Roadha Mihaaru
ބިދޭސީ މޮޅު ކުޅުންތެރިންނެއް މިހާރަކު ނުހޯދޭ: ސާންތީ

ބިދޭސީ މޮޅު ކުޅުންތެރިންނެއް މިހާރަކު ނުހޯދޭ: ސާންތީ

17 އެޕްރީލް 2021

ތަފާތެއް ދައްކާނެ ވަރުގެ ބިދޭސީ މޮޅު ކުޅުންތެރިންނެއް ދިވެހި ކުލަބުތަކަކަށް މިހާރު ނުހޯދޭ ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ތަފާތެއް ދައްކާނެ ވަރުގެ ބިދޭސީ މޮޅު ކުޅުންތެރިންނެއް ދިވެހި ކުލަބުތަކަކަށް މިހާރު ނުހޯދޭ ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ރާއްޖެ އަށް އައި ބިދޭސީ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރު ވެފައި ވަނީ، ނިއު ރޭޑިއަންޓަށް ގެނައި ކޮންޕެޓްރިކް ޗިކާޔާ އެވެ. ޗިކާޔާ އާ ދެކޮޅަށް ކުޅުނު ސާންތީ ވަނީ ރަނގަޅު ބިދޭސީ ކުޅުންތެރިން ރާއްޖޭގެ ކުލަބުތަކަށް މިހާރު ނުގެނެވޭ ސަބަބު ކިޔައިދީފަ އެވެ. އޭނާ ބުނީ، މިހާރު ގިނަ ކުލަބުތަކަށް ބިދޭސީ ކުޅުންތެރިން ގެންނަނީ އެޖެންޓަކު ފޮނުވާލާ ވީޑިއޯ ބަލައިގެން ކަމަށެވެ. އެގޮތަށް ގެންނަ ކުޅުންތެރިންގެ ފެންވަރު ދިވެހި އެވްރެޖު ކުޅުންތެރިޔަކާ އަޅާ ބަލާއިރު ތަފާތެއް ނެތް ކަމަށް ސާންތީ ބުންޏެވެ.

"އަޅުގަނޑުމެން 3000 ނުވަތަ 5000 ނޫނީ 2000 ޑޮލަރު ދީފައި ގެންނަ ބިދޭސީ ކުޅުންތެރިޔާ ތަފާތެއް ނުދެއްކެންޏާ ގެނައުމުގެ ބޭނުމެއް ނެތް." ސާންތީ ބުންޏެވެ.

އޭނާ ބުނީ ނިމިދިޔަ ޓްރާންސްފާ ޕީރިއަޑްގައި ޔުނައިޓެޑް ވިކްޓަރީއަށް ބިދޭސީ ކުޅުންތެރިޔެއް ނުގެނައީ ވެސް ވީޑިއޯއެއް ބަލައިގެން ގެންނަ ކުޅުންތެރިޔާގެ ފެންވަރު ނޭންގި ރިސްކެއް ނަގަން ބޭނުން ނުވާތީ ކަމަށެވެ. މި ސަރަހައްދުން އިންޑިއާ އާއި ބަންގުލަދޭޝްގެ ލީގް މިހާރު ވަރުގަދަ ވިޔަސް، އެ ގައުމުތަކަށް ވުރެ ބޮޑަށް ރާއްޖޭގައި ކުޅެން ބޭނުންވާ ބިދޭސީ މޮޅު ކުޅުންތެރިން އެބަތިބި ކަމަށް ސާންތީ ބުންޏެވެ.

"ފުޓްބޯޅައިގެ އެކި މަސައްކަތުގައި އެކިތަންތަނަށް ދަތުރު ކުރެވިފައި ހުރީމަ އަޅުގަނޑަށް އެނގޭ އެކަން،" ސާންތީ ބުންޏެވެ. "ބަންގުލަދޭޝް އާއި އިންޑިއާ އަދި ނޭޕާލްގައި ލީގްގައި މިސަރަހައްދުން މިހާރު ވަރުގަދަ ވިއަސް ވަރަށް ގިނަ ކުޅުންތެރިން ބޭނުންވޭ ރާއްޖެ އަންނަން ރާއްޖޭގެ މޫސުން މިއޮންނަ ގޮތާއި އެންވަރަމެންޓް މިއޮންނަ ގޮތުން."

ރާއްޖޭގެ ލީގް އިތުރަށް ފޯރިގަދަ ކުރަން ބިދޭސީ ތަފާތު މޮޅު ކުޅުންތެރިން ގެންނަން ޖެހޭކަމަށް ސާންތީ ފާހަގަ ކުރި އެވެ. އޭނާ ބުނީ ބިދޭސި ކުޅުންތެރިން ގެނައުމުގައި ދިވެހި ކުލަބުތަކުގެ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"މިހާރު މި ކުރާ ގޮތަކަށް އެކަމެއް ނުކުރެވޭނެ. ދެހާސް ކިޔާ މީހާ 700 ޑޮލަރަށް ބައެއް ކުލަބުތަކުގައި ތިރިވެގެން އެބަ ދޭ، ދެން އެންމެންނަށް ވެސް އެނގޭ 700 ޑޮލަރަށް ގެންނަ ކުޅުންތެރިޔާގެ ފެންވަރު ހުންނާނެ ވަރު،" ސާންތީ ބުންޏެވވެ.

"ރަނގަޅު އަގުތަކުގައި ވެސް މޮޅު ބިދޭސީ ކުޅުންތެރިން ގެނެވޭނެ. ރަނގަޅަށް ސްކައުޓް ކުރެވިގެން ރަނގަޅު އެޖެންޓުން ހޯދައިގެން ދުރާލައި އެކަމަށް ތައްޔާރުވާން ވީ."

ދިވެހި ޕްރިމިއާ ލީގްގައި މިރޭ ޔުނައިޓެޑް ވިކްޓަރީން ނުކުންނާނީ ސަސްއާ ދެކޮޅަށެވެ. މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗަށް ފަހު ދެ ޓީމުގެ ކޯޗުން ބަދަލުވި އެވެ. ސާންތީ ބުނީ އެ ބަދަލާއެކު ސަސް އިތުރަށް ވަރުގަދަ ވެގެން ދިޔަ ކަމަށެވެ. ގުރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔޫވީގެ އަނަޓޮލީ (ޓޯނީ) އަށް ދެ ކާޑު ހަމަވުމުގެ ސަބަބުން ނުކުޅެވޭނެ އެވެ. އެ މެޗުގައި ޔޫވީއަށް ނަތީޖާ ނެރުމުގައި ޓޯނީ އާއެކު އިސްމާއީލް އީސާގެ ހިއްސާ ބޮޑެވެ.

ސާންތީ ބުނީ ޓޯނީ ނެތުމަކީ ޔޫވީގެ އެޓޭކުތަކުގައި ކުރިމަތިވާނެ ބޮޑު މައްސަލއެއް ކަމަށެވެ. މިރޭގެ މެޗު ސާންތީ ސިފަ ކުރީ ފައިނަލެއް ގޮތަށެވެ.