Roadha Mihaaru
އަރިއަތޮޅުން 66 އަހަރު ކުރިން ފެށުނު ރަށްވެހިކަމުގެ ފަތިސް

66 އަހަރު ކުރިން އަރިއަތޮޅުން ފެށުނު ރަށްވެހިކަމުގެ ފަތިސް

18 ޖޫން 2021

އަތޮޅުތަކުގެ ވަޒީރުކަން ނުވަތަ އެޓޯލްސް މިނިސްޓަރުކަން އެތައް އަހަރެއް ވަންދެން ކުރެއްވި މަރުހޫމް އަބްދުﷲ ހަމީދު މީގެ 36 އަހަރު ކުރިން ރަށްވެހިކަމުގެ ފަތިހެއް ސިފަކުރައްވާފައިވެ އެވެ. ފަތްތޫރަ މަޖައްލާގެ 72، 73 އަދި 74 ވަނަ ނަންބަރުގައި މި ވާހަކަ ލިޔުއްވާފައިވަނީ "ރަށްވެހިކަމުގެ ފަތިސް ... ރާއްޖެތެރެއަށް" މި މައުލޫގެ ދަށުންނެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އަތޮޅުތަކުގެ ވަޒީރުކަން ނުވަތަ އެޓޯލްސް މިނިސްޓަރުކަން އެތައް އަހަރެއް ވަންދެން ކުރެއްވި މަރުހޫމް އަބްދުﷲ ހަމީދު މީގެ 36 އަހަރު ކުރިން ރަށްވެހިކަމުގެ ފަތިހެއް ސިފަކުރައްވާފައިވެ އެވެ. ފަތްތޫރަ މަޖައްލާގެ 72، 73 އަދި 74 ވަނަ ނަންބަރުގައި މި ވާހަކަ ލިޔުއްވާފައިވަނީ "ރަށްވެހިކަމުގެ ފަތިސް ... ރާއްޖެތެރެއަށް" މި މައުލޫގެ ދަށުންނެވެ.

ހަމީދު އޭރު ލިޔުއްވާފައިވާ ގޮތުން ނަމަ ރަށްވެހިކަމުގެ އަސަރުތައް އޭރު ވަނީ ރަށްރަށުން ފެންނަން ފަށައިފަ އެވެ. އެކަމަކު "ރަށްވެހިކަމުގެ ފަތިސް" ފެށިގެން އައީ ކިހިނެއް ކޮން ގޮތަކަށްކަން ގިނަ މީހުންނަށް ނޭނގޭކަން ފާހަގަކުރައްވައި ހަމީދު ތައުރީފުކުރައްވާފައި އޮތީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންދީދީއަށެވެ. އަދި ރަށްރަށަށް ބަދަލުތައް އަންނަން ފެށީ ސަބަބުތަކެއް މެދުވެރިވެގެން ކަމަށާއި ރަށްވެހިކަމާއި ކުރިއެރުމުގެ މަަގުތައް ފަހިކޮށްދިނުމަކީ ވެރިކަމުގެ ފަރާތުން ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ބަލައިގަތީ ވަޒީރުއްދާޚިލިއްޔާގެ މަގާމުގައި މުހައްމަދު އަމީން ހުންނެވި އިރު އޭރުގެ ސަރުކާރުންނެވެ.

ތާރީޚީ އެކި ކަންކަމާ ހަވާލާ ދެއްވަމުން ހަމީދު ލިޔުއްވާފައިވާ ގޮތުގައި ރަށްވެހިކަމުގެ ފަތިސް ރަށްރަށަށް އައުން މަޖުބޫރުވެފައިވާ ކަމަށް "ވަޒީރުއްދާޚިލިއްޔާގެ ތަނަވަސް ސިކުނޑިފުޅުގައި ރޭވުނީ" ޖުލައި 1، 1948 ގައި އަރިއަތޮޅަށް ކުރެއްވި ދަތުރަކުންނެވެ.

މި ދަތުރު ކުރެއްވީ އޭރުގެ ނިސްބަތުން ވަރަށް ބާރު ކަމަށްވާ ގަޑިއަކު ހަ މޭލު ބާރުމިނުގައި ދުވާ "ޒިބްރާ" ކިޔާ އުޅަނދެއްގަ އެވެ.

"ސުމުއްވުލް އަމީރް މުހައްމަދު އަމީންގެ އަރިހުގައި، ދައުލަތުގެ ބައެއް މުހިންމު މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުން ގެންދެވި ކަމަށްވެ އެވެ. މި ދަތުރުފުޅުގައި އަރިއަތޮޅުގެ ބައެއް ރަށްރަށް ބެއްލެވުމަށް ފަހު މާލެ ވަޑައިގަތީ ދަތުރު ފެއްޓެވިތާ ތިން ދުވަހުގެ ތެރޭގަ އެވެ." ދަތުރުގެ އަވަސްކަން ބަޔާންކުރައްވަމުން ހަމީދު ލިޔުއްވާފައިވެ އެވެ.

ހަމީދު ލިޔުއްވާފައިވާ ގޮތުގައި މި ދަތުރަށް ފަހު އަމީން މާލެ ވަޑައިގެންތާ މަ ގިނަ ދުވަހެއް ނުވެ "ރާއްޖެތެރޭގެ ކަންކަން އިސްލާހުކުރައްވައި ތަރައްގީކުރެއްވުމަށް އެކިއެކި ހަރުދަނީ ފިޔަވަޅު އަޅުއްވަން ފެއްޓެވި" އެވެ. އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅަކީ އޭގައިވާ ގޮތުން ނަމަ ރަށްވެހިކަމުގެ ރޮނގުން އެއް ވަނަ އަށް އަންނަ އަތޮޅަކަށް ތައްޓެއް ދެއްވަން ކަނޑައެޅުއްވުމެވެ. އެއީ ޖުލައި 7، 1948 ގަ އެވެ.

ވަޒީރުލް އައުޒަމް މުހައްމަދު އަމީން ދީދީ 1950 ވަނަ އަހަރު ތިލަދުންމަތީ ބާރަށަށް ކުރެއްވި ދަތުރެއްގައި އެ އަތޮޅު އަޮޅުވެރިޔާ މަޑިދޮންމަނިކާއި ބާރަށު ބަޔަކާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

ވަޒީރުލް އައުޒަމް މުހައްމަދު އަމީން ދީދީ 1950 ވަނަ އަހަރު ތިލަދުންމަތީ ބާރަށަށް ކުރެއްވި ދަތުރެއްގައި އެ އަތޮޅު އަޮޅުވެރިޔާ މަޑިދޮންމަނިކާއި ބާރަށު ބަޔަކާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

އަތޮޅުތައް ތަރައްގީކުރުމަށް ލާމަރުކަޒުކުރުމާއި ކައުންސިލްތަކާއި ކޮމިޓީތައް ހެދުން މިހާރު މާ ބޮޑު ކަމަކަށް ވެގެން އުޅުނަސް މީގެ ބައި ގަރުނަށް ވުރެ ވެސް ކުރިން އޭރުގެ ނިސްބަތުން ރަށްވެހިކަމުގެ ތަރައްގީ އަށް އަމީން މަސައްކަތް ފެއްޓެވީ އެ މަސައްކަތް ހާއްސަ ބަޔަކާ ހަވާލުކުރައްވައިގެންނެވެ. އަންހެނުންގެ ބައިވެރިވުން ކަށަވަރުކުރެއްވުމަށް އެ ޓީމުގައި އަންހެނުން ވެސް ހިމެނުއްވި އެވެ. އެގޮތުން ކޮންމެ ރަށަކުން ވެސް ހޮއްވެވި ބޭފުޅުންގެ ތެރޭގައި ދެ އަންހެނުން ވަކިން ކަނޑައަޅުއްވަ އެވެ.

"ރަށްވެހިކަމުގެ މަސައްކަތް ހިންގުމަށް ސުމުއްވުލްއަމީރް މުހައްމަދު އަމީން ހަމަޖެއްސެވި ގޮތް ބެހިފައި ވަނީ ދެ ބަޔަކަށެވެ. ފުރަތަމަ ކަމަކީ ކޮންމެ ރަށަކުން ވެރިއަކާއި ރައްޔިތުންކުރެ ހަރުދަނާ ދެ މީހަކު އެކި އަތޮޅުން ވަކިވަކިން މާލެ ގެންނަވައި އެ މީހުންނާ މަޝްވަރާކުރައްވައިގެން އެކި ރަށްރަށަށް ގެންނަންޖެހޭ ބަދަލުތަކުގެ ޕްރޮގްރާމް އެކުލެއްވުމެވެ."

"ދެ ވަނަ ބަޔަކީ، ކަނޑައެޅޭ ޕްރޮގްރާމަށް އަމަލީ ސިފަ ގެނައުމުގައި އިރުޝާދު ދެއްވައި އެހީދެއްވުމަށްޓަކައި ކޮންމެ އަތޮޅަކަށް ވެސް ސަރުކާރުގެ ފަރާތުން ބޭފުޅަކު ފޮނުއްވައި އެކަށީގެންވާ މުއްދަތެއްގައި އެ ބޭފުޅަކު އެ އަތޮޅެއްގައި ބެހެއްޓެވުމެވެ."

އަތޮޅުތަކަށް އިސްކަން ދެއްވި ކަންކަން:

އެންމެ ފުރަތަމަ ކަމަކަށް އޮތީ މަދުރާތައް ހިނގާ ގޮތް އާކުރުމެވެ. އެއީ ހިނގާ ގޮތް ބަދަލުކުރާ ވާހަކަ އެވެ. އެއާ އެކު، ގުރުއާނާއި ދީނިއްޔާތާއި ހިސާބާއި ދިވެހި ބަސް، ކިޔަވައިދެވެން އޮތް މިންވަރަކުން ކިޔަވައިދިނުން ހިމެނެ އެވެ. ދެން އޭގެ ފަހަތަށް އަންނަނީ މަސްވެރިކަން ވެސް ވީވަރަކުން ކުރިއެރުވުމެވެ. ކާޑުގޭގެ ކަންކަން ހަމަޖައްސައި ވިޔަފާރި ކުރިއެރުވުމާއި ފަންގިވިނުމާއި ފަރުހިލުމާއި ރޯނުވެށުން ފަދަ މަސައްކަތްތައް އިތުރު ފޯރިއެއްގައި ކުރުވުން ވެސް މި ލިސްޓުގައި ހިމެނެ އެވެ.

"ރަށްވެހިކަމުގެ ފަތިސް" ސުރުހީގެ ދަށުން ކުރީގެ ވަޒީރު އަބްދުﷲ ހަމީދު ލިޔުއްވާފައިވާ ލިޔުއްވުން

"ރަށްވެހިކަމުގެ ފަތިސް" ސުރުހީގެ ދަށުން ކުރީގެ ވަޒީރު އަބްދުﷲ ހަމީދު ލިޔުއްވާފައިވާ ލިޔުއްވުން

އޭރު މުހިންމު މަސައްކަތެއް ކަމަށްވާ މަސް ލޮނުއެޅުން ދަނޑު ހެއްދުމާއި ގަސް އިންދުމާއި ލަކުޑި ގަސް ގިނަކުރުމާއި ރަށް ސާފުކޮށް މަގުތައް ކޮށުމާއި ތެދުކުރުން ފަދަ "ރަށްވެހިކަމުގެ ނިޝާންތައް" ސާބިތުކުރަމުން ގެންދިއުން ވެސް އިސްކަން ދޭ ލިސްޓުގައި އެބަ އޮތެވެ.

މި ހުރިހާ ކަމެއްގެ ފަހަތަށް ހިމަނުއްވާފައި ވަނީ "އައު މަސައްކަތްތައް" ކުރުމެވެ.

މި ކަންކަން ތަންފީޒުކުރުމަށް އަތޮޅުތަކަށް ވަކީލުން ނުވަތަ މަންދޫބުން ހަމަޖެއްސެވި އިރު ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑުއަށް ހަމަޖެއްސެވީ ހާއްސަ ވަކީލުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ހަމީދު ލިޔުއްވާފައިވެ އެވެ.

ބަރާބަރަށް ބެއްލެވި

ރަށްރަށުގެ ތަރައްގީގައި ލަފާ ދެއްވައި މަސައްކަތުގެ ޒިންމާއާ ހަވާލުވެ ވަޑައިގަތުމަށް ކަނޑައެޅުއްވި ބޭފުޅުންނާ އެކު އަމީން ކުރެއްވި މަސައްކަތުގައި އެހީތެރިވުމަށް އަންހެނުންގެ ތެރެއިން އެންމެ އިސްކޮށް ހުންނެވީ އައްނަބީލާ އައިމިނަތު ހުސައިނެވެ.

"ދިވެހި އަންހެނުންގެ މެދުގައި ގައުމީ އަދި އިޖުތިމާއީ ރޫހް އުފެދެމުން އައި ދުވަސްވަރު އެންމެ ބޮޑަށް ހަރަކާތްތެރިވެވަޑަތް އެއް ބޭފުޅަކީ އޭނާ އެވެ." ހަމީދު ލިޔުއްވާފައިވެ އެވެ.

ރާއްޖެތެރެއިން އުފުލެމުން އަންނަ ޝަކުވާގެ ތެރޭގައި ހިމެނެނީ، ކޮންމެ ރަށެއްގައި ބޯޅަކުޅުން މަޖުބޫރުކުރާ ވާހަކަ އާއި ރަށްވެހިކަމުގެ ގޮތުން ރަށްރަށް ސާފުކުރަމުން ދާއިރު މަހާނަ ގާތަށް ނަގާ ވާހަކާ އާއި މަދަރުސާތަކުގެ ކުދިން ސިފައިން ހިނގާ ގޮތަށް ހިނގައި ސިފައިންގެ ކަސްރަތުކުރަމުންދާ ވާހަކަ

ރަށްރަށުން ވަޑައިގެންނެވި ބޭފުޅުންނާ އެކު "އިބްރާހިމިއްޔާ" ގައި ޖަލްސާތައް ކުރިއަށް ދިޔައިރު، ރަށްރަށުގެ ހާލަތު ބަޔާންކޮށް އަދި ފަހުން އެ ކަންކަން އިސްލާހުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ މައުލޫމާތު އަތޮޅު ވަކީލުން މެދުވެރިކުރައްވައި އަމީން ގެންދެވީ އެއްކުރައްވަމުންނެވެ.

ވަކީލުންނާ ހަވާލުވި ކަންކަން ކުރޭތޯ އަމީން ބެއްލެވީ ވަރަށް ރަނގަޅަށެވެ. ބައެއް ރަށްރަށުގައި ކަންކަން ގޯސްވިޔަސް ވަރަށް ރަނގަޅަށް އެހެން ބައެއް ރަށްރަށުގައި ކަންކަން ދިޔައީ ބަދަލުވަމުންނެވެ. މި ކަންކަން ފުރިހަމައަށް ބެލެހެއްޓެވުމަށް ފެބްރުއަރީ 10، 1949 އިން ފެށިގެން ވަކީލުންގެ ރިޕޯޓް ހުށަޙަޅަން ޖެހޭ ގޮތަށް ހަމަޖައްސެވި އެވެ.

މަސައްކަތް ފުޅާކުރުމާ އެކު ރައްޔިތުންގެ ޝަކުވާ

ހަމީދު ލިޔުއްވާފައިވާ ގޮތުން މަސައްކަތް ރަނގަޅަށް ހިނގައިގަތުމާ އެކު، ވަކީލުންގެ މަސައްކަތާ ގުޅޭ ގޮތުން، ރަސްގެފާނު ސުމުއްވުލް އަމީރް ހާއްޖަ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލިގެފާނުގެ އަރިހަށް އާންމުން ޝަކުވާ ހުށަހެޅި އެވެ. އަދި އޭރު ރަށްރަށުގައި ވެސް ދިޔައީ އަމީން އެންގެވި ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ނުރުހުން އިތުރުވަމުން ކަމަށްވެ އެވެ.

ޝަކުވާ ބޮޑުވާން ފެށުމުން ރަށްރަށުގެ ހާލަތު ބެއްލެވުމަށް އަނެއްކާވެސް ޓީމުތައް ފޮނުއްވި އެވެ. އޭގެ ފަހުން އަމީން ވަނީ މާލޭގައި ތިއްބެވި އަތޮޅުތަކުގެ އިސް ބޭފުޅުޅުންނާ އެކު ޖަލްސާއެއް ބާވަވައި، ޝަކުވާ ބޮޑުވާ ސަބަބުތައް ހާމަކޮށްދެއްވައިފަ އެވެ.

"އޭނާ ވިދާޅުވި ގޮތުގައި ރާއްޖެތެރެއިން އުފުލެމުން އަންނަ ޝަކުވާގެ ތެރޭގައި ހިމެނެނީ، ކޮންމެ ރަށެއްގައި ބޯޅަކުޅުން މަޖުބޫރުކުރާ ވާހަކަ އާއި ރަށްވެހިކަމުގެ ގޮތުން ރަށްރަށް ސާފުކުރަމުން ދާއިރު މަހާނަ ގާތަށް ނަގާ ވާހަކާ އާއި މަދަރުސާތަކުގެ ކުދިން ސިފައިން ހިނގާ ގޮތަށް ހިނގައި ސިފައިންގެ ކަސްރަތުކުރަމުންދާ ވާހަކަ އެވެ."

މިކަމާ ބެހޭ ގޮތުން އަމީންގެ ހުޅުވާލެވިފައިވާ ސިޓީއެއް "ސަރުކާރުގެ ޚަބަރު" ނޫހުގައި ވެސް ޝާއިއުކުރި އެވެ. އެ ސިޓީގައި، ހުރިހާ ކަމެއް ވެސް ކުރައްވަނީ ރަށްރަށުގެ ތަރައްގީއަށްކަން ވިސްނައިދެއްވާފައިވެ އެވެ. އެދިވަޑައިގެންފައި ވަނީ ރައްޔިތުންގެ އެއްބާރުލުމަށެވެ.