Roadha Mihaaru

ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން މެމްބަރުން ދެކޮޅު

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ދެކޮޅު ހައްދަވައިފި އެވެ،

ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން މެމްބަރުން ދެކޮޅު
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

06 އެޕްރީލް 2021

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ދެކޮޅު ހައްދަވައިފި އެވެ،

އެ އޮތޯރިޓީ އުވައިލުމުގެ ބިލު މަޖިލީހަށް ހުށަޙެޅުއްވީ ސަރުކާރުގެ ފަރާތުން ވައިކަަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ.

އެ ބިލުގައިވާ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންނެވެ.

މަޖިލީހުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދިި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިފި ނަމަ އެ ކުރެވޭ ކަމަކީ ބާރުތައް މާލެ އަށް ޖަމާކުރުން ކަމަށެވެ. އެ އަށް ވުރެ ރަނގަޅު ގޮތަކީ އެ އޮތޯރިޓީ އޮތް ގޮތަށް ބާއްވާފައި އެތަނުން ކުރާ ބައެއް މަސައްކަތްތައް ލާމަރުކަޒުކޮށް، ކައުންސިލްތަކާ ހަވާލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އަށް ވަަނަ އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް، ކައުންސިލްތަކަށް ބާރު ދިނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލާ ބިލު ފަދަ ބިލުތަކުގެ ޒަރިއްޔާއިން، މައި ސަރުކާރަށް ބާރުތައް ޖަމާކުރިޔަ ނުދިނުމަށް ކަމަށެެވެ.

"އަޅުގަނޑު، އިއްޒަތްތެރި ރައީސް، މި ގާނޫނު އުވައިލުމާ ކަނޑައެޅިގެން ދެކޮޅު. އެހެން މި ދަންނަވާ ސަބަބަކީ އިއްޒަތްތެރި ރައީސް އަނެއްކާވެސް އަޅުގަނޑުމެންނަށް ފެނިގެން ދާނީ ރައީސް ޔާމީނު އެކަން ކުރެއްވި ގޮތަށް އެއް ފިޔަވަޅު ފަހަތަށް އެޅޭ ތަން، ސަރުކާރަށް މި ބާރުތައް ޖަމާކުރަން އަޅުގަނޑުމެން މަސައްކަތްކުރާ ކަމަށް ވަންޏާ،" ހަސަން ވިދާޅުވި އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު އަފީފް. ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމާ އޭނާވެސް ދެކޮޅު---ފައިލް ފޮޓޯ: މިހާރު

ވިލުފުށީ ދާއިރާގެ މެމްބަރު އަފީފް. ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމާ އޭނާވެސް ދެކޮޅު---ފައިލް ފޮޓޯ: މިހާރު

ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމަކުން އެއްވެސް ކަމެއް ރަނގަޅުވާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެ އޮތޯރިޓީގައި ތިބި ބަޔަކު ކަމެއް ގޯސްކޮށް ކުރާ ނަމަ ކުރަން ޖެހޭނެ ކަމަކީ އެ މީހުން ވަކިކުރުން ކަަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމުގެ ބަދަލުގައި، އެ އިދާރާގެ ބައެއް މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަދަލުކުރެވިދާނެ އެވެ.

"އެ އޮފީހާއި އެތާނގައި ހުންނަ ގޮނޑިމޭޒެެއް ނޫން ކަންކު ރަނީ. އެތާ ތިބޭ މީހުން. އެހެންވީމާ މީހުން އިސްލާހު ވެގެން، މީހުން އިހުލާސްތެރިވެގެން ކަންތައްތައް އިސްލާހު ވާނީ،" އަފީފު ވިދާޅުވި އެވެ.

ބިލުގައިވާ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން ދެކޮޅު ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވެސް މިއަދު ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ކޮންޓްރޯލް މިހާރު ވެސް އޮތީ ޓްރާންސްޕޯޓް މިނިސްޓަރަށާއި ރައީސުލް ޖުމްހޫރިއްޔާ އަށް ކަމަށެވެ.

"މި އުޅެނީކީ ޓްރާންސްޕޯޓް އޮތޯރިޓީ ފެއިލްވެގެނެއް ނޫން އިއްޒަތްތެރި ރައީސް. މި އުޅެނީ ރައީސުުލްޖުމްހޫރިއްޔާ ފެއިލް ވެގެން،" އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމުގެ ބޭނުމެއް ކަަމަށް ބިލްގައި އޮތީ އެ އޮތޯރިޓީގެ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަދަލުކުރަން ނިންމާފައި ވާތީ ކަަމަށެވެ. އެ އޮތޯރިޓީގެ މަސައްކަތްތައް މިނިސްޓްރީ އަށް ބަދަލުކުރާނެ އުސޫލުތައް ކަނޑައަޅަންް އެ ބިލުގައި ހުށަހަޅާފައި ވެ އެވެ.