Roadha Mihaaru
އެމްޑީޕީގެ ވެރިކަމެއްގައި ޕީޕީއެމަށް ނަތީޖާ ނެރެވޭނެތަ؟

މިފަހަރު އެމްޑީޕީގެ ވެރިކަމެއްގައި ޕީޕީއެމްގެ ކައުންސިލެއް!

11 އެޕްރީލް 2021

ވޭތުވެދިޔަ 10 ވަރަކަށް އަހަރު އެމްޑީޕީގެ ފަހުރުވެރި ރީނދޫ ބިޔަ ލަޝްކަރު އޮތީ މާލޭގަ އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއިި ލޯކަލް ކައުންސިލް އިންތިހާބެއް ވިޔަސް، މާލޭގެ ހުރިހާ ގޮނޑިއެއްހެން އެއީ އެމްޑީޕީގެ އަމިއްލަ މިލްކެކެވެ. އެހެން ނަމަވެސް އިއްޔެއަކީ އެ ހަގީގަތް ބަދަލު ކޮށްލައި، މާލޭގެ ރައްޔިތުން އެމްޑީޕީ އަށް ބޮޑު މެސެޖެއް ދިން ދުވަހެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވޭތުވެދިޔަ 10 ވަރަކަށް އަހަރު އެމްޑީޕީގެ ފަހުރުވެރި ރީނދޫ ބިޔަ ލަޝްކަރު އޮތީ މާލޭގަ އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއިި ލޯކަލް ކައުންސިލް އިންތިހާބެއް ވިޔަސް، މާލޭގެ ހުރިހާ ގޮނޑިއެއްހެން އެއީ އެމްޑީޕީގެ އަމިއްލަ މިލްކެކެވެ. އެހެން ނަމަވެސް އިއްޔެއަކީ އެ ހަގީގަތް ބަދަލު ކޮށްލައި، މާލޭގެ ރައްޔިތުން އެމްޑީޕީ އަށް ބޮޑު މެސެޖެއް ދިން ދުވަހެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގެ އިތުރުން މާލޭ ސިޓީގެ ކައުންސިލްގެ ސުޕަ މެޖޯރިޓީ އެ ނެގީ ކުރީގެ ހުރިހާ އިންތިހާބެއްގައި މާލޭގައި ބޮޑު ތަނުން ބަލިވަމުން އައި ޕީޕީއެމް އިންނެވެ. ސުޕަ މެޖޯރިޓީގެ އިތުރަށް މާލޭގެ މޭޔަރުކަން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަކީ ވެސް މުޅި ސަރުކާރާއި އެމްޑީޕީ އަށް އައި މާލެއިން ދިން "ވަރުގަދަ އިންޒާރެކެވެ."

މި ނަތީޖާއާ މިހާރު ދެން އޮތް އެންމެ ބޮޑު ސުވާލަކީ މާލޭ ސިޓީ ކައުންސިލަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟. ނަތީޖާއެއް ނެރޭނެ ފުރުސަތު ސަރުކާރުން ދޭނެ ހެއްޔެވެ؟. ކައުންސިލާއި ސަރުކާރާ ދެމެދު ތަޅާފޮޅުމެއްގެ ސިލްސިލާ ފެށުނީ ހެއްޔެވެ؟

އެމްޑީޕީން ބުނާގޮތުން ލާ މަރުކަޒީ ނިޒާމަކީ އެ ޕާޓީގެ "ހާއްޔެކެވެ." އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުންނަށް އެ "ހާލީގައި" އެޅޭނެ ބިހެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވިދާޅުވެފައިވެ އެވެ. ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެއިރެއްގެ ސަރުކާރަށް ގެއްލިއްޖެ ނަމަ، މިހާތަނަށް ފެނުނު ނަތީޖާއަކީ ކައުންސިލްތަކުގެ ބާރުތައް ހަނި ކުރުމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީން ހުރިހާ ސިޓީ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ނެގުމުން ދެން ފެށީ ކައުންސިލްތަކަށް ޖެއްސުން ކުރާށެވެ. ބާރުތައް ހަނި ކުރަމުން ގޮސް، ސިޓީ ކައުންސިލްތަކުގެ ހަމައެކަނި ޒިންމާއަކަށް އޭރު ވެފައި އޮތީ ވިހާ، މަރުވާ ބެލެހެއްޓުމެވެ.

މާލޭ ސިޓީ ކައުންސިލް ހާލަތު އޮތީ އެއަށް ވުރެ ވެސް ދަށުގަ އެވެ. ސިޓީ ކައުންސިލް ހިންގަމުން ދިޔަ އިމާރާތުން ވެސް ނެރެ، ކައުންސިލް މެމްބަރުންނާއި މުވައްޒަފުން ބޭތިއްބީ ކުޑަ އަލިފާން ފޮށްޓެއް ވަރުގެ އޮފީހެއްގަ އެވެ. އެކަންކަން ހިނގީ މުއިިއްޒުގެ ހައުސިން މިނިސްޓަރު ކަމުގަ އެވެ.

އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު --- ފޮޓޯ/މިހާރު

އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު --- ފޮޓޯ/މިހާރު

ކުރިން ހަނިކުރި ބާރުތައް މި ސަރުކާރުގައި ކައުންސިލްތަކަށް ދީ އަދިި ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ދަންމާލާފައި އޮތަސް، ކުރީގެ ސަރުކާރުގައި ހެދިހެން ކައުންސިލްތައް ކުޑަ ކަކޫ މައްޗަށް އަނެއްކާ ވެސް ތިރިކޮށްލުމަކީ އެމްޑީޕީ އަށް މެޓައެއްހާ ފަސޭހަ ކަމެކެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން އެ ބަދަލުތައް ގާނޫނަށް ގެންނަން އެމްޑީޕީ އަށް އެންމެ ދުވަހެއް ވެސް ނުނަގާނެ އެވެ. އެހެންވެ، އެމްޑީޕީން މުއިއްޒުގެ ކިބައިން ބަދަލު ހިފާނެތޯ މިއީ އެންމެ ބޮޑު ސުވާލެވެ.

އަނެއްކޮޅުން އޭނާއަކީ އޭރު ރާއްޖޭގައި ހިންގި އެންމެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ މުގުލުގައި ހުންނެވި އިސްކޮށް ހުންނެވި ބޭފުޅާ އެވެ. ގިނަ ފާޑުކިޔުންތަކެއް އަމާޒު ވިޔަސް، ބާރު ސްޕީޑްގައި ގިނަ މަޝްރޫއުތަކެއް މުއިއްޒުގެ ބެލުމުގެ ދަށުން އޭރު ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ބަލާއިރު ވެސް މުއިއްޒު މޭޔަރެއްގެ ގޮތުގައިި ބަލައިގަންނަން ސަރުކާރަށް އަދި ހާއްސަކޮށް އެމްޑީޕީ އަށް ފަސޭހަ ވާނެ ކަމަކަށް ނުބެލެވެ އެވެ.

ތަރައްގީގެ ގިނަ ވައުދުތަކަކާ އެކު މުއިއްޒު ނިކުމެ ވަޑައިގެން ހުންނެވިޔަސް، މުއިއްޒުގެ ގިނަ ސިޔާސަތުތަކާއި މި ސަރުކާރުގެ ގިނަ ސިޔާސަތުތަކާ ތަފާތެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގައި ވެސް ޔާމީންގެ ސަރުކާރުގައި މުއިއްޒު އިސްކޮށް ހުންނަވައިގެން ތަންފީޒުކުރި ސިޔާސަތުތަކާ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އުޑާއި ބިމާއި ދެމެދު ތަފާތެވެ.

މާލެއަކީ ވެރިރަށަށް ވާތީ މާލޭ ސިޓީ ކައުންސިލްގެ އިތުރުން ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބާރުތަކާއި އިހްތިސާސްތައް ވެސް މާލެ ސަރަހައްދުގައި އެބައޮތެވެ. އެހެންވުމުން، މާލޭ ސިޓީން ނަތީޖާއެއް ނެރެދޭން އެމްޑީޕީގެ ހުރަސް ކުރިމަތިވާނެތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރާއި އޭނާގެ ސިޔާސީ ހިޔާލު ތަފާތު ވިޔަސް، ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި ސިޓީ ކައުންސިލް މަސައްކަތް ކުރާނީ ސަރުކާރާ ގުޅިގެންނެވެ. އެހެންވުމުން، އޭނާ ވެވަޑައިގަތް ވައުދުތައް ފުއްދައި، ތަރައްގީ ބާރު ސްޕީޑްގައި ގެނެސްދެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އަދި ސަރުކާރުން ވެސް ސިޓީ ކައުންސިލަށް އެއްބާރުލުން ދޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހުރި ސިޔާސީ ތަފާތުވުންތަކަކީ އަޅުގަނޑުމެންގެ މާލޭގެ ތަރައްގީ އަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެ. އަޅުގަނޑުމެންގެ މުސްތަގްބަލަކަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެ. އަޅުގަނޑުމެން ވާން ޖެހެނީ އެއަށް ވުރެ ޒިންމާދާރު އަދި އަމާނާތްތެރިކަމާ އެކީގައި ޒިންމާތަކަށް އިސްކަންދޭ ބަޔަކަށް." އިންތިޚާބު ކާމިޔާބުވެ ވަޑައިގަތުމުން ރޭ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި، މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީން އެމްޑީޕީ އަށް ލިބުނު ބޮޑު ނާކާމިޔާބަށް ފަހު އެމްޑީޕީގެ ކުރިމަތީގައި މިހާރު އޮތީ ވަރުގަދަ އިމްތިހާނެކެވެ. ލާ މަރުކަޒީ އުސޫލުން ރައްޔިތުންނަށް ބާރުތައް ދޫކޮށްލުމުގައި އެމްޑީޕީގެ އިހްލާސްތެރިކަން ހުރިކަން ހާމަވުމުގެ ވަގުތު ޖެހެނީ އެވެ. އެކަން އެނގޭނީ އެމްޑީޕީ ޖެހިލުންވާ ވަރުގެ މޭޔަރަކާއި އަދި އިދިކޮޅު ޕާޓީއެއް ކޮންޓްރޯލްކުރާ މާލޭ ސިޓީ ކައުންސިލަކާ އެކު ކުރިއަށް ދިއުމާ މެދު އެމްޑީޕީގެ ސަރުކާރުން އަމަލުކުރާ ގޮތަކުންނެވެ.