Roadha Mihaaru
ބިންމައްޗަށް ވެއްޓޭ އެއްޗެއް ކާންވާނެތަ؟

ބިންމައްޗަށް ވެއްޓޭ އެއްޗެއް ކާންވާނެތަ؟

21 ސެޕްޓެމްބަރ 2016

ބިންމައްޗަށް ވެއްޓޭ އެއްޗެއް ފަސް ސިކުންތު ތެރޭ ނަގައިފި ނަމަ އެއަށް ބެކްޓީރިއާގެ އަސަރު ކޮށްފައި ނުހުންނާނެ ކަމަށް ބުނާ ވާހަކައެއް އޮވެ އެވެ. މިއީ ކިހާ ވަރެއްގެ ހަގީގަތެއްތޯ ބެލުމަށް ދިރާސާތައްކޮށްފައި ވާއިރު ސައިންސްވެރިންގެ މެދުގައި ވެސް މިކަމާ ޚިލާފް އެބަހުއްޓެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ބިންމައްޗަށް ވެއްޓޭ އެއްޗެއް ފަސް ސިކުންތު ތެރޭ ނަގައިފި ނަމަ އެއަށް ބެކްޓީރިއާގެ އަސަރު ކޮށްފައި ނުހުންނާނެ ކަމަށް ބުނާ ވާހަކައެއް އޮވެ އެވެ. މިއީ ކިހާ ވަރެއްގެ ހަގީގަތެއްތޯ ބެލުމަށް ދިރާސާތައްކޮށްފައި ވާއިރު ސައިންސްވެރިންގެ މެދުގައި ވެސް މިކަމާ ޚިލާފް އެބަހުއްޓެވެ.

އާ ދިރާސާއަކަށް ފަހު ބުނެފައި ވަނީ ބިންމައްޗަށް ވެއްޓޭ އެއްޗެއް ކިތަންމެ އަވަހަށް ނެގިޔަސް އެ ކާން ރައްކާތެރި ނުވުން ގާތް ކަމަށެވެ.

ރަޖަސް ޔުނިވަސިޓީގެ ސައިންސްވެރިން ކުރި ދިރާސާއަކަށް ފަހު ބުނީ ބިންމައްޗަށް އެއްޗެއް ވެއްޓޭތާ އެންމެ ސިކުންތަކަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއަށް އެކި ބާވަތުގެ ބެކްޓީރިއާ އަރާ ކަމަށެވެ.

ދިރާސާގައި އިސްކޮށް ހުންނެވި، ފުޑް ސައިންސްގެ ޕްރޮފެސަ އެންޑް އެކްސްޓެންޝަން ޑޮނަލްޑް ޝަފްނާ ވިދާޅުވެފައި ވަނީ ބިންމައްޗަށް އެއްޗެއް ވެއްޓޭތާ ފަސް ސިކުންތު ތެރޭގައި ކާނާ އަށް ބެކްޓީރިއާ ނާރާނެ ކަމަށް ބުނާ ބުނުމަކީ އެހާ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

"ބިންމައްޗަށް ވެއްޓުމާ އެކު އޮންނާނީ ބެކްޓީރިއާ އަރާފައި،" ދިރާސާއާ ހަވާލާދީ ރަޖަސް ނިއުސް ރިލީޒްގައި ބުނެފައިވެ އެވެ.

ސައިންސްވެރިން ވަނީ ކަރާ، ޕާން އަދި ގަމީ ކޭންޑީ ފަދަ އެކި ޓެކްސްޗާތަކުގެ ކާނާ، ޓައިލްސް އާއި ސްޓައިން ލެސް ސްޓީލް އާއި ލަކުޑި އަދި ކާޕެޓް ފަދަ ތަންތަނަށް ވައްޓާލުމަށް ފަހު، ބެކްޓީރިއާގެ އަސަރު ކުރާ ގޮތް ބަލައިފަ އެވެ. މިގޮތަށް 128 ހާލަތެއްގައި 20 ގޮތަކަށް ބެލި އެވެ. މި ބެލުންތަކުން އެނގުނީ ކާނާ ވައްޓާލި ތަނުގައި ގިނަން ނުވަތަ މަދުން ބެކްޓީރިއާ ހުރި ކަމުގައި ވިޔަސް އެ ވެއްޓޭތާ ސިކުންތަކަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކާނާ އަށް ވެސް ބެކްޓީރިއާ އަރާކަމެވެ.

އެކަމަކު ކާނާ ވެއްޓޭތަނާއި ކާނާގެ ތެތްކަން ހުންނަ މިންވަރަކީ ކާނާ އަށް ބެކްޓީރިއާ އެރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ. އެގޮތުން، ބޮޑަށް ތެތްވި ވަރަކަށް ފަސޭހައިން އަދި އަވަހަށް ބެކްޓީރިއާ އަރާކަން އެނގުނެވެ.

މި ދިރާސާ ވަނީ އެޕްލައިޑް އެންޑް އެންވަޔަރަމެންޓަލް މައިކްރޮބަޔޮލޮޖީގައި ޝާއިއުކޮށްފަ އެވެ.