Roadha Mihaaru
ބައްޕަގެ ޓީމާ ދެކޮޅަށް ވެސް ނުކުތީ މޮޅުވާން: މޯހަން

ބައްޕަގެ ޓީމާ ދެކޮޅަށް ވެސް ނުކުތީ މޮޅުވާން: މޯހަން

16 އެޕްރީލް 2021

ބައްޕަގެ ޓީމާ ދެކޮޅަށް ވެސް އޭނާ ނުކުތީ އަމިއްލަ ޓީމަށް ކާމިޔާބު ހޯދައިދޭން ކަމަށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބައްޕަގެ ޓީމާ ދެކޮޅަށް ވެސް އޭނާ ނުކުތީ އަމިއްލަ ޓީމަށް ކާމިޔާބު ހޯދައިދޭން ކަމަށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

މާދަމާ ރޭ މޯހަންގެ ސަސް އާ ދެކޮޅަށް ޔުނައިޓެޑް ވިކްޓަރީ ގޮވައިގެން ނުކުންނާނީ ގިނަ ދުވަސްތަކެއް ވަންދެން މޯހަންއާ އެކު މަސައްކަތް ކުރި އިހްސާން އަބްދުލް ގަނީ (ސާންތީ) އެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ސާންތީ އާއި މޯހަން ވަނީ އެކުގައި މަސައްކަތް ކޮށްފަ އެވެ. ސާފް ޗެމްޕިއަންޝިޕް 2008 ގައި ކާމިޔާބު ކުރިއިރު އޭރުގެ ކޯޗު ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒްއަށް އެހީވާން ތިބީ މޯހަން އާއި ސާންތީ އެވެ.

މެޗާ ގުޅޭ ގޮތުން މޯހަން ބުނީ، އެހެން ކޯޗުންނާ އޮންނަ ގުޅުމާ އޭނާ އާއި ސާންތީ އޮންނަ ގުޅުން ތަފާތު ކަމަށެވެ. އެހެންނަމަވެސް ވާދަވެރި މެޗަކަށް ނުކުންނައިރު އޭނާ ވެސް އަދި ސާންތީ ވެސް ބޭނުން ވާނީ އެ ހުންނަ ޓީމަކަށް ކާމިޔާބު ހޯދައިދޭން ކަމަށެވެ.

"އަޅުގަނޑު މިހުރީ އެއަށްވުރެ މާ ގާތް ބައްޕަގެ ޓީމާ ދެކޮޅަށް ވެސް ވާދަ ކޮށްފައި. އެހެންވީމަ އަޅުގަނޑަކަށް ހީއެއް ނުވޭ އެއަށް ވުރެ ބޮޑަށް ގާތް މީހަކާ ވާދަ ކުރެވެނޭ ހެނެއް،" ނިއު ރޭޑިއަންޓްގެ ޗެއާމަން ކުއީން އަހްމަދު ވަހީދުގެ ދަރިފުޅު މޯހަން ބުންޏެވެ. "ކޮންމެ ގޮތެއް ވިޔަސް ދަނޑުމަތީގައި މި ކުޅޭ 90 މިނެޓްގައި ކާމިޔާބު ނޫން އިތުރު އެއްވެސް ވިސްނުމެއް ނީންނާނެ."

މޯހަން ބުނީ، އެހެން ކޯޗުންނާ ސާންތީއާ އޭނާއަށް ތަފާތުވާ އެންމެ ބޮޑު ސަބަބަކީ ގާތް ރައްޓެއްސެއްގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން އެކީގައި މަސައްކަތް ކޮށްފައި ވުން ކަމަށެވެ.

"އެ ގާތްކަން އަބަދުވެސް އޮވޭ. އެހެންނަމަވެސް ދަނޑު މައްޗަށް ނުކުމެއްޖެއްޔާ އަޅުގަނޑަށް އެނގޭ ސާންތީ ވެސް ނުކުންނާނީ މޮޅުވާންކަން. އަޅުގަނޑުވެސް ނުކުންނާނީ މޮޅުވާން،" މޯހަން ބުންޏެވެ. "މެޗުގެ އޮއިވަރު ދާ ގޮތުން ފަހަރެއްގައި (ދެމީހުން ދެމީހުނަށް) ބަހެއް ބުނެވުނަސް އެއީ ދަނޑުން ބޭރަށް ދާނެ ކަންތައްތަކެއް ނޫން."

މިދިޔަ ހަފުތާގައި، ދަ ގުރާންޑޭ އަތުން ހޯދި މޮޅާ އެކު، ސީޒަންގެ ފުރަތަމަ މޮޅު ޔުނައިޓެޑް ވިކްޓަރީން ހޯދާފައި ވުމުން، ޔޫވީ އާ ދެކޮޅަށް ކުޅެން ސަސްގެ ޓީމަށް ވާނީ އިތުރު ޕްރެޝަރަކަށް ކަމަށް މޯހަން ބުންޏެވެ. ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހައެއްގެ ރޭސް ފޯރިގަދަ ވެފައި ވުމުން ދެ ވަނަ ބުރުގެ ފަހު ދެ މެޗުން މޮޅުވެގެން ނޫނީ މިހާރު ސަސްއަށް ސަލާމަތެއް ނެތް ކަމަށް މޯހަން ބުންޏެވެ.

ކުޅުންތެރިންގެ ތަޖުރިބާއަށް އަޅާކިޔާއިރު ސަސްއަށް ވުރެ ޔޫވީއަށް ކުރިއެރުން ލިބޭ ކަމަށް މޯހަން ބުންޏެވެ. އެ ޓީމުގެ ކެޕްޓަން މުހައްމަދު އާރިފް (ބަކާ) އާއި ފޯވަޑް އިސްމާއީލް އީސާގެ ނަން މޯހަން ފާހަގަ ކުރި އެވެ. އެންމެ ފަހުން ގުރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި އީސަ ދެއްކި ކުޅުމާއެކު، ސަސްގެ ކުޅުންތެރިން މާދަމާ ރޭ އޭނާ އާ މެދު އިތުރަށް ސަމާލުކަން ދޭން މޯހަން ބާރު އަޅާނެ އެވެ.

"އީސްމާއީލް އީސަ އެންމެ ފަހުން ކުޅުނު މެޗަށް ބަލާފައި އެ ޓީމުގެ އެންމެ މުހިންމު ތަނބޭ އަޅުގަނޑު ބުނާނީ. އެހެންވީމަ އޭނާއަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން މަސައްކަތް ކުރަނީ،" މޯހަން ބުންޏެވެ.

އަނިޔާގެ ސަބަބުން ޓީމާ ދުރުގައި ހުރި ބިދޭސީ ފޯވަޑް ޝުކޮޑްރާން މަހޯލީ އެ މެޗުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މޯހަން ބުންޏެވެ. ކުރީ މެޗުގައި ވެސް ކުޅުމުގެ ފުރުސަތު އޮތްނަމަވެސް އޭނާ މެޗަށް ނުނެރެ މަޑު ކުރުވީ ދެ ވަނަ ބުރުގެ ފަހު ދެ މެޗުގައި އޭނާގެ މުހިންމުކަން ބޮޑުވުމުން، އެ ދެމެޗަށް އޭނާ ފިޓް ކުރުމަށްޓަކައި ކަމަށް މޯހަން ބުންޏެވެ.

ލަނޑު ޖެހުމުގައި ސަސް އިން އެންމެ ބޮޑަށް ބަރާސޯވެފައި ވަނީ ބިދޭސީ ކުޅުންތެރިންނަށެވެ. މޯހަން ބުނީ އެ ޓީމުގެ ދިވެހި ފޯވަޑުންގެ ތަޖުރިބާ މަދުވުމުގެ މައްސަލަ މެޗުތަކުން ފެންނަ ކަމަށެވެ.

"މިއީ ހަމައެކަނި ޕްރެކްޓިސް ކޮށްގެން ހައްލު ވާނެ ކަމެއް ނޫން. ގިނަ މެޗުތައް ކުޅެ ލަނޑުވެސް ޖެހިގެން ތަޖުރިބާވެސް މި ލިބެނީ،" ސަސްގެ ދިވެހި ފޯވަޑުންނާ ބެހޭ ގޮތުން މޯހަން ބުންޏެވެ. "މިހާތަނަށް ލަނޑު ޖެހުމުގައި ބޭރު ކުޅުންތެރިންނަށް ބަރާސޯ މި ވަނީ. ދިވެހި ކުޅުންތެރިން، ބޭރު ކުޅުންތެރިންނާ އަރާހަމަ ކުރުމަށް ކުރަމުންދާ މަސައްކަތް އިރާދަ ކުރެއްވިއްޔާ ކާމިޔާބު ވާނެ."