Roadha Mihaaru

ޕީޕީއެމުން އެ އުޅެނީ ހަމަ ޖޭވެގެން: ރޮޒައިނާ

ޕީޕީއެމުން އުޅެނީ އެމްޑީޕީގެ ސަރުކާރާ "ޖޭވެގެން" ކަމަށް ތުހުމަތުކުރައްވައި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް އިދިކޮޅަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެެ.

ޕީޕީއެމުން އެ އުޅެނީ ހަމަ ޖޭވެގެން: ރޮޒައިނާ
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

25 އެޕްރީލް 2021

ޕީޕީއެމުން އުޅެނީ އެމްޑީޕީގެ ސަރުކާރާ "ޖޭވެގެން" ކަމަށް ތުހުމަތުކުރައްވައި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް އިދިކޮޅަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެެ.

އިތުރަށް ފައިސާ ޗާޕްކުރަން މަޖިލީހުން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން މިއަދު ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން މިއަދު އެ ދައްކަވާ ވާހަކައަށް ޒުވާން ކުދިން ބުނާނީ " އެއީ ޖޭވުން" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅުން ޖޭވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރާއްޖެއަށް ވާނެ ކަމަށް އެެބޭފުޅުން ލަފާކުރެއްވި ގޮތް ނުވީމާ ކަމަށެވެ.

ޕެންޑެމިކްގެ ހާލަތުގައި ވެސް ސަރުކާރުން ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓައިނުލާ ކަމަށާއި އެކަމަށް އިދިކޮޅުން ވެސްް އިއުތިރާފް ކުރާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދިޔައީ ތަރައްގީގެ މަޝްރޫއުތައް ވެސް ހަމަ ހުއްޓުމަކާ ނުލައި ކުރިއަށް ގެންދަމުން. އެހެންވީމާ ހަމަ ޖޭވަނީ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި، ދަތީގައި މި ހޭދަކުރި އެއް އަހަރު ދުވަހާ އެކުގައި ވެސް މި ސަރުކާރުގެ ދެ އަހަރުދުވަހުގެ ތެރޭގައި ކޮށްފައި ވަނީ ރޮޒޭނާ ވިދާޅުވި ގޮތުގައި، ޖޭ ވާވަރުގެ މަސައްކަތްްތަކެކެވެ.

އޭނާގެ ކުރިން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ދެއްްކެވި އެއް ވާހަކައަކީ ބިޑްކުރުމެއް ނެތި ސަރުކާރުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްގެން މަސައްކަތް ކުރާ ވާހަކަ އެވެ. އެގޮތަށް މަސައްކަތް ކުރަނީ އެ ކުންފުންޏަށް ފަައިސާ ނުދީ ކަމަށާއި އެހެންވެ، ކުންފުނީގެ ހާލަތު ގޯސްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ ވާހަކައަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ މިދިޔަ އަހަރުތަކުގައި އެމްޓީސީސީން ފައިދާ ނެރެފައިވާ ކަމަށާއި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ޝިޔާމް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތަކުން ވައްކަން ކޮށްފައިވާ ކަމަށް ރޮޒައިނާ ތުހުމަތު ކުރެއްވި އެވެ. އެ ތުހުމަތާ އެކު ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ޝިޔާމް ވިދާޅުވީ ސަރުކާރާ ޖޭވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ނުބެލޭތީ ކަމަށެެވެ. މިއަދުގެ ޖަލްސާގައި ސަރުކާރަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ ދައުލަތުގެ މާލިއްޔާގައި މިހާރު ލައްޑޫ ނޫން އެއްޗެއް ނެތް ކަމަށާއި ދައުލަތަށް ލިބުނު އާމްދަނީ ހަރަދުކުރި ގޮތެއް ނޭނގޭ ކަމަށެވެ.