Roadha Mihaaru
ނިމާލް: އިޖުތިމާއީ ހިދުމަތްތަކުން އަތޮޅުގެ ތަރައްގީއަށް

ނިމާލް: އިޖުތިމާއީ ހިދުމަތްތަކުން އަތޮޅުގެ ތަރައްގީއަށް

08 އެޕްރީލް 2021

މާލޭގެ ދެކުނުން ގަތްގަނޑަކަށް 70 މޭލު ދުރުގައި އޮންނަ މުލަކު އަތޮޅު ނުވަތަ މ. އަތޮޅުގެ ގާތްގަނޑަކަށް 7،000 މީހުންގެ އާބާދީއަށް ބޮޑެތި ތަރައްގީތަކެއް ގެންނެވިދާނެ ކަމަށް، އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ނިމާލް ގަބޫލުކުރައްވަ އެވެ.

މާލޭގެ ދެކުނުން ގަތްގަނޑަކަށް 70 މޭލު ދުރުގައި އޮންނަ މުލަކު އަތޮޅު ނުވަތަ މ. އަތޮޅުގެ ގާތްގަނޑަކަށް 7،000 މީހުންގެ އާބާދީއަށް ބޮޑެތި ތަރައްގީތަކެއް ގެންނެވިދާނެ ކަމަށް، އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ނިމާލް ގަބޫލުކުރައްވަ އެވެ.

ރާއްޖޭގެ ނިސްބަތުން ބޮޑު ދެ ފަޅެއް މ. އަތޮޅުގައި އެބަ އޮތެވެ. ފަޅުރަށްތައް ގިނަ އެވެ. ގުދުރަތީ ރީތިކަމުން އަތޮޅު އޮތީ ފުރިފަ އެވެ. އެކަމަކު ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ޓޫރިޒަމް އެ އަތޮޅާ އަދި ދުރެވެ.

އަތޮޅުގެ އެހެން ރައްޔިތުންނެކޭ އެއްގޮތަށް އެއީ ނިމާލްގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ އޭނާގެ އެންމެ ބޮޑު އެއް އަމާޒަކަށް ވާނީ މ. އަތޮޅުގައި ޓޫރިޒަމް ދިރުވުމެވެ.

ނިމާލްގެ އުފަން ރަށަކީ މުލަކެވެ. މިއީ އިންތިހާބީ މަގާމަކަށް އޭނާ ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. އެކަމަކު މިދިޔަ 15 އަހަރު އޭނާ ހޭދަކުރެއްވީ އެމްޑީޕީގަ އެވެ. ރަށުގައި އެމްޑީޕީން ހިންގާ ހަރަކާތްތައް އިންތިޒާމުކޮށް ރޭވުމުގައި އެންމެ އިސް ސަފުގައި އުޅުއްވި އެވެ.

ނިމާލުގެ ފުރަތަމަ ވަޒީފާއަކީ މުލަކު ސްކޫލުގެ ޓީޗަރުކަމެވެ. އެއަށް ފަހު އޭނާ ވަނީ ރަށުގެ އިޖްތިމާއީ މަސައްކަތްތަކަށް އިސްކަން ދެއްވުމުގެ ގޮތުން ރަށު އޮފީހުގެ ސޯޝަލް ސާވިސް އޮފިސަރުގެ މަގާމުގައި 2008 އިން ފެށިގެން އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވުމާ ހަމައަށް ހުންނެވި އެވެ.

ނިމާލް ވަނީ ސްރީ ލަންކާގެ ޔުނިވާސިޓީ އޮފް ކެލެނިއާއިން ސޯޝަލް ވޯކް ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވައިފަ އެވެ. އޭގެ އިތުރުން ގައުމީ ޔުނިވާސިޓީން ދިވެހި ބަހުން ޑިޕްލޮމާ ވެސް ނެންގެވި އެވެ.

ނިމާލަކީ މުލަކުގެ އިޖުތިމާއީ ކަންކަމުގައި ވަރަށް އިސް ބޭފުޅެކެވެ. މުލަކު ޒުވާނުންގެ ޖަމިއްޔާގެ ރައީސްކަން، މުލަކު އެކުވެރި ކްލަބްގެ ރައީސްކަން ވެސް ކުރެއްވި އެވެ. މިހާރު އޭނާ ހުންނެވީ މުލަކު މަސްވެރިންގެ ރޫހު ޖަމިއްޔާގެ ރައީސްކަމުގެ މަގާމުގަ އެވެ.

ނިމާލް ގަބޫލުކުރައްވާ ގޮތުގައި މިވަގުތު އަތޮޅަށް އެންމެ ރަނގަޅު ގޮތަކީ، އަދި ރައްޔިތުން ބޭނުންވާ ސްޕީޑުގައި ތަރައްގީ ގެނެވޭނީ ވެސް ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ ކެންޑިޑޭޓަކު އަތޮޅު ކައުންސިލްގެ ރައީސަށް ހޮވައިގެންނެވެ.

އަތޮޅަށް އެކި ދާއިރާތަކުން ތަރައްގީ

ނިމާލް ވިދާޅުވީ މ. އަތޮޅުގައި ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ކުރިއަށް ގެންދެވޭނެ ކަމަށެވެ. މިވަގުތު އަތޮޅުގައި އޮތީ ދެ ރިސޯޓެވެ. އެކަމަކު ބާރަ ރިސޯޓެއް ތަރައްގީކުރަން މުލަކު ފަޅުން އެކި ސަރަހައްދުތައް ދީފައިވެ އެވެ. އޭގެ އިތުރުން އަތޮޅުގައި މިވަގުތު އޮތް 10 ފަޅުރަށް ވެސް ޓޫރިޒަމަށް ބޭނުންކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަތޮޅަށް އަޅުގަނޑު ގަބޫލުކުރަނީ އިތުރު 2،500 އެނދު ގެނެވިދާނެ ކަމަށް،" ނިމާލް ވިދާޅުވި އެވެ.

މުލަކު އަތޮޅަކީ މަސްވެރިކަމާއި ދަނޑުވެރިކަން ވެސް ކުރަމުން އަންނަ އަތޮޅެކެވެ. އެހެންކަމުން އޭނާއަށް އަތޮޅު ކައުންސިލްގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ މަސްވެރިންނާއި ދަނޑުވެރިންނަށް ލުއި ލޯނު ލިބޭނެ ގޮތްތައް ތަނަވަސްކޮށްދެއްވަން ހުންނެވީ ނިންމަވައިގެންނެވެ.

"ލުއި ލޯނުތަކާ އެކު މަސްވެރިންނާއި ދަނޑުވެރިން އިތުރު ހަރުފަތަކަށް ދާން މަގު ތަނަވަސްވާނެ،" ނިމާލް ވިދާޅުވި އެވެ.

އޭނާ ލަފާކުރައްވާ ގޮތުގައި އަތޮޅުގައި 1،000 ވަޒީފާ އުފެއްދުމުގެ ފުރުސަތު އެބަ އޮތެވެ.

"އަޅުގަނޑަށް އެނގޭ އަތޮޅުގެ ތަރައްގީއަށް ވަަރަށް ގިނަ ކަންކަން ކުރެވެން ހުރި ކަން. އެކަންކަން ކުރުމަކީ އަޅުގަނޑުގެ އަމާޒު،" ނިމާލް ވިދާޅުވި އެވެ.