Roadha Mihaaru
ޔޫވީގެ ޓާގެޓަކީ ފުރަތަމަ ޑިވިޝަންގައި އޮތުން: ސާންތީ

ޔޫވީގެ ޓާގެޓަކީ ފުރަތަމަ ޑިވިޝަންގައި އޮތުން: ސާންތީ

24 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުމުގެ އަމާޒުގައި ސީޒަން ފެށި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ފުރަތަމަ ބުރުގައި ނެރުނު ނަތީޖާތަކަށް ބަލާއިރު، ދެން ޓާގެޓްކުރާނީ ފުރަތަމަ ޑިވިޝަނުގައި އޮންނަން ކުރަން ޖެހޭ މަސައްކަތަށް ކަމަށް، އެ ޓީމުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުމުގެ އަމާޒުގައި ސީޒަން ފެށި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ފުރަތަމަ ބުރުގައި ނެރުނު ނަތީޖާތަކަށް ބަލާއިރު، ދެން ޓާގެޓްކުރާނީ ފުރަތަމަ ޑިވިޝަނުގައި އޮންނަން ކުރަން ޖެހޭ މަސައްކަތަށް ކަމަށް، އެ ޓީމުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ޔުނައިޓެޑް ވިކްޓްރީން މި ސީޒަނުގެ ޕްރީ ސީޒަން ޕްރެކްޓިސް ފެށިއިރު ސާންތީ ހުސްކޮށް ހުރުމުން އޭރު ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމްގެ އެދުމަށް އެ ޓީމުގެ ޓްރެއިނިންތަކުގައި މަސައްކަތްކުރަން ފެށި އެވެ.

ފުރަތަމަ ހަ މެޗަށް ފަހު މެނޭޖްމަންޓާ އެކު ދެކެވުނު ވާހަކަތަކަށް ފަހު މުހައްމަދު ވަނީ ޔުނައިޓެޑް ވިކްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ. އޭގެ ފަހުން މި ސީޒަނުގެ ނިޔަަލަށް ޔުނަައިޓެޑް ވިކްޓްރީގެ ހެޑް ކޯޗުގެ ޒިންމާއާ ސާންތީ ހަވާލުވިއިރު، އޭނާގެ ކޯޗުކަމުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ބުރާސްފަތި ދުވަހުގެރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 2-1 އިން ބަލިވެފަ އެވެ.

ލީގުގެ އެންމެ ފުލުގައި ޔުނައިޓެޑް ވިކްޓްރީ އޮތީ ހަތް މެޗުން ތިން ޕޮއިންޓާ އެކު އެވެ. ލީގުގައި ހަމައެކަނި މޮޅެއް ނުލިބި އޮތް ޓީމަކީ ޔުނައިޓެޑް ވިކްޓްރީ އެވެ. ސާންތީ ބުނީ މުޅި ފުރަތަމަ ބުރު ވެސް ދިޔައީ އެއްކަހަލަ ގޮތަކަށް ކަމަށާއި ލަނޑު ނުޖެހުމުގެ މައްސަލަ ދިމާވުމާއި ކޮންމެ މެޗެއްގެ ކުރީކޮޅުގައި އާދައިގެ ގޯލެއް ވަނުމުން ފަހަތުން އަރައި ނަތީޖާއެއް ހޯދަން އެ ޓީމަށް އުނދަގޫ ކަމަށެވެ.

"ދެން މިހާރު ގައިމުވެސް އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން ފުރަތަމަ ފެއްޓިއިރުގައި މި އޮތް ޓާގެޓަކަށް އެޗީވެއް ނުކުރެވޭނެ. މިހާރު ދެން އަޅުގަނޑުމެން ބަލަން ޖެހޭނީ ފުރަތަމަ ޑިވިޝަނުގައި އޮންނަން. އެކަން ދެން އަޅުގަނޑުމެން ފޯކަސް ކުރާނީ،" ދަ ގްރާންޑޭ އަތުން ބަލިވި މެޗަށް ފަހު ސާންތީ ބުންޏެވެ.

މި ފަހަރުގެ ފުރަތަމަ ޑިވިޝަނުގެ ގަވާއިދުގައިވާ ގޮތުން ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމަކާއި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން އަދި ރަނަރަޕް ކުޅޭނީ ލީގު ބުރެކެވެ. އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެއް އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެން ފުރުސަތު ލިބޭނެ އެވެ.

މި ފަހަރު ޔުނައިޓެޑް ވިކްޓްރީގެ އަނެއް މައްސަލަ އަކީ ގެނައި ބިދޭސީ ކުޅުންތެރިންނަށް ތަފާތެއް ނުދެއްކުމެވެ. އެ ޓީމަށް ހަތަރު ބިދޭސީ ކުޅުންތެރިން ކުޅެ އެވެ. އެއީ ކިރްގިސްތާންގެ ތިން ކުޅުންތެރިން ކަމަށްވާ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭވް، ޑިފެންޑަރު މަރަޓް އަދްޒިނިޔަޒޯފް، ގޯލްކީޕަރު ރުސްލާން އާމިރޯފް އަދި ޔޫކްރޭނުގެ ފޯވާޑް ސިލިޗް ކީރްލޯ އެވެ. މީގެ ތެރެއިން ކީރްލޯ އަށް އަނިޔާގެ ސަބަބުން ގިނަ މެޗުތަކުގައި ނުކުޅެވެ އެވެ.

ސާންތީ ބުނީ ބިދޭސީ ކުޅުންތެރިންގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނަ ކަމަށާއި ފެންވަރަށް ބަލާއިރު ވެސް ހިތްހަމަނުޖެހޭ ކަމަށެވެ. އެހެން ނަމަވެސް މާޗް މަހު ހުޅުވޭ ޓްރާންސްފާ މާކެޓާ ހަމައަށްދާއިރު މި ކުޅުންތެރިން ލައިގެން ވެސް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށެވެ.

"މިހާރު ލީގެއްގައި އަޅުގަނޑުމެންގެ ފޮރިން ޕްލޭޔަރުން ރަނގަޅުވާ ވަރަކަށް ލީގުގެ ފެންވަރު ވެސް މަތިވެގެންދާނީ. އެއީ ދުނިޔޭގެ އެހެން ތަންތާގައި ވެސް އެކަން ކުރާ ގޮތަކީ. އަޅުގަނޑުމެން މި ގެންނަ ކުޅުންތެރިން ވެސް މި ޖެހެނީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ތެރެއަށް ލައިގެން އެ ކުޅުންތެރިންނަށް ޕާސްކުރަން ދަސްކޮށްދީ. އެ ކަހަލަ ގޮތަކަށް މިދަނީ،" ސާންތީ ބުންޏެވެ.

ކުރިން އީގަލްސް ގޮވައިގެން ރަނގަޅު މަސައްކަތްތަކެއްކުރި ސާންތީ ބުނީ ޔުނައިޓެޑް ވިކްޓްރީއާ ހަވާލުވިއިރު ވެސް މިއީ އުނދަގޫވާނެ މަސައްކަތެއްކަން އެނގޭ ކަމަށެވެ. ހުރި ގިނަ މައްސަލަތައް ހައްލުކުރުމަކީ ދެ ވަނަ ބުރަށް ދާއިރު ސާންތި އަމިއްލަ ގޮތުން ވެސް ބޭނުންވާ ކަމެކެވެ.

"ފުޓްބޯޅައިގެ އެންމެ ހިތްގައިމު ކަމަކީ ހުރިހާ ގޮންޖެހުންތަކަކާ އެއްކޮށް މަސައްކަތްކޮށްލުން. ތަފާތު ތަޖުރިބާއެއް މިއީ އަޅުގަނޑު ވެސް ކުރާ. އެހެންވެ މި ހުރިހާ ކަމެއް ހައްލުކުރަން އަޅުގަނޑަށް ވަގުތު ވެސް ބޭނުންވާނެ. މީގެ ވަރަށް ބޮޑަށް ޓީމު ތެރޭގައި އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ޑީމޯޓިވޭޓްވުމާއި މި ކަހަލަ ބައިވަރު ކަންތައްތަކެއް ވެސް އެބައުޅޭ. އަޅުގަނޑުގެ މެކްސިމަމް އަޅުގަނޑު ދޭނަން،" ސާންތީ ބުންޏެވެ.

މިއީ އީގަލްސް އިން 2017 ވަނަ އަހަރުގެ މާލޭ ލީގަށް ފަހު ވަކިވި ފަހުން ސާންތީ ފުރަތަމަ ޑިވިޝަނުގެ ބެންޗުން ފެންނަ ފުރަތަމަ ފަހަރެވެ. ޔުނައިޓެޑް ވިކްޓްރީއާ ގުޅުމުގެ ކުރިން ސާންތީ ވަނީ އެފްއޭއެމް ޓެކްނިކަލް ޑިޕާޓްމަންޓުގައި ގިނަ މަސައްކަތްތަކެއްކޮށް ފަހުން ކްލަބް އޭދަފުށީގެ ކޯޗެއްގެ ގޮތުގައި ވެސް އުޅެފަ އެވެ.

ޔުނައިޓެޑް ވިކްޓްރީ ގޮވައިގެން ސާންތީ ލީގުގެ ދެ ވަނަ ބުރުގެ ފުރަަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. ދެ ވަނަ ބުރު ފަށާނީ ބުދަ ދުވަހު ހަވީރު ވެލެންސިއާ އާއި މާޒިޔާ ކުޅޭ މެޗުންނެވެ. ބުދަ ދުވަހުގެރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ. ބުރާސްފަތި ދުވަހު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.