Roadha Mihaaru
ޔާމީނަށް ދެރަގޮތެއް ނުވާނެ: ރައީސް

ޔާމީނަށް ދެރަގޮތެއް ނުވާނެ: ރައީސް

12 އެޕްރީލް 2021

މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ދެރަގޮތެއް" ނުވާނެ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ގެއަށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "ދެރަގޮތެއް" ނުވާނެ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ގެއަށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

ރައީސް އޮފީހުގައި އޮތް ޕްރެސް ބްރީފިންގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ސިޓީފުޅެއް ލިބިވަޑައިގެންފައިވާ ކަަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްބޭފުޅުން ވެސް މިދިޔަ ހަފުތާގައި އެ މަނިކުފާނާ ބައްދަލުކުރައްވައި ޔާމީނަށް ލުޔެއް ދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ، އެކަމާ ގުޅޭގޮތުން އެ މަނިކުފާނު ގެންދަވަނީ މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދެރަގޮތެއް ރައީސް ޔާމީނަކަށް ނުވާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި އޮތް މީޑިއާ ބްރީފިންގައި ރައީސް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި އޮތް މީޑިއާ ބްރީފިންގައި ރައީސް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށް ވާއިރު، ކިހާ ދުވަހެއްގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުން ރައީސް ވިދާޅުވީ، "ލަސްތަކެއް ނުވެ އަޅުގަނޑު އެއަށް ގޮތްތަކެއް ހޯދަން މަސައްކަތް މިކުރަނީ" ކަމަށެވެ.

ޔާމީނާ ހަވާލާދެއްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސިއްހީ މައްސަލަތަކެއް ނެތް ކަަމަށެވެ. އެކަމަކު، އަނބިކަނބަލުން ފޮނުއްވި ސިޓީފުޅުގައި ޔާމީންގެ ސިއްހީ މައްސަލަތަކެއްގެ ވާހަކަ ފާހަގަކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި ޔާމީންގެ ޓެސްޓުތަކެއް ހަދަން ބޭރަށް ފޮނުވަން ޑޮކްޓަރު ރިކޮމެންޑް ކުރި ނަމަވެސް ޔާމީން އެގޮތެއް ބޭނުންފުޅެއް ނުވި އެވެ. އެއީ ރާއްޖެ އިން ހެދެން ނެތް ޓެސްޓުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެއީ ވަރަށް ކުރީގެ ރިކޮމެންޑޭޝަނެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.