Roadha Mihaaru
އަލީ ނިޒާރު: އަބަދުވެސް ރައްޔިތުންނާ ކައިރީގައި

އަލީ ނިޒާރު: އަބަދުވެސް ރައްޔިތުންނާ ކައިރީގައި

04 އެޕްރީލް 2021

އައްޑޫ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމުގެ ކެމްޕޭންގައި އަލީ ނިޒާރު ބުރަކޮށް މަސައްކަތްކުރައްވަމުން އަންނަ އިރު އޭނާއަށް ޔަގީންވާ އެއް ކަމަކީ އެމްޑީޕީ ދޫކޮށް އެހެން ޕާޓީއެއްގެ ބަޔަކަށް އައްޑޫގެ ގިނަ ރައްޔިތުން ވޯޓު ނުދޭނެ ކަމެވެ. އޭގެ ސަބަބެއް ކަމަށް، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ވިދާޅުވީ ކެމްޕޭންގައި މިހާތަނަށް އެމްޑީޕީ ނޫން ބައެއްގެ "އެއްވެސް ކަމެއް ފެންނަން ނެތުން" ކަމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމުގެ ކެމްޕޭންގައި އަލީ ނިޒާރު ބުރަކޮށް މަސައްކަތްކުރައްވަމުން އަންނަ އިރު އޭނާއަށް ޔަގީންވާ އެއް ކަމަކީ އެމްޑީޕީ ދޫކޮށް އެހެން ޕާޓީއެއްގެ ބަޔަކަށް އައްޑޫގެ ގިނަ ރައްޔިތުން ވޯޓު ނުދޭނެ ކަމެވެ. އޭގެ ސަބަބެއް ކަމަށް، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ވިދާޅުވީ ކެމްޕޭންގައި މިހާތަނަށް އެމްޑީޕީ ނޫން ބައެއްގެ "އެއްވެސް ކަމެއް ފެންނަން ނެތުން" ކަމަށެވެ.

"މޭޔަރުގެ މަގާމަށް ދެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ވެސް އެބަ އޮތް،" ނިޒާރު ވިދާޅުވި އެވެ.

"ކެމްޕޭން ހަރަކާތްތަކާއި ސިޔާސީ މަސައްކަތްތަކަށް މި އިންތިހާބަށް މިހާތަނަށް ކުރެވިފައި އޮތް ގޮތަށް ބަލާ އިރު އެމްޑީޕީ ނޫން ބައެއްގެ އެއްވެސް ކަމެއް އައްޑޫން ހަގީގަތުގައި ފެންނާކަށް. އެހެންވީމާ ވަރަށް އުންމީދު ބޮޑު މި ޕާޓީން އައްޑޫގެ މެޖޯރިޓީ ނަގާނެކަން."

އައްޑޫގެ ސިޓީ ކައުންސިލަށް މި ފަހަރު 13 މެމްބަރުން އިންތިހާބުކުރެ އެވެ. މިހާރު ތިއްބަވަނީ އަށް މެމްބަރުންނެވެ.

ސިޔާސީ މަސައްކަތުގައި ނިޒާރަކީ ތަޖުރިބާ ހުރި ބޭފުޅެކެވެ. ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރައްވަ އެވެ. އެހެންވެ އައްޑޫ ރައްޔިތުންގެ އިހުސާސްތަކާއި ވިންދާއި ޝުއޫރު އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޒާރުގެ ބަހުން ނަމަ އޭނާގެ މަސައްކަތަކީ "އައްޑޫ ކޮޅަށް ޖެހުމެ"ވެ. އެކަމަށް އޭނާގެ ޕްލޭންތަކެއް ވެސް އެބަ ހުއްޓެވެ.

"އެންމެ މުހިއްމު ކަމަކީ އައްޑޫގެ އިގުތިސާދު ރަނގަޅުކުރުން. ވަޒީފާ ލިބޭނެ ގޮތްތައް ހޯދި އިގުތިސާދީ ހަރަކާތްތައް އިތުރުވާން ފެށީމާ ރައްޔިތުންގެ ހާލަތު އަންނާނީ ރަނގަޅުވެގެން،" ނިޒާރު ވިދާޅުވި އެވެ.

"އެހެންވެ އަހަރެންގެ ވަރަށް ބޮޑު ފޯކަސްއަކަށް ވާނެ އައްޑޫގެ އިގުތިސާދު ހަރުދަނާކުރުން."

ނިޒާރު ވިދާޅުވި ގޮތުގައި މިހާރު ވެސް އިގުތިސާދާ ގުޅުން ހުރި ގިނަ ޕްރޮޖެކްޓްތަކެއް ރޭވި އޭގެ ތެރެއިން ބައެއް މަސައްކަތްތައް ފެށިފައިވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެގޮތުން އައްޑޫގެ ޓޫރިޒަމް ފުޅާކުރަން އެނދުތައް އިތުރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން ރައީސް [އިބްރާހީމް މުހައްމަދު ސޯލިހް]ގެ ފަސް އަހަރުގެ ދައުރު ނިމިގެންދާ އިރު އައްޑޫގެ ބެޑް ކެޕޭސިޓީ އަށް ހާހަށް އިތުރުވެގެން ދާނެކަން،" ނިޒާރު ވިދާޅުވި އެވެ.

"މިހާރު ވެސް މި ވަނީ ހަތަރު ހާސް ބެޑްގެ ކެޕޭސިޓީ އަށް މަސައްކަތް ފެށިފައި."

ނިޒާރު ވިދާޅުވި ގޮތުގައި އޭނާ ކައުންސިލަށް ވާދަކުރައްވަނީ ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގެ ފޯރި އާއި ޖޯޝާ ވެސް އެކީގަ އެވެ. އެހެންވެ ދެން އެންމެ ބޮޑު ބަދަލެއް ފެންނާނީ ކައުންސިލް ހިންގުމުން ކަމަށް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވަނީ ކައުންސިލްގެ ކުރީގެ ދެ ދައުރުގައި އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބިދޭ ބާރުތައް އެކި ފަހަރު މަތިން ހަނިކުރުމުންނެވެ.

"އެގޮތުން ކުރީގެ ސަރުކާރު [ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި] ބާރުތައް ހަނިކުރެވި، އެއްވެސް ކަމެއް ހަގީގަތުގައި ނުކުރެވޭ ކަހަލަ ގޮތަކަށް ދިޔައީ،" ނިޒާރު ވިދާޅުވި އެވެ.

އެކަމަކު މިހާރު އަނެއްކާވެސް ލާމަރުކަޒީ ގާނޫނުގެ ބާރު ކައުންސިލްތަކަށް ލިބިފައިވުމަކީ، އައްޑޫގެ ތަރައްގީއަށް ވެސް އާ ކައުންސިލަށް މަސައްކަތްކުރަން އޮތް ފުރުސަތެއް ކަމަށް ގަބޫލުކުރައްވަ އެވެ.

"ކުދިކުދި ލޫޕް ހޯލްތައް އަދިވެސް ހުއްޓަސް އެކަންކަން ދެން ރަނގަޅުކުރެވޭނެ. އަޅުގަނޑު ވަރަށް މަސައްކަތް ކުރާނަން އާ ކައުންސިލް ވަރަށް ރަނގަޅަށް ސްޓްރަކްޗާކޮށް މަސައްކަތްތައް ހަރުދަނާކުރަން،" ނިޒާރު ވިދާޅުވި އެވެ.

"އޭރުން މިހާރަށް ވުރެ ބޮޑަށް އަވަށު އޮފީސްތައް ވެސް އެކްޓިވްވެ، މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވޭނެ."

ނިޒާރުގެ އަބަދުވެސް އުއްމީދަކީ އަދި އަޒުމަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ ގުޅިވަޑައިގެން މަސައްކަތްކުރެއްވުމެވެ. ސިޔާސީ ގޮތުން އޭނާގެ ދެން އޮތް ތަޖުރިބާ ވެސް ހޯއްދަވާނީ އެ އަޒުމުގައި ހުންނަވައިގެންނެވެ.

"ރައްޔިތުންގެ ވާހަކަތައް އަޑުއަހައި، އެ މީހުންގެ ހިޔާލާއި ޝުއޫރާއި އިހުސާސްތައް އެނގުމަކީ މަސައްކަތްކުރަންވީ ގޮތް ސާފުވާނެ ކަމެއް،" ނިޒާރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ މޭޔަރުކަމުގައި ކައުންސިލްގެ މަސައްކަތްތަކުން ރައްޔިތުން އެދޭ ފަދަ ބަދަލެއް ދެއްކުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެއް."

އެޑިޓަރުގެ ނޯޓު

މިއީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "މިހާރު" އިން ހާއްސަކުރި ޕެކޭޖެއްގައި ހިމެނޭ ކޮންޓެންޓްގެ ބައެކެވެ.