Roadha Mihaaru
"ހޭލަންވީ ހިސާބަށް ހިނގައްޖެ، އިތުރަށް ސަމާލުކަންދީ"

ހޭލަންވީ ހިސާބަށް ހިނގައްޖެ، އިތުރަށް ސަމާލުކަންދީ: ޑރ. ނަޒްލާ

03 މާޗް 2021

ކޮވިޑް-19 ގެ ހާލަތު އޮތް މިންވަރުން ދިވެހިން ހޭލަންވެއްޖެ ކަމަށާއި މިހާރު މި އޮތީ ކިރިޔާ ހިފެހެއްޓޭ ހިސާބުގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގެ ހާލަތު އޮތް މިންވަރުން ދިވެހިން ހޭލަންވެއްޖެ ކަމަށާއި މިހާރު މި އޮތީ ކިރިޔާ ހިފެހެއްޓޭ ހިސާބުގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި، ބައެއް ރަށްރަށުގައި ކަރަންޓީނާ ހިލާފުވެ، މޮނިޓަރިންގެ ހާލަތަށް ގެންނަން ޖެހުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެއީ ވަރަށް ސީރިއަސް ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ބަލި ކޮންޓްރޯލްކުރަން ކުރާ މަސައްކަތުގައި އެންމެ އުނދަގޫ ވަނީ ކޮވިޑަށް ޕޮޒިޓިވް ނަތީޖާ ލިބޭ ހިސާބުން އެ މީހަކު ކަރަންޓީނާ ހިލާފުވިކަން އެނގުމުން ކަމަށެވެ.

ރަށްރަށުގައި ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ކުރިއަށް ގެންދަނީ އެ ރަށެއްގެ އިދާރާތައް ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯހަކުންނެވެ.

ޑރ. ނަޒްލާ ވެސް ވިދާޅުވީ ޓާސްކްފޯހުގެ އެންމެ މުހިއްމު މަސައްކަތަކީ ކަރަންޓީނުގައި ތިބޭ މީހުން އެ އަށް އަމަލުކުރޭތޯ އަދި އެ މީހުން ތިބޭ ގެއަށް އެހެން މީހުން ޒިޔާރަތްކުރޭތޯ ބެލުމެވެ.

ރަށްރަށުގައި ބަލި ފެތުރިގެން ދަނީ އެ ގޮތަށް އަމަލުނުކުރާތީކަން ފާހަގަކުރެއްވި އެވެ.

ބައެއް ރަށްރަށުގައި ކަރަންޓީނާ ހިލާފުވެގެން ބޮޑު ކްލަސްޓާއެއް ވެސް ފެނިފައި އެބަހުއްޓެވެ. އެއާއެކު، މަހެއް ވަންދެން މޮނިޓަރިންގެ ހާލަތުގައި ވެސް އެ ރަށްރަށް ބޭއްވި އެވެ.

އޭގެ ތެރެއިން އެއް ރަށަކީ ގއ. ދެއްވަދޫ އެވެ. އެ ރަށުން ބޮޑު ކްލަސްޓާއެއް އުފެދި، އެތައް ބަޔަކަށް ބަލި ޖެހުނެވެ. މަސް ދުވަހަށް ފަހު މިދިޔަ މަހުގެ ތެރޭގައި ކަރަންޓީނުގެ ހާލަތުން ނެގި ފަހުން އަނެއްކާ ވެސް އިއްޔެ ވަނީ ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މޮނިޓަރިންނަށް ލައިފަ އެވެ.

"އެންމެ ރަށެއްގައި ނޫން މިހާރު މި ކަންތައް ދިމާވަނީ. އެންމެ ފަހަރަކު ނޫން މި ދިމާވަނީ. އެއް ރަށަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް ދިމާވޭ. އަސްލުގައި އަޅުގަނޑުމެން ހޭލަންވެއްޖެ ހިސާބަކަށް ގޮސްފައި ކަންނޭނގެ އަޅުގަނޑަށް ހީވަނީ މި ވަގުތު މި އޮތީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ފުރަތަމަ ނޭނގިދާނެ. ނަމަވެސް، އެއް ފަހަރު ދެ ފަހަރު ތިން ފަހަރު، އެ އަށް ވުރެ ގިނަ ފަހަރު ވެސް މި ގޮތަށް އެކި ރަށްރަށަށް ދިމާވަންޏާ އެންމެންނަށް ވެސް އެނގޭނެ މީގެ ސަބަބުން ދިމާވާ ކަންތައްތަކަކީ ކޮބައިކަން."

އޭނާ ވިދާޅުވީ ކަރަންޓީނާ ހިލާފުވުމުން ރަށުގައި ތިބި އުމުރުން ދުވަސްވީ އަދި ހައިރިސްކު މީހުންނަށް ބަލި ޖެހުމުން އެ މީހުން ރަނގަޅު ވަނީ ފެސިލިޓީއަށް ގެންގޮސްފައި ފަރުވާދީ، ވަރަށް ރަނގަޅަށް ފަރުވާދީގެންނެވެ.

ބަލީގައި އެއްފަހަރާ އެތައް ބަޔަކު މަރުނުވާތީ ނުވަތަ ސިއްހީ ހިދުމަތްދޭ ތަންތަން ފުރި، ފަރުވާ ނުދެވޭ ހިސާބަށް ނުދާތީ ކޮވިޑަކީ އާދައިގެ ބައްޔެއް ކަމަށް މީހުން ހިތަށް އަރާ ކަމަށާއި މި ލެވެލްގައި ހިފެހެއްޓެނީ ވެސް ވަރަށް ގިނަ ބައެއްގެ މަސައްކަތުންކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވަނީ ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން ވެސް ސަމާލުކަންދިނުމަށް އެދިވަޑައިގެންފަ އެވެ.