Roadha Mihaaru
ފެނަކައިގެ ކޮރަޕްޝަން އޭސީސީން ރައީސްގެ ސަމާލުކަމަށް!

ފެނަކައިގައި ކޮރަޕްޝަން ހިނގަމުންދާ ކަން ރައީސްގެ ސަމާލުކަމަށް ގެނެސްފި

04 މާޗް 2021

ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފި އެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާންކޮށްފައިވާ މި ސަރުކާރުގެ ކުންފުންޏެއްގައި ކޮރަޕްޝަން ހިނގަމުންދާ ކަން ނުވަތަ އެ ފުރުސަތު އޮތް ކަން ރައީސްގެ ސަމާލުކަމަށް އޭސީސީން ގެނައި އިރު އޭސީސީން އަންނަނީ އެ ކުންފުންޏާ ގުޅޭ 22 މައްސަލައެއް ތަހުގީގު ކުރަމުންނެވެ.

އެ މައްސަލަތައް ބަލަން ފެށީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތުކޮށް ހުށަހެޅި 27 މައްސަލައިގެ ތެރެއިންނެވެ. އެކަމަކު އެ ތުހުމަތުތައް ސައީދު ވަނީ ދޮގުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭސީސީއަށް ބަޔަކު ދިއުމަކީ "ސިޔާސީ ގޮތުން ރޭވުމެއް" ކަމަށެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގުކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށް އެބަ ދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށް، ސިޓީގައިވެ އެވެ.

ފެނަކަ އިން މުދަލާއި ހިދުމަތް ހޯދުމާއި ރެކްރޫޓްމަންޓް ޕްރޮސެސްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާ ކަންތައްތަކުގެ މައްޗަށް އޭސީސީން ވަނީ ރިޕޯޓެއް ވެސް އެކުލަވާލައިފަ އެވެ. އެ ރިޕޯޓުގައި، ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ ހާލަތާއި އެ މައްސަލަތައް ތަހުގީގު ކުރުމުގައި އޭސީސީއަށް ދިމާވާ ގޮންޖެހުންތައް ވެސް ވަނީ ހިމަނައިފަ އެވެ.

ފެނަކަ މުވައްޒަފުން ޖުލައި، 1، 2019ގައި ވަނީ މި ސަރުކާރުގެ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތު ދެމެހެއްޓުމުގެ އިގުރާރުގައި ސޮއި ވެސް ކޮށްފަ އެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދު ވެސް އެ އިގުރާރުގައި ސޮއިކުރައްވާފައިވާ އިރު، ސައީދާ ދެކޮޅަށް މައްސަލަތައް ހުށަހެޅީ ފެނަކައިގެ މުވައްޒަފުންތަކެކެވެ.

އޭސީސީއަށް ހުށަހަޅާފައި ވަނީ 2019 އާއި މިދިއަ އަހަރުގެ ތެރޭގައި އެ ކުންފުނި މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ މައްސަލަތަކެވެ. ވަކިވަކިން އެ މައްސަލަތަކާއި އޭގައި ކޮރަޕްޝަން ކަމަށް ތުހުމަތުކުރާ ސަބަބުތަކުގެ ހެކީގެ ގޮތުގައި ބިލްތަކާއި މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ ތަފުސީލް އެނގޭނެހެން އޭސީސީ އަށް ހުށަހެޅި 192 ސޮފްހާގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އޭސީސީއަށް ފޮނުވި ރިޕޯޓުގައި މުވައްޒަފުން ބުނެފައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުނީގެ ތެރޭގައި ހިންގާ ބޮޑެތި ކޮރަޕްޝަންތައް ތަފާތު އެކި ފަހަރުމަތިން ކުރިން ވެސް އެ ކޮމިޝަނަށް ހުށަހެޅި ކަަމަށެވެ. ދެން ވެސް އެ މައްސަލަތަކުގައި ފިޔަވަޅު ނާޅައިފި ނަމަ ދައުލަތުގެ އެތައް ފައިސާއެއް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް މައްސަލައިގައިވެ އެވެ.

"އަދި މިހާރު ވެސް މިކަންތައް ތަކުރާރުވަމުން ދިއުމާ އެކު މިކަމުގެ ސަބަބުން ނުހައްގުން އެތައް ބަޔަކަށް ގެއްލުން ލިބި އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާތަކެއް ދަނީ ލިބެމުންނެވެ،" އޭސީސީއަށް ހުށަހެޅި މައްސަލަތަކާ ގުޅޭ ލިއުމުގައި ވެ އެވެ.