Roadha Mihaaru
ޔޫވީން ބިދޭސީ ކުޅުންތެރިން ފޮނުވާލަނީ

ލީގު ނިންމާލާނެ ކަމަށް ބަލައި ޔޫވީން ބިދޭސީ ކުޅުންތެރިން ފޮނުވާލަނީ

28 މެއި 2021

ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރު ކުޅޭ ގޮތަށް ގަވާއިދުގައި ލިޔެފައި އޮތަސް، ކޮވިޑް-19ގެ ސަބަބުން ލީގު ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައި ޔުނައިޓެޑް ވިކްޓަރީން އެ ޓީމުގެ ބިދޭސީ ކުޅުންތެރިން ފޮނުވާލަން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރު ކުޅޭ ގޮތަށް ގަވާއިދުގައި ލިޔެފައި އޮތަސް، ކޮވިޑް-19ގެ ސަބަބުން ލީގު ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައި ޔުނައިޓެޑް ވިކްޓަރީން އެ ޓީމުގެ ބިދޭސީ ކުޅުންތެރިން ފޮނުވާލަން ނިންމައިފި އެވެ.

އެ ޓީމުގައި ތިބި ހަތަރު ކުޅުންތެރިން ވެސް މިރޭ ރާއްޖޭން ފުރާނެ އެވެ. ބިދޭސީ ކުޅުންތެރިންގެ ހަތަރު ޖާގައަށް މި ސީޒަނަށް ޔޫވީން ގެނައީ ކިރިގިސްތާންގެ ތިން ކުޅުންތެރިން ކަމަށްވާ، ގޯލްކީޕަރު ރުސްލާން އަމީރޯވް، ޑިފެންޑަރު މަރަތު އަޖްނިއާޒޮވް، ފޯވަޑް އަނަޓޮލީ ވްލަސިޗޭވް އަދި ޔޫކްރޭންގެ މިޑްފީލްޑާ ކެރެލޯ ސިލިޗް އެވެ.

އެ ކުޅުންތެރިންނަށް ޔޫވީން ބޮޑު ހަރަދެއް ކުރި ނަމަވެސް އެ ކުޅުންތެރިން ބޭނުން އެންމެ ރަނގަޅަށް އެ ކްލަބަކަށް ނުހިފުނެވެ. ނަމަވެސް ލީގުގެ ދެ ވަނަ ބުރުގެ ފަހު ކޮޅުގައި އަނޮޓޮލީ ރަނގަޅު ކުރި އެވެ.

ރުސްލާން އަމީރޯވްގެ ބަދަލުގައި ފުރަތަމަ 11 އިން ޖާގަ ދޭން ފެށި، ރާއްޖޭގެ ޒުވާން ކީޕަރު އަލީ ނާޖިހް ވަނީ ތަފާތު ކުޅުމެއް ދައްކައި ގައުމީ ޓީމުގެ ފައިނަލު ސްކޮޑްގައި ހިމެނިފަ އެވެ.

ލީގުގެ ތިން ވަނަ ބުރު ނުކުޅެ ލީގު ނިންމާލުމުގެ ވިސްނުމެއް އެފްއޭއެމުން ގެންގުޅެ އެވެ. އެހެންވެއްޖެ ނަމަ ލީގުގެ ޗެމްޕިއަންކަން ލިބޭނީ މިދިޔަ އަހަރުގެ ވެސް ޗެމްޕިއަން މާޒިޔާއަށެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ، ލީގް ނިންމާލުމަށް ފަހު، ފުރުސަތު ލިބޭ ނަމަ ކުރު މުބާރާތެއްގެ ގޮތުގައި ޕްރެޒިޑެންޓް ކަޕް ކުޅުމުގެ ވިސްނުންތަކެއް އެފްއޭއެމުން ގެންގުޅޭ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ލީގުގެ ފަހު ކޮޅުގައި ކުޅުން ރަނގަޅު ކުރި ޔުނައިޓެޑް ވިކްޓަރީ އޮތީ ލީގުގެ ފުލުގަ އެވެ. މިފަހަރު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބޭއްވޭނެ ކަމަށް ނުބެލެވޭތީ ރެލިގޭޝަނެއް ނޯންނާނެ އެވެ. ތިން ވަނަ ޑިވިޝަން ވެސް ވަކި ހިސާބަކަށް ދިޔަތަނުން ހުއްޓާލަން ޖެހުނީ އެވެ.

ޔޫވީގެ ބިދޭސީ ކުޅުންތެރިން ފޮނުވާލަން ނިންމި ސަބަބާ ބެހޭގޮތުން، އެ ޓީމުގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނިގޮތުގައ، ތިން ވަނަ ބުރު ކުޅެން ނިންމިއަސް، މިހާރު ތިބި ދިވެހި ކުޅުންތެރިންނާ އެކު ޔޫވީއަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ އެވެ. ލީގުގެ ތިން ވަނަ ބުރު ކުޅުމަށް ވުރެ ނުކުޅެ ލީގު ނިންމާލުން ކައިރިކަމަށް ސާންތީ ވެސް ލަފާކުރެ އެވެ.