Roadha Mihaaru
އެމްޑީޕީއާ އެކު ސިޓީ ކައުންސިލް ތަފާތުވާނެ: އަނަސް

އެމްޑީޕީގެ ކައުންސިލަރުންނާއެކު މާލޭ ސިޓީ ކައުންސިލް ތަފާތުވާނެ: އަނަސް

06 އެޕްރީލް 2021

އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މާލެ ސިޓީ ކައުންސިލް ތަފާތުވާނެ ކަމަށާއި ކަންކަން ކުރާނީ ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށް، އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މާލެ ސިޓީ ކައުންސިލް ތަފާތުވާނެ ކަމަށާއި ކަންކަން ކުރާނީ ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށް، އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ގަލޮޅު މެދު ދާއިރާއަށް ވާދަކުރައްވާ މަރިޔަމް ރީހާން ނާޒިމްގެ ކެމްޕެއިން ބައްދަލުވުމުގައި އަނަސް ވިދާޅުވީ ސިޓީ ކައުންސިލަށް ގާނޫނީ ބާރުވެރިކަމާއި މާލީ މިނިވަންކަން ގާނޫނީ އިމުގެ ތެރެއިން ދީ، އިގުތިސޯދީ ގޮތުން ސީދާ ކައުންސިލަށް ނަފާ ލިބޭ ގޮތް ހަދާފައިވާ ކަމަށެވެ.

އެ ނަފާ އިން ރައްޔިތުންގެ މަންފާ އަށް އެތައް ކަމެއް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށް ވިއަސް އެއިން ކުރާނީ ކޮން ކަމެއް ކަމަށް، އޭނާއާ ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ، އެ ބޭފުޅުން ތިއްބެވި ސިޓީ ޕާކެވެ.

އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެދި، އެކަމަކު ބޭނުމެއް ނުހިފޭ ޕާކެކެވެ.

ނަމަވެސް އަނަސް ވިދާޅުވިގޮތުގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވައިދީފި ނަމަ ބޭނުން ނުހިފި އޮތް އެފަދަ ޕާކުތަކުގައި ކުރާނީ ކޮން ކަމެއްތޯ އަދި ރައްޔިތުންގެ ފައިދާ އަށް ހިންގާނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިޓީ ކައުންސިލަށް ވާނީ ތަފާތު ކައުންސިލަކަށް. އަޅުގަނޑުމެންގެ ކައުންސިލް ވެގެންދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކީގައި ކަންކަން ނިންމާ ކައުންސިލަކަށް،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ހަރަކާތުގައި އަނަސް ވިދާޅުވި އެވެ.

"އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ބޭނުންވޭ މާލެ ސިޓީ ކައުންސިލްގެ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނަށް ހުރިހާ ދާއިރާއަކުން ވޯޓު ދިނުން."

އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ވިދާޅުވީ، މާލޭގެ ރައްޔިތުން ތިބީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ތަހައްމަލުކުރި ތުރާ ހަނދާން ނެތިފައި ނޫން ކަމަށެވެ. އެކަން ހަނދާން ކުރުމަށް ފަހު އަނަސް އެދިވަޑައިގަތީ އެމްޑީޕީގެ ލޯގޯ "ތިލަފަތަށް" ވޯޓު ދިނުމަށެވެ.