ 2023
ގިނަ ޕާޓީތައް ހިމެނޭ ގޮތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ އިންތިހާބުން ރައީސް ކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދުގެ ވެރިކަން މީގެ 11 އަހަރު ކުރިން މިއަދު ނިމުމަކަށް އައީ ބޮޑެތި ހަމަނުޖެހުންތަކާ އެކުގަ އެވެ. މި ދަނީ މީގެ 60 އަހަރު ކުރިއަށެވެ. ޖުމްހޫރީ ފުރަތަމަ ވެެރިކަމާއި އެ ވެރިކަމުގެ ފުރަތަމަ ރައީސްގެ ނިމުމެވެ. އެއީ ވެސް ސިޔާސީ ބޮޑުންނާއި ރައްޔިތުން ނުކުމެ ހިންގި ހަމަނުޖެހުމާއި ދެއްކި ދެކޮޅުވެރިކަމުގެ ނަތީޖާ އެވެ.
ގިނަ ޕާޓީތައް ހިމެނޭ ގޮތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ އިންތިހާބުން ރައީސް ކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދުގެ ވެރިކަން މީގެ 11 އަހަރު ކުރިން މިއަދު ނިމުމަކަށް އައީ ބޮޑެތި ހަމަނުޖެހުންތަކާ އެކުގަ އެވެ. މި ދަނީ މީގެ 60 އަހަރު ކުރިއަށެވެ. ޖުމްހޫރީ ފުރަތަމަ ވެެރިކަމާއި އެ ވެރިކަމުގެ ފުރަތަމަ ރައީސްގެ ނިމުމެވެ. އެއީ ވެސް ސިޔާސީ ބޮޑުންނާއި ރައްޔިތުން ނުކުމެ ހިންގި ހަމަނުޖެހުމާއި ދެއްކި ދެކޮޅުވެރިކަމުގެ ނަތީޖާ އެވެ.
އެއީ ހޯމަ ދުވަހެއްގެ މެންދުރު ފަހެވެ. އިވޭން ފެށީ މަތިންދާބޯޓެއްގެ އަޑެވެ. ރައީސް މުހައްމަދު އަމީން ކޮޅުނބުގައި ހުންނަވާފައި އެނބުރި ގައުމަށް ވަޑައިގަންނަވަނީކަން އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު މިދިޔަ 10 ދުވަސް ތެރޭ ހުރިހާ ކަމެއް ބަދަލުވެއްޖެކަން އަމީން ދީދީއަށް ސާފުކޮށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެ މަނިކުފާނަށް ޚަބަރުތައް ލިބިދާނެ ހުރިހާ ވަސީލަތެއް ބަންދުކޮށް، އަންގަވާފައި އޮތީ ދަތި ހާލަތު ބޮޑުވެ ރައްޔިތުން ހަޅުތާލަށް ނުކުމެއްޖެ ކަމަށެވެ.
މާލޭ ބަނދަރަށް ޖެއްސި ރޮޔަލް އެއާފޯސްގެ ކަނޑަށް ޖައްސާ މަތިންދާބޯޓް ކައިރިއަށް، އެއްގަމުގޭ ސުމުއްވުލް އަމީރް އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި ވެލާނާގެ އިބްރާޙިމް މުހައްމަދު ދީދީ ވަޑައިގެންފި އެވެ. އެކަމަކު އެއީ އަމީން ދީދީ ގައުމުން ބޭރަށް ވަޑައިގަންނަވަމުން ދައުލަތުގެ ޒިންމާތައް ހަވާލުކުރެއްވި ބޭފުޅުން އަމީން ދީދީ އަށް މަރުހަބާ ދަންނަވާކަށް ނޫނެވެ.
ރާވާފައި އޮތީ އަމީން ދީދީ މާލެއަށް ނާރުވައި ދޫނިދުއަށް ގެންދާށެވެ.
ރޭވި ގޮތަށް، އަމީން ދީދީ ދޯންޏަށް އަރުވައި ފަލި ޖަހަން ފެށީ ދޫނިދުއާ ދިމާލަށެވެ. ފަހަތުން އެހެން ދޯނިތަކެއް ވެސް ފަލި ޖަހާފައި ބާރުބާރަށް ނައްޓާލައިފި އެވެ.
ރޮޔަލް އެއާފޯސްގެ މީހުން ތިބެން ދޫނިދޫގެ އުތުރު ފަރާތުގައި ހަދާފައިވާ ރީތި އިމާރާތެއްގެ ފެންޑާމަތީގައި އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި ވެލާނާގެ އިބްރާޙިމް މުހައްމަދު ދީދީ އާއި އައްނަބީލް އިބްރާހިމް ފަރީދު ދީދީ އާއި ޝައިޚް އިބްރާހިމް ރުޝްދީ އާއި އައްނަބީލް އަބްދުލްވައްހާބާއި އިބްރާހިމް ޝިހާބާއި އިބްރާހިމް ހުސައިން ދީދީ އާއި ގަސްދޮށުގޭ އަހްމަދު ދީދީ އާއި އިބްރާހިމް ޒަކީ އާއި އެހެން ބައެއް ބޭފުޅުން ތިއްބެވި އެވެ. އިއްޔެއާ ހަމަޔަށް ރާއްޖޭގެ ރައީސްކަމުގެ ހުރިހާ ބާރަކާ އެކު ހުންނެވި އަމީން ދީދީ ހާސްވެ ވަޑައިގެން ހުންނަވައި އާދޭސް ދަންނަވަމުން ދިޔަ އެވެ. އެދިވަޑައިގަންނަވަނީ މާލެއަށް ގެންދިއުމަށެވެ. އަމީން ދީދީއާ ވާހަކަ ދެއްކެވީ ފާމުލަދޭރި ކިލެގެފާނެވެ.
ރޯޔަލް އެއާފޯސްގެ ސީޕްލޭނެއް: ރައީސް މުހައްމަދު އަމީން ކޮޅުނބުން މާލެއަށް މީގެ ބޯޓެއްގައި ވަޑައިގަތުމާ އެކު ގަދަކަމުން ގެންގޮސް އެރުވީ ދޫނިދޫގައި.
"އުއްމަތުގެ މަސްލަހަތާއި، އަމީންގެ ފުރާނަފުޅުގެ ހައްގުގައި އެއީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫނޭ" ދަންނަވަމުން ގެންދެވި އެވެ. މިގޮތުގައި އެއްކޮޅުން ސުވާލު، އަނެއްކޮޅުން ޖަވާބު ދެމުން އެތައް އިރެއް ހޭދަވެ ބައެއް ބޭފުޅުންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ހިނގައްޖެ އެވެ.
މި ވާހަކަތައް ނިމުނީ އަމީން މާލެއަށް ވަޑައިގަތުމަށް ރައްޔިތުން ރުހޭތޯ އެހުމަށެވެ. އިބްރާޙިމް މުހައްމަދު ދީދީ އާއި ރައްޔިތުންގެ މަޝްވަރާ ކޮމިޓީގެ ބޭފުޅުން މާލެއަށް ވަޑައިގެން، އަތިރިމައްޗަށް އެއްވެފައި ތިބި މީހުން ކުރެ ސުވާލު އަހައިފި އެވެ. ސުވާލުގެ އަޑު ރަނގަޅަށް ނުކެނޑެނީސް "އެއްގޮތަކަށް ވެސް މާލެ ގެންނަވައިގެން ނުވާނެ" ކަމަށް ގޮވައިފި އެވެ. ރައްޔިތުން ބޭނުންވި ގޮތް އެންގެވުމަށް "އޯކިޑް" ގައި އެނބުރި ދޫނިދުއަށް ވަޑައިގަތެވެ.
އަމީންގެ އަރިހަށް ވަޑައިގެން، ރައްޔިތުން ތިބި ގޮތް ވިދާޅުވެ، އަމީންގެ ކިބައިން ހުރިހާ ވެރިކަމެއް ވަކިކޮށްފި ކަމާއި މި ހިސާބުން އަމީން ދޫނިދޫގައި ބަންދުކުރީ ކަމަށް އަންގަވައި ދެން ތިއްބެވި ބޭފުޅުން މާލެ ވަޑައިގެންފި އެވެ.
އެއީ ޒުލްހިއްޖާ 21، 1372 [އޯގަސްޓް 30، 1953] އެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އެ ދުވަހުގެ އިރާ އެކު އޮއްސުނީ އެވެ.
"މޫސުމުގެ ގޮތުން ބަލާއިރު، ވަރަށް ވެސް އާދައިގެ ދުވަހެކެވެ. ވައިރޯޅި ހެޔޮވަރަކަށް ޖެހެ އެވެ. ޖައްވަކީ، ފުރަ މާލެއަށް އެފަދަ ކޮންމެ ދުވަހެއް ދައްކާ އާދައިގެ ޖައްވެކެވެ.
އިރު އަރައި ދެ ގަޑިއެއްހައި އިރު ވެއަތުވެގެން ގޮސް، ތިން ވަނަ ގަޑީގެ ތެރެއަށް ދުވަސް އެޅެމުން ދެ އެވެ. މާލޭގެ މަގުތައްމަތިން ފެންނަނީ އެފަދަ ކޮންމެ ހުކުރު ދުވަހެއްގެމެ އެފަދަ ވަގުތުތަކަށް ވެރިވެފައި އޮންނަ ބޭ ހަރަކާތްތެރިކަމެވެ. ނަމަވެސް ކަންކަމާ މެދު އަބަދުވެސް ވަސްވާހުގެ ލޮލުން ބެލުމުގެ އައުޞާބު ލިބިފައިވާ މީހަކަށް ނަމަ ޖައްވުގެ ތެރޭގައި، އަތުވެދާނޭ ޢާސިފާއެއް [ތޫނާފެއްގެ] އިންޒާރީ ނިޝާންތައް އުޅޭކަން ވިސްނޭ ފަދަ މަންޒަރުތައް ފެނެ އެވެ.
އާދޭހެވެ! ކަންވީ ވެސް އެހެންނެވެ. ދުވަހުގެ އިރު މެންދުރަކާ ކައިރިވަމުން ދިޔަދިޔަހެން މިދެންނެވި ފަދަ ނިޝާންތައް ދިޔައީ ފެތުރެމުންނެވެ. އަޑުތައް ވަރަށް ހިމަހިމަ ގޮތެއްގައި ނަމަވެސް ފޫދި އިވެމުންނެވެ. އާދައިގެ ގޮތެއްގައި ތުން ގުޅާލާފައި ތިއްބާ ނުފެންނާނެ ވައްތަރުގެ ދޭދޭ މީހުން ބައެއް މަގުމަގުން ފެނެ އެވެ. ރައްޓެހިން، އެކުވެރިން، ސިއްރުވެރީން، ވައި އަޑުން، މިއަދު ހުކުރު ފަހުގައި ...؟!
އެއީ 11 ޒުލްހިއްޖާ 1372 [އޯގަސްޓް 21، 1953] އެވެ. ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން ވައްޓާލުމަށް ރޭވި ރޭވުންތައް ތަންފީޒުކުރަން ފެށި ދުވަހެވެ. "އެކި ކަންކަން ހިނގާ ގޮތް" ލިޔެފައިވާ ފޮތުގައި އެ ދުވަހުގެ ފެށުން ސިފަކޮށްފައި އޮތީ މި ކިޔައިދިން ގޮތަށެވެ.
އެންމެން ތިބީ ހުކުރުގެ ޖަމާއަތަށް ގޮހެވެ. ނަމާދު ނިމި ސަލާން ދިނުމާ އެކު ރަށުތެރެއިން އަޑު ގަދަވާން ފަށައިފި އެވެ. މަޑުމަޑުން އިވެމުން ދިޔަ އަޑު ގަދަވަމުން ދިޔައިރު އެއީ ބަޔަކު ތަނަކަށް ޖަމާވެ ތިބެގެން ގޮވާ ގޮވެއްޔެއްކަން ޔަގީންވާ ވަރު ވެއްޖެ އެވެ.
އަޑު އަންނަނީ ގުޅަކުޅޭ ފަސްފަނޑާ ދިމާލުންނެވެ. ބަޔަކު އެތަނަށް ޖަމާވެ އަޑުގަދަކުރަނީ އެވެ.
"ވަރަށް ހަރުކޮށް ހިނގަމުން އައިސް، ގުޅަކުޅޭ ފަސްގަނޑުގެ ތެރެއަށް ވަން އިރު ދިވެހި ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ސިފައިންގެ ކުރިމަތީގައި އެއްވެ ތިބޫ އެވެ. ކިޔާ އެއްޗެއް ސާފުކޮށް އެނގޭ ވަރަށް ވުރެ އަޑުތައް ތަފާތުވެފައި ގަދަ އެވެ." ރައީސް އަމީންގެ ވެރިކަން ވައްޓާލުމުގެ ފެށުން ސިފަކޮށްދެމުން ލިޔެފައި އޮތެވެ.
ވެގެން އުޅޭ ގޮތެއް ބަލަން ދިޔަ މީހުން، ޖަމާވެފައިވާ މީހުންތަކުގެ ތެރެއިން ފޫދެމުން ގޮސް ބެލިއިރު ސިފައިންގެ ދޮރުމަތީ ދައުލަތުގެ އިސް ބޭފުޅުންނާ އެކު ހުންނެވީ ރައީސް އަމީން ރާއްޖޭން ބޭރަށް ވަޑައިގެންފައި ވާތީ އެ ވަގުތު ދައުލަތް ހިންގުމާ ހަވާލުވެ ހުންނެވި ވެލާނާގޭ އިބްރާހިމް ދީދީ އެވެ. އެއީ މައިފުށުން މުހައްމަދު އަމީން ދީދީގެ ދެބެއިންގެދެދަރި ބޭފުޅެކެވެ. ޖެނުއަރީ 1، 1953 ގައި އުފެދުނު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ނައިބު ރައީސެވެ.
ރައީސް މުހައްމަދު އަމީންގެ ވެރިކަން ބަދަލުކުރުމުގެ އިސް ސަފަށް ނުކުންނެވި، ރާއްޖޭގެ ފުރަތަމަ ނާއިބު ރައީސް އިބްރާހިމް ދީދީ.
އެއީ ވެރިކަމުގެ ދަހިވެތިކަމެއް ނެތް ބޭފުޅެއް ކަމަށް ބައްލަވައި، ނައިބު ކަމުގެ މަގާމަށް އަމީން ދީދީގެ ފުރިހަމަ އިތުބާރާ އެކު ހަމަޖެއްސެވި ބޭފުޅެވެ. އެކަމަކު ރައްޔިތުން ބަނޑަށް ޖެހޭއިރު އަމީން ދިވެހި ދައުލަތުގެ ފައިސާ އިސްރާފުކުރައްވާ ކަމަށް ތުހުމަތު ކުރައްވައި އަދި ދުންފަތް މަނާކުރުމާއި މީހުންނަށް ބޮޑެތި އަދަބުތައް ދިނުން ފަދަ ކަންކަން އެއީ އިބްރާހިމް ދީދީ ރައީސް އަމީނާ ދެކޮޅަށް ތެދުވެވަޑައިގަތް ސަބަބުތަކަށްވި އެވެ. ސިހުރު ހަދައިގެން ހުވަދު އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ މަރާލިކަމުގެ ކުށުގައި ގއ. ވިލިނގިލީ ހަކީމް ދީދީގެ މައްޗަށް މަރުގެ ހުކުމް އިއްވުމާއި ވައްކަމެއް ސާބިތުވެ ގޮމާގޭ ސީދީގެ އަތް ކެނޑުން ވެސް ވެފައި އޮތީ ބޮޑުންގެ ތެރޭގައި ބޮޑު މައްސަލައަކަށެވެ.
މީހުން ގިނަވަނީ އެވެ. އަޑު ގަދަވަނީ އެވެ. އިއްޔެ އެ ބޭފުޅަކަށް އިހުތިރާމާއި ގަދަރު އޮތް ރައީސް އަމީނަކީ މިއަދު އެއްވެސް އިތުބާރެއް އޮތް ބޭފުޅަކަށް ނުވީ އެވެ.
ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން (ކ) އަސްކަރީ ރަސްމިއްޔާތެއްގައި.
ދިވެހި ރައްޔިތުންގެ ނަމުގައި އިއްވަމުން ދިޔައީ މުޅި ދިވެހި އުންމަތުގެ އިތުބާރު ރައީސް އަމީނަށް ގެއްލިއްޖެ ކަމުގެ ޝުއޫރެވެ.
"މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާއި އަދުލް އިންސާފާއި ގައުމީ މިންވަރާ އޭނާ ޚިލާފްވެ ވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ދިވެހި ރައްޔިތުން އެ ރައީސްގެ ވެރިކަމެއް ބޭނުމެއް ނޫނެވެ."
އެއްވެ ތިބި މީހުން ގޮވަމުން ދިޔައީ ޖުމްހޫރީ ވެރިކަމެއް ބޭނުން ނުވާ ކަމަށާއި ޖުމްހޫރީ ވެރިކަމުގައި، ދައުލަތުގެ ކުރިއަށް ތިބި ބައެއް މީހުންނާއި ރައްޔިތުންގެ ވަކިވެއްޖެ ކަމަށެވެ. އަމީންގެ ވެރިކަމުގައި ރާއްޖެއަށް "އަނިޔާ އާއި ދުއްތުރާތަކުން" ރާއްޖެ ސަލާމަތްކޮށްދިނުމުގެ ޒިންމާއާ ހަވާލުވާންވީ އެއްގަމުގޭ ސުމުއްވުލް އަމީރް އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި ވެލާނާގެ އިބްރާޙިމް މުހައްމަދު ދީދީ ކަމަށް ބުނެ އަޑު އުފުލަނިކޮށް ދުވަހުގެ އިރު އޮއްސުމާ ގާތްވަނީ އެވެ.
ވަރަށް ވެސް އާދަޔާ ހިލާފް މަންޒަރުތަކެއް ފުރަމާލޭގައި ހިނގާތަން ދުށުމަށް ފަހު ދުވަހުގެ އިރު، އިންސާނީ ބޮޑާކަމުގެ މައްޗަށް މަލާމާތުގެ ހިނިތުންވުމަކުން ހިނިތުންވެފައިވާ ހާލެއްގައި މަޣްރިބުގެ އުދަރެހާ ނިވާވެގެން ހިނގައްޖެ އެވެ. ބުނާކަހަލަ އެވެ. ގުދުރަތީ ގާނޫނެވެ. ތާރީހް ފަށްފަށުން ކުރާ ތަމްސީލެއް އިޔާދަވީ އެވެ. ބަޔަކާ ހަވާލުކުރެވުނު އަމާނާތަކަށް ހިޔާނާތްތެރިވެއްޖެ ނަމަ ވާންވީ ގޮތް ވަނީ އެވެ.
ދެން އިވެން ފެށީ ހިފައި ހައްޔަރުކޮށް އެކަހެރި ކުރަންވީ މީހުންގެ ލިސްޓެއް ކިޔަން ފެށި އަޑެވެ. ބުނަމުން ދިޔައީ އެ ލިސްޓުގައި ހިމެނޭ މީހުންނަކީ ރައްޔިތުން އެ ބަޔަކާ ވަކިވާން ބޭނުންވެފައިވާ މީހުން ކަމަށެވެ. ލިސްޓުގައި ހިމެނުނު ބޭފުޅުންގެ ތެރޭގައި؛
ރާއްޖޭގެ އޭރުގެ ފަނޑިޔާރު އައްޝައިޚް އަބްދުﷲ ޖަލާލުއްދީން، ވަޒީރުއް ތިޖާރާ ނުވަތަ ޓްރޭޑް މިނިސްޓަރު ކުޑަދަހަރާގޭ އިބްރާހިމް ދީދީ، ވަޒީރުލް މުއާސަލާތު (ޓްރާންސްޕޯޓް/ކޮމިއުނިކޭޝަން މިނިސްޓަރު އައްނަބީލް ހަސަން އަލި ދީދީ، ހެންވޭރު އަވަށު ވެރިޔާ އަލް މުހައްރަމް ހަސަން ރަނަހަމާންތި ކަލޭގެފާނު، ކެރަފާ މުހައްމަދު ކަލޭގެފާނު، މައިޒާން ދޮށުގޭ މުހައްމަދު މަނިކު، ސިފައިންގެ ސަރުދާރު ބަންދު މުހައްމަދު ކަލޭގެފާނާއު އޭނާގެ ކޮއްކޮ ބަންދު މޫސާ ކަލޭގެފާނު، ބޮޑު އިސްޓޯރުގެ މެނޭޖަރު ކުޑަ އިބްރާހިމް މަނިކު، ބަންޑާރަ ނައިބުގެ ދެ މުއާވިނުން ކަމަށްވާ ފާމުދޭރިގޭ އަހްމަދު އަލީ ދީދީ އަދި އުގުލު މޫސާ ކަލޭގެފާނު ހިމެނެ އެވެ.
ހަލަބޮލިކަމާ އެކު ދެކޮޅުވެރިން އިތުރުވަނީ އެވެ. އެއްވެ ތިބި މީހުން ގޮވަމުން ދިޔަ ކަންކަމަށް އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި އިބްރާހިމް މުހައްމަދު ދީދީ އިޖާބަ ދެއްވަމުން ގެންދެވި އެވެ. އަދި ކުރިން އިއްވި ލިސްޓަށް ބުޗާ ހަސަން ކަލޭގެފާނު ވެސް އިތުރުކޮށްފި އެވެ. ލިސްޓުގައި ހިމެނޭ ގިނަ މީހުން ތިބީ ސިފައިންގެ ތެރޭގައި ބަންދުވެފަ އެވެ.
ރައީސް މުހައްމަދު އަމީންގެ ވެރިކަން ނިމުމަކަށް ގެންނަން މީހުން ޖަމާވި ގުޅަކުޅޭ ފަސްގަނޑު. ފޮޓޯގެ ވައަތްފަރާތުން އެ ފެންނަނީ ސިފައިންގެ.
ލިސްޓު އިއްވައި، ކަންކަން ކުރަން ބޭނުންވާ ގޮތް އިއްވަމުން ދިއުމަށް ފަހު ދެން އިވެން ފެށީ އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި އިބްރާހިމް މުހައްމަދު ދީދީއަށް ދައުލަތުގެ ބާރުތައް ހަވާލުކޮށް، އެ ބޭފުޅުންނަށް މަޝްވަރާ އަރުވާނެ ކޮމިޓީއެއް އިންތިހާބުކުރި އަޑެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި ރައީސް އަމީންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް އިބްރާހިމް ދީދީ އާއި ފާމުލަދޭރި ކިލެގެފާނާ ވަގުތީ ގޮތުން ދައުލަތް ހަވާލުކުރި އެވެ.
"ވަރަށް ވެސް އާދަޔާ ހިލާފް މަންޒަރުތަކެއް ފުރަމާލޭގައި ހިނގާތަން ދުށުމަށް ފަހު ދުވަހުގެ އިރު، އިންސާނީ ބޮޑާކަމުގެ މައްޗަށް މަލާމާތުގެ ހިނިތުންވުމަކުން ހިނިތުންވެފައިވާ ހާލެއްގައި މަޣްރިބުގެ އުދަރެހާ ނިވާވެގެން ހިނގައްޖެ އެވެ. ބުނާކަހަލަ އެވެ. ގުދުރަތީ ގާނޫނެވެ. ތާރީހް ފަށްފަށުން ކުރާ ތަމްސީލެއް އިޔާދަވީ އެވެ. ބަޔަކާ ހަވާލުކުރެވުނު އަމާނާތަކަށް ހިޔާނާތްތެރިވެއްޖެ ނަމަ ވާންވީ ގޮތް ވަނީ އެވެ."
އޮއްސުނު އިރާ އެކު ރައްޔިތުން މާ ހޫނުވެއްޖެ އެވެ. އަޑު ހަރުކޮށް ގޮވަން ފެށީ އެ މީހުން ހެދި ލިސްޓުގައި ހިމެނޭ އެންމެން މާލެއިން ބޭލުމަށެވެ. އެއީ ކުށްވެރިން ކަމުގައި އެ މީހުން ބުނަމުން ދިޔަ އެވެ. ދެން ފެނުނީ ލިސްޓުގައި ތިބި މީހުންގެ ތެރެއިން އައްޝައިޚް އަބްދުﷲ ފަހުމީ ދީދީ ނޫން ހުރިހާ އެންމެން ފަހަތަށް ބިޑިއަޅުވައިގެން ގެންގޮސް އޮޑިއޮޑިފަހަރަށް ލައިފި އެވެ. ބަނޑޭރިގޭ ދޮށަށް އެއްވެ ފުރިބާރު ވެފައިވާ މީހުންގެ ތެރެއިން ލައިފަ އެވެ. ލިޔުންތަކުގައިވާ ގޮތުން އަބްދުﷲ ފަހުމީ ދީދީ އެ ދުވަހު ހުންނެވީ ކ. ތުލުސްދޫގަ އެވެ. އެހެންވެ ސީދާ އެ ރަށުން ތޮއްޑުއަށް ފޮނުއްވައިލެއްވީ އެވެ.
ޖެހިގެން އައި ހޮނިހިރު ދުވަހެވެ. ގުޅަކުޅޭ ފަސްގަނޑަށް އެއްވި މީހުން އެކުލަވާލި ރައްޔިތުންގެ މަޝްވަރާ ކޮމިޓީ ނުވަތަ އިންގިލާބު ކޮމިޓީއާ އެކު ސުމުއްވުލް އަމީރް އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި ވެލާނާގެ އިބްރާޙިމް މުހައްމަދު ދީދީގެ ވެރިކަން ހިނގައިގަތެވެ. މާލޭގައި މި ހިނގައިދިޔަ ކަންކަމަށް ފަހު ރަށްރަށުގެ ކަންކަން ހުރި ގޮތް ބެލުމުގެ މަސައްކަތް ފެށި އެވެ.
ލިޔެފައިވެ އެވެ؛
"މާލޭގެ ރައްޔިތުންނެކޭ އެއްފަދައިން ނުވަތަ އެއަށްވުރެން ވެސް ބޮޑަށް ރާއްޖެތެރޭގެ ރައްޔިތުން ތިބީ މި އައި ބަދަލަށް އެދިއެދި އެވެ. ހިތުގެ އަޑިން ދުއާ ކޮށްކޮށެވެ. ވާނީ ވެސް އެހެން ނޫންތޯ އެވެ؟ ޖުމްހޫރީ ދައުރުގެ ފަތް ކެއުމާއި އަނދިރިކަމާއި އޮރިޔާން ހާލު ބޮޑަށް އިހްސާސްކުރީ ރާއްޖެތެރެ އެވެ."
ގައުމަށް އައި ކުއްލި ބަދަލާ އެކު އަމީން ދީދީގެ ހުރިހާ މަސައްކަތެއް އެފުށް މިފުށަށް ޖަހަން ފެށި އެވެ. އާ ގާނޫނުއަސާސީއެއް އެކުލަވާލަން ފެށި އެވެ. އަމީން ދީދީ އުފެއްދެވި ސިޔާސީ ޕާޓީ ކަމަށްވާ "ރައްޔިތުންގެ މުތަގައްދިމް ޕާޓީ" އުވާލި އެވެ. އެއީ ރައީސް އަމީންގެ އަމިއްލަފުޅު ބާރު ގަދަކުރެއްވުމަށް އުފެއްދެވި ޕާޓީއެއް ކަމަށް ބުނެ އެވެ.
ކަކާގޭ އިބްރާހިމް ހިލްމީ ދީދީ އާއި އަމީންގެ ދަނބިދަރިކަލުން ޝަމްސުއްދީން ހިލްމީ އަމީން ދޫނިދޫގައި ހުންނަވަނިކޮށް ވިސްނައިދެއްވީ ރައްޔިތުންގެ ތާއީދު އެ މަނިކުފާނަށް އޮތް ކަމެވެ. މި ވާހަކަ މިގޮތަށް ދެކެވި އެއް ރެއެއްގެ ދަންވަރު މި ދެ ބޭފުޅުން ވެގެން އަމީން މާލެއަށް ގެންނަވައިފި އެވެ. ވަޑައިގަތީ ސިފައިންގެއަށެވެ. މުހައްމަދު ފަރީދު ރަސްކަމަށް އިސްކޮށް އަމީން އާއި ހިލްމީއާ ދެ ބޭފުޅުން ގައުމު ހިންގަން ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވި އެވެ. އެކަމަކު އަމީން ދީދީގެ މި ވާހަކަ ސިފައިން އަޑެއް ނޭހި އެވެ.
ޖުމްހޫރީ ދުވަހު ރައީސް މުހައްމަދު އަމީން މުލީއާގެއަށް ވަޑައިގަންނަވަނީ. އަމީންގެ ފަހަތްޕުޅުގައި އެ ހުންނެވީ އިނގިރޭސި ހައި ކޮމިޝަނަރު ހެންކިންސަން. -- ފޮޓޯ: ނެޝަނަލް އާކައިވް
މި ކަމެއް ސިފައިންގެ ތެރޭ ހިނގާކަން، އިބްރާހިމް ދީދީއަށް މައުލޫމާތު ލިބިވަޑައިގަތުމާ އެކު ހުރިހާ އަވަށެއްގެ މީހުން ގުޅަކުޅޭ ފަސްގަނޑަށް އެއްވާން އެންގެވި އެވެ. އަދި ސިފައިންގެއަށް ވަޑައިގެން އަމީންގެ އަތްޕުޅުގައި ބިޑު އަޅުވަން އެންގެވި އެވެ. ސިފައިންގެ ދޮށަށް ރައްޔިތުން އެއްވެ އަމީންގެ ގައިކޮޅަށް އަރައިގަންނަން ތައްޔާރަށް ތިއްބަސް އެކަން ހުއްޓުވަން އެއްވެސް ކަމެއް އިބްރާހިމް ދީދީ ނުކުރެއްވި އެވެ. ނަތީޖާއަކަށްވީ ސިފައިންގެ ތެރެއަށް ހަވަރު އެންމެން ވަދެ އަމީނަށް ހަމަލާ ދޭން ފެށުމެވެ. އަނިޔާކުރަމުން ދަމާފައި ގެންގޮސް ގުޅަކުޅޭ ފަސްގަނޑަށް ނެރެ އެތައް އިރަކު، ރަހުމުކުޑަ އެތައް އަނިޔާއެއް ދިނެވެ.
އެވަރުން ނުވެގެން، ފަޅުގައި އޮތް ބައްތެއްޔަކަށް އަމީން ދީދީ އެއްލައިލި އެވެ.
އަމީން ދީދީ ކުރައްވަން އުޅުއްވީ ބަޣާވާތެއް ކަމަށް ބަލައި، އެ ހާލުކޮޅުގައި އޮންނަވަނިކޮށް ހަމަ އެ ދުވަހު، ފަށްޖެހި އެނދެއްގައި ބޮޑު ބަނޑޭރިގެއަށް އަމީން ދީދީ ގެންދަވައި، ހިނދުން ހިނދަށް ތަހުގީގު ނިންމައި، އަމީން ކުށަށް "އިއުތިރާފުވެ" ވަޑައިގަތުމާ އެކު ހަވީރު 4:00 ގައި އަމީނަށް އުމުރު ދުވަހަށް އަރުވާލުމުގެ ހުކުމެއް އިއްވެވި އެވެ.
ފުރާނައަށް ނުރައްކާވާ ވަރުގެ ޒަހަމްތަކާ އެކު ވެސް ހުކުމް ތަންފީޒުކުރަން ކ. ގާފަރަށް އަރުވާލި އެވެ. އެކަމަކު ހާލުކޮޅު ގޯސްވެ ފަހުން ކ. ވިހަމަނާފުށި [މިހާރުގެ ކުރުނބާ މޯލްޑިވްސް] އަށް އަމީން ބަދަލުކުރި އެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ޖެނުއަރީ 19، 1954 ގައި އަމީން އަވަހާރަވީ އެވެ.
އަލީގަޅުން އަމީނުގެ ހިތުގައި އާލާވި ގައުމީ ލޯބި
މުހައްމަދު އަމީނުގެ ތަފްސީލީ ބަޔޯގްރަފީއެއް މިރޭ ނެރެނީ
ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލީ 48 ގަޑިއިރުން
އަރިއަތޮޅުން 66 އަހަރު ކުރިން ފެށުނު ރަށްވެހިކަމުގެ ފަތިސް
ވަހީދަށް "ކާޅަށް" ގޮވުނީތީ މިހާރު ދެރަވަން: ވައްޑެ
ކުރަން ހެޔޮ ކަމެއް، ވަސިއްޔަތެއް ނެތް: މަރާލާ!
68 އަހަރު ކުރި: ޒިނޭގެ ޝަރީއަތް ނިމުނީ ރޭޕް ކޭސްއަކުން
ފައިރޫޝްގެ ޚިދުމަތް ފާހަގަކުރުމުން ސީޕީ "ގޯސްވެއްޖެ"!
އިބްރާހިމްދީދީ: ބާރުވެރިކަން، އިންގިލާބު، އަރުވާލުން!
އަމީނާ: ދިވެހި ޖިންސުއްލަތީފުންގެ "ރޫހު"