Roadha Mihaaru
"ސައުތުގޭޓަށް ފޯނުކުރާ ކޯޗުންގެ ނަން ހާމަކުރަންޖެހޭ"

ސައުތުގޭޓަށް ފޯނުކުރާ ކޯޗުންގެ ނަން ހާމަކުރަންޖެހޭ: މޮރީނިއޯ

21 ނޮވެމްބަރ 2020

ލަންޑަން (ނޮވެމްބަރު 21) - އިންގްލެންޑް ގައުމީ ޓީމަށް ބައެއް ކްލަބްތަކުގެ ކުޅުންތެރިން ނުނަގަން އެދި އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓަށް ފޯނުކުރާ ކޯޗުންގެ ނަންތައް ހާމަކުރަން ޖެހޭ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ލަންޑަން (ނޮވެމްބަރު 21) - އިންގްލެންޑް ގައުމީ ޓީމަށް ބައެއް ކްލަބްތަކުގެ ކުޅުންތެރިން ނުނަގަން އެދި އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓަށް ފޯނުކުރާ ކޯޗުންގެ ނަންތައް ހާމަކުރަން ޖެހޭ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ އެހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ. މޮރީނިއޯ އެ ވާހަކަތައް ދައްކަން ޖެހުނީ މިރޭގެ މެޗުގައި ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން ކުޅޭނެމަ އެއީ ކިހާ ވަރެއްގެ ޕްރެޝަރެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

މޮރީނިއޯ ބުނީ ބައެއް ކްލަބްތަކަށް ނިސްބަތްވާ ކުޅުންތެރިން އެއްކޮށް ފިޓްނޫން ކަމަށް ބުނެ ގައުމީ ޓީމަށް އެ ކުޅުންތެރިން ނުކުޅުވަން އިނގިރޭސި ކޯޗު ސައުތުގޭޓަށް ބައެއް ކްލަބްތަކުގެ ކޯޗުން ޕްރެޝަރުކުރާ ކަމަށެވެ.

"ގަރެތު ސައުތުގޭޓް، އަހަންނަށް އަޑު އެބައިވޭ ބައެއް ކްލަބްތަކުގެ ކޯޗުން އެ މީހުންގެ ކުޅުންތެރިން ގައުމީ ޓީމަށް ނުކުޅެން ޕްރެޝަރުކުރާ ވާހަަކަތަކެއް. ބައެއް ފަހަރު ކޯޗުންގެ ހިތްހަމަނުޖެހުންތައް ހުންނަ ގޮތުން ފޯނުކޮށްގެން ވާހަކަތަކެއް ވެސް ކުރިއަށް ގޮސްފައި ހުރިކަން އެބަހުރި އަޑުއިވިފައި،" މޮރީނިއޯ ބުންޏެވެ.

"އަހަރެން ބޭނުން ކޮން ކްލަބްތަކެއްގެ ކޯޗުންތޯ ގައުމީ ޓީމަށް ކުޅުންތެރިން ނުފޮނުވަން ޕްރެޝަރު މި ކުރަނީ އެނގެން. އަހަރެން ވަރަށް ބޭނުން އޭނަ (ސައުތުގޭޓް) މި ވާހަކަތައް ދައްކަން. އޭނަ އަށް ފޯނުން އެ ގުޅާ ކޯޗުންގެ ވާހަކަތައް ހާމަކުރަންޖެހޭ."

ފިޓްނަސް މައްސަލައެއްގައި ސްޓާލިން މިދިޔަ މަހު އޮތް އިންގްލެންޑް މެޗުތަކުގައި ނުކުޅެ ޖެހިގެން އައި ހަފްތާގައި އާސެނަލް އަތުން ސިޓީ މޮޅުވި މެޗުގައި ވަނީ ލަނޑު ޖަހައިފަ އެވެ. މި ފަހަރުގެ އިންގްލެންޑް މެޗުތަކަށް ނެގި ސްކޮޑުން ވެސް ސްޓާލިން ވަނީ އެއްކޮށް ފިޓްނޫން ކަމަށް ބުނެ ވަކިވެފަ އެވެ. އެކަމަކު މިރޭ ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސްޓާލިން ވަނީ ދާދި ފަހުން ސިޓީގެ ޕްރެކްޓިހަށް ނުކުމެފަ އެވެ.

މޮރީނިއޯ ބުނީ ކަންތައްތައްދާ ގޮތުން ގައުމީ ޓީމުގެ މެޗުތަކަށް ނުދަނީ ކޮން ޓީމުތަކެއްގެ ކުޅުންތެރިންތަކެއްކަން ވަރަށް ސާފުވާ ކަމަށެވެ. އަދި އޭނާ ވަނީ ނުސީދާކޮށް ސްޓާލިން އާއި ސިޓީ އަށް ވެސް ބަހުގެ ހަމަލާއެއް ފޮނުވާލައިފަ އެވެ.

"އަހަރެމެން އެންމެނަށް އެނގޭ މާދަމާ (މިރޭ) ސްޓާލިން ކުޅޭނެކަން. އިންގްލެންޑް ޓީމުން އޭނާ ވަކިވިއިރު ވެސް މި މެޗު ކުޅޭނެކަން ޔަގީންވާނެ މީހުން ތިބޭނެ،" މޮރީނިއޯ ބުންޏެވެ.

ލީގުގެ ދެ ވަނައިގައި މި ވަގުތު ޓޮޓެންހަމް އޮތްއިރު، ސިޓީ އޮތީ ލީގުގެ 10 ވަނައިގަ އެވެ. ސިޓީ މި މެޗުން މޮޅުވެގެން ޓޮޓެންހަމާ ދެ ޕޮއިންޓަށް ކައިރިއަށް ޖެހިލެވޭނެ އެވެ. ޓޮޓެންހަމް ދަނޑުގައި މިރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 22:30 ގަ އެވެ.