Roadha Mihaaru
އިންސްޓަގްރާމުން ލައިކްސް ފޮރުވޭ ގޮތް ހަދަނީ

އިންސްޓަގްރާމުން ލައިކްސް ފޮރުވޭ ގޮތް ހަދަނީ

16 އެޕްރީލް 2021

އިންސްޓަގްރާމަށް ޕޯސްޓްކުރާ އެއްޗިއްސަށް ލިބޭ ލައިކްސް، ބޭނުން ކުރާ މީހުންނަށް ފޮރުވޭ ގޮތް ހަދަން ނިންމައި، އެކަން ޓެސްޓްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސްޓަގްރާމަށް ޕޯސްޓްކުރާ އެއްޗިއްސަށް ލިބޭ ލައިކްސް، ބޭނުން ކުރާ މީހުންނަށް ފޮރުވޭ ގޮތް ހަދަން ނިންމައި، އެކަން ޓެސްޓްކުރަން ފަށައިފި އެވެ.

ފޭސްބުކްގެ ދަށުން ހިންގާ ޕްލެޓްފޯމުން ބުނި ގޮތުގައި މި ބަދަލު ގެނައުމަކީ ލައިކް ލިބޭ/ނުލިބޭ މިންވަރުގެ ސަބަބުން ކުރިމަތިވާ ޕްރެޝަރުތަކުން އިންސްޓަގްރާމް ބޭނުންކުރާ މީހުން ރައްކާތެރިކޮށް ދިނުމެވެ. އިންސްޓަގްރާމަށް ލިބޭ ލައިކްތަކަކީ އެ މީހެއްގެ މަގުބޫލުކަމާއި އެ މީހަކު ކުރާ ޕޯސްޓްތަކުގެ މަގުބޫލުކަން ކިރާ މިންގަނޑެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭތީ މީގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ގިނަ އެވެ. އެގޮތުން ލައިކްސް ގިނައިން ހޯދަން ބޭނުންވެ، ބައެއް މީހުން ނުރަނގަޅު ކަންކަން ކުރާކަން ފާހަގަކުރެ އެވެ. މިފަަދ ކަންކަމާ ހެދި ނަފުސާނީ މައްސަލަތައް ވެސް ކުރިމަތިކުރުވަ އެވެ.

އިންސްޓަގްރާމުން ބުނި ގޮތުގައި އެ މީހަކު އަމިއްލަ އަށް ލައިކްސް ފޮރުވޭ ގޮތް ޓެސްޓްކުރަމުން އަަންނަ އިރު، އެ ފީޗާ މާ ލަސްތަކެއް ނުވެ އިންސްޓަގްރާމް ބޭނުންކުރާ އެންމެންނަށް އާންމުކުރާނެ އެވެ. މީގެ ސަބަބުން އެހެން މީހުންގެ ޕޯސްޓްތަކަށް ލިބޭ ލައިކްތަކާއި އަމިއްލަ ޕޯސްޓްތަކަށް ލިބޭ ލައިކްސް އަޅާކިޔުމުގެ ފުރުސަތު ކުޑަވެގެން ދާނެ އެވެ.

ކުރިއަށް އޮތް ތަނުގައި މި ބަދަލު ފޭސްބުކަށް ވެސް ގެންނަން ވިސްނާފައިވެ އެވެ.

"މިހާރު މި ކުރިއަށް ގެންދާ ޓެސްޓިން އަށް ބަލާފައި އަހަރެމެން ވަރަށް އަވަހަށް ބަދަލު ގެންނާނަން،" އިންސްޓަގްރާމުން ބުންޏެވެ. "މިކަން އަސްލު ލަސްވީ ކޮވިޑާ ހެދި. ކުރިން އަހަރެމެން ނިންމައިގެން ތިބީ ދެހާސް ނަވާތައިގެ ތެރޭގައި ޓެސްޓިން ނިންމާލައި މިދިޔަ އަހަރު މި ބަދަލު ގެންނަން. އިންސްޓަގްރާމުން މިކަން ފެށި ނަމަވެސް ފޭސްބުކަށް ވެސް މި ބަދަލު ގެނައުމަކީ ވިިސްނުމެއް."

މީގެ ކުރިން ވެސް އިންސްޓަގްރާމުން އެ ބޭނުންކުރާ މީހުންނަށް ކުރިމަތިވާ ޕްރެޝަރުތައް ކުޑަކުރަން ވަރަށް ގިނަ ފިޔަވަޅުތައް އަޅައި، ގިނަ ފީޗާތަކެއް ތައާރަފުކޮށްފައިވެ އެވެ.

އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް ވުރެ ގިނަ އެވެ.