Roadha Mihaaru
ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެމެރިކާގެ އުޅަނދުތައް

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެމެރިކާއިން އުޅަނދުތަކެއް ދެނީ!

18 ފެބުރުއަރީ 2024

ރާއްޖޭގެ ބިޔަ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާ އިން ރާއްޖެ އަށް ޕެޓްރޯލް ބޯޓުތަކަކާއި މަތިންދާބޯޓެއް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނަލްޑް ލޫ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ބިޔަ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާ އިން ރާއްޖެ އަށް ޕެޓްރޯލް ބޯޓުތަކަކާއި މަތިންދާބޯޓެއް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނަލްޑް ލޫ ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސް (ޔޫއެސްއައިޕީ) ގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އިންޑޯ-ޕެސިފިކް ގުޅުމާ ބެހޭ ޕެނަލް ޑިސްކަޝަނެއްގައި ލޫ ވިދާޅުވީ 1،200 އެއްހާ ރަށުގެ މައްޗަށް އުފެދިފައި އޮތް ރާއްޖެ އިން 53،000 ކިލޯމީޓަރުގެ ބިޔަ ކަނޑުގެ ސަރަހައްދެއް ބަލަހައްޓަން ޖެހޭ ކަމަށެވެ.

"އެއީ ގާތްގަނޑަކަށް ފްރާންސާ އެއްވަރުގެ ސަރަހައްދެއް. އަޅުގަނޑުމެން ރާއްޖެ އަކީ ކުޑަ ގައުމެއް ކަމަށް ދުށް ނަމަވެސް، އެފަދަ ބޮޑު ސަރަހައްދެއްގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގެ އެފަދަ ބޮޑު ސަރަހައްދެއް ބެލެހެއްޓޭނީ ލޫ ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީ އާއި ތަމްރީނާއި ވަސީލަތްތައް ލިބިގެންނެވެ.

އެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ޒިންމާއެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދާދި ފަހުން އަޅުގަނޑުމެން [އެމެރިކާ] ވާނީ ރާއްޖޭގެ ނޭވީ އަށް ހަތަރު ޕެޓްރޯލް ބޯޓު ދޭން ކޮމިޓުވެފައި. އަދި އެއާކްރާފްޓެއް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ވެސް އެބަކުރެވޭ. މި ހުރިހާ އުޅަނދުތަކާއި އަދި އިތުރު ވަސީލަތްތައް އެ ސަރަހަައްދު ރައްކާތެރިކުރަން [ރާއްޖެއަށް] ބޭނުންވޭ،" މިދިޔަ މަހުގެ 30 ގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ލޫ ވިދާޅުވި އެވެ.

އެމެރިކާ އިން އުޅަނދުތަކެއް ދޭން ނިންމާފައި މިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓު ކުރުމުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ ބޮޑުވެ، އެ އުޅަނދުތައް ބޭނުންނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށް، މިހާރު ދެ ގައުމުން އެއްބަސްވެފައިވަނީ އަންނަ މަހުގެ މެއި މަހުގެ 10 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އެ އުޅަނދުތައް އޮޕަރޭޓުކުރަން އެ ގައުމުގެ މަދަނީ މީހުން ގެނައުމަށެވެ. އިންޑިއާ ސިފައިންގެ ފުރަތަމަ ގުރޫޕް އަންނަ މަހުގެ 10 ގެ ކުރިން ރާއްޖެ އިން ފުރަން ޖެހެ އެވެ.

ބޭރުގެ ގައުމުތަކަށް ބަރޯސާނުވެ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓޭނެ ގާބިލުކަން އިތުރުކުރަން، އެމްއެންޑީއެފަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކި ފަހަރު މަތިން ވިދާޅުވެފަ އެވެ.