Roadha Mihaaru
ސަސްގެ ކޯޗްކަމުން މޯހަން ވަކިވެއްޖެ

ސަސްގެ ކޯޗުކަމުން މޯހަން ވަކިވެއްޖެ

20 އޮކްޓޯބަރ 2021

މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗުގެ މަގާމުން މުހައްމަދު ޝިޔާޒް (މޯހަން) ވަކިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗުގެ މަގާމުން މުހައްމަދު ޝިޔާޒް (މޯހަން) ވަކިވެއްޖެ އެވެ.

ސަސް އިން މިރޭ ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓުގައި ބުނެފައި ވަނީ ދެފަރާތުގެ އެއްބަސްވުމާ އެކު ކޯޗުގެ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ކްލަބުގައި ހޭދަކުރި ދުވަސްތަކުގައި ކޮށްދިން ހިދުމަތްތަކަށް ސަސް އިން ވަނީ މޯހަން އަށް ޝުކުރު އަދާކޮށްފަ އެވެ.

އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މޯހަން ސަސްއާ ހަވާލުވީ ކްލަބް އީގަލްސް އިން ވަކިވެ، މި އަހަރުގެ ޖެނުއަރީ މަހު އެވެ. ސަސް އިން ސީޒަން ފެށީ އަހުމަދު ނާޝިދު (ނާދު)ގެ ކޯޗުކަމުގަ އެވެ. އަދި ނާދުގެ އެއްބަސްވުން އުވާލުމުގެ ކުރިން މޯހަން ވަނީ އޭނާ ކޯޗު ކޮށްދެމުން ދިޔަ އީގަލްސް ދޫކޮށްލައިފަ އެވެ.

މޯހަންއާ އެކު ސަސް މިދިޔަ ސީޒަނުގައި ކުޅުނު އަށް މެޗުގެ ތެރެއިން އެޓީމު ވަނީ ދެ މެޗު ކާމިޔާބުކޮށް، ދެ މެޗު އެއްވަރުކޮށްފަ އެވެ. ސަސް އިން ލީގު ނިންމާލީ 14 މެޗުން ހޯދި 15 ޕޮއިންޓާ އެކު ލީގު ތާވަލުގެ ހަވަނައިގަ އެވެ.

މޯހަން ދޫކޮށްލިކަން ސަސްއިން އއުލާން ކުރި ޕޯސްޓް

ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ދާއިރާއަށް ވަން މޯހަން ވަނީ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި ފުރަތަމަ ޑިވިޝަނުގައި ސަސް އާއި އީގަލްސްގެ އިތުރުން ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި މަހިބަދޫ އާއި ދ. ކުޑަހުވަދޫ އަށް ވެސް ވަނީ ކޯޗުކޮށްދީފަ އެވެ.

މޯހަން ވަނީ ނިއު ރޭޑިއަންޓާ އެކު 2012 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ދ. ކުޑަހުވަދޫއަށް މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީ، އެޓީމު ޕްރިމިއާ ލީގަށް ކޮލިފައި ކޮށްދިނީ ވެސް މޯހަން އެވެ.

ސަސްގެ ކޯޗުކަމުން މޯހަން ވަކިވިއިރު އޭނާ މާޒިޔާ އަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. މާޒިޔާ އަށް އެންމެ ފަހުން ކޯޗު ކޮށްދިނީ ސާބިއާގެ ރސްޓޯ ވިޑަކޮވިޗް އެވެ. ކޮންޓްރެކްޓް ހަމަވުމުން އޭނާ ވަނީ އޭއެފްސީ ކަޕަށް ފަހު މާޒިޔާ ދޫކޮށްލައިފަ އެވެ. އޭނާ މިހާރު ވަނީ އިންޑޮނޭޝިއާގެ ކްލަބު ބޯނިއޯ އެފްސީގެ ކޯޗުކަމާ ހަވާލުވެފަ އެވެ.