Roadha Mihaaru
އެމެރިކާ މަނަވަރެއް ހުއްދަނެތި ރާއްޖޭގެ ކަނޑަށް ވަދެފި

އެމެރިކާގެ މަނަވަރެއް ހުއްދަ ނެތި ރާއްޖެ އާއި އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަން މައްސަލަ ހޫނުވެއްޖެ

10 އެޕްރީލް 2021

އެމެރިކާގެ ވަރުގަދަ އަސްކަރީ މަނަވަރެއް ހުއްދަ ނުހޯދައި، ރާއްޖެ އާއި އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަން މައްސަލައެއް ހޫނުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމެރިކާގެ ވަރުގަދަ އަސްކަރީ މަނަވަރެއް ހުއްދަ ނުހޯދައި، ރާއްޖެ އާއި އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަން މައްސަލައެއް ހޫނުވެއްޖެ އެވެ.

މިސައިލް ނައްތާލުމުގެ ގާބިލްކަން ލިބިފައިވާ "ޔޫއެސްއެސް ޖޯން ޕޯލް ޖޯންސް" އިން ރާއްޖެ އާއި އިންޑިއާގެ ކަނޑުގެ ސަރަހައްދަށް މިދިޔަ ބުދަ ދުވަހު ހުއްދަ ނެތި ވަދެފައި ވަނީ އެމެރިކާ ސިފައިންގެ ފްރީޑަމް އޮފް ނެވިގޭޝަންގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް އެމެރިކާ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައިވެ އެވެ. ހުއްދަ ނެތި ވަދެފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ލިބޭ އިހްތިޔާރެއްގެ ތެރެއިން ކަމަށް އެމެރިކާއިން ބުންޏެވެ.

އެކަމާ ގުޅިގެން ދިވެހި ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.

އިންޑިއާގެ ދަށުގައި އޮންނަ މަލިކުގެ ކަނޑުގެ ސަރަހައްދަށް އެ މަނަވަރު ވަދެފައިވާތީ އިންޑިއާ އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ހުއްދަ ނެތިި ވަނުމަކީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާ ޚިލާފަށް އެމެރިިކާއިން ކުރި ކަމެއް ކަމަށާއި އެކަމުގެ ކަންބޮޑުވުންތައް އެމެރިކާ ސަރުކާރާ މިހާރު ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި އެ އުޅަނދުގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ބައިނަލްއަގްވާމީ ގާނޫނު ބުނާގޮތުން ކޮންމެ ގައުމެއްގެ ވެސް އައްސޭރި ފަށުން ފެށިގެން 200 މޭލުގެ ކަނޑުގެ ސަރަހައްދަކީ އެ ގައުމެއްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އެވެ. އެ ސަރަހައްދުން އިގްތިސާދީ ފައިދާ ހޯދުމުގެ ބާރު އެ ގައުމަކަށް އޮންނާނެ އެވެ. އަދި އެފަދަ ސަރަހައްދަކަށް އެ ގައުމެއްގެ ހުއްދަ ނެތި ވަނުމަކީ ވެެސް މަނާ ކަމެކެވެ.