ރޯދަ މަހު އެންމެ ހަލަބޮލި އެއްތަނަކީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓެވެ. ނަމަވެސް މި ރޯދަ މަހު އެ މާރުކޭޓުން ފެންނަނީ ތަފާތު މަންޒަރެކެވެ. ކުރިން ވިޔަފާރި ކުރާ މީހުން ފުރާލާފައި އޮންނަ މިތަނުން މިހާރު ފެންނަނީ ފަޅުކަމެވެ. ވިޔަފާރި ކުރާ މީހުން މަދުވުމުން ވިޔަފާރިވެރިން ވެސް ތިބީ މާޔޫސް ވެފަ އެވެ.
21 އެޕްރީލް 2021
ރޯދަ މަހު އެންމެ ހަލަބޮލި އެއްތަނަކީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓެވެ. ނަމަވެސް މި ރޯދަ މަހު އެ މާރުކޭޓުން ފެންނަނީ ތަފާތު މަންޒަރެކެވެ. ކުރިން ވިޔަފާރި ކުރާ މީހުން ފުރާލާފައި އޮންނަ މިތަނުން މިހާރު ފެންނަނީ ފަޅުކަމެވެ. ވިޔަފާރި ކުރާ މީހުން މަދުވުމުން ވިޔަފާރިވެރިން ވެސް ތިބީ މާޔޫސް ވެފަ އެވެ.
ކުރީ ރޯދަ މަސްތަކާ އަޅާ ބަލާއިރު މި ރޯދަ މަހު މި ދެ މާރުކޭޓުގައި ތަކެތީ އަގު ވެސް ޖުމްލަކޮށް ހެވެވެ. މުދަލުގެ އަގު ދަށްވި މައިގަނޑު އެންމެ ބޮޑު ސަބަބަކީ އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު ލޯކަލް މާރުކޭޓަށް އެއްފަހަރާ މާ ގިނައިން ދިވެހި އުފެއްދުންތަކާއި ކާބޯތަކެތި ގެނައުމެވެ. ދަނޑުވެރިން މައުލޫމާތު ދޭ ގޮތުގައި މި އަހަރުގެ ރޯދަ މަސް ނިމެންދެން ވެސް ތަކެތި ސަޕްލައި ކުރެވޭ ވަރަށް އެކި ރަށްރަށުގައި ދަނޑު ހެއްދި އެވެ.
ބާޒާރުގައި ހުރި އަގުތަކަށް ބަލާއިރު މި ރޯދަ މަސް ފެށުނު އިރު 35ރ. އަށް ލިބެން ހުރި ކަރާ ކިލޯއެއްގެ އަގު މިހާރު ހުރީ 15ރ. އާއި 20ރ. އާ ދެމެދުގަ އެވެ. މިއީ އާއްމުކޮށް ރޯދަ މަހު މާރުކޭޓުން އެންމެ ގަދަޔަށް ވިކޭ ބާވަތެވެ. ކަރާގެ އަގަށް ބަލާއިރު، ވޭތުވެދިޔަ އެއްވެސް ރޯދަމަހެއްގައި މިހާ ބޮޑަށް އަގު ވެއްޓިފައި އޮތް ތަނެއް ފެނިފައެއް ނުވެ އެވެ.
ދެން އެންމެ ގިނައިން ވިކެނީ މިރުހެވެ. ނަމަވެސް މި ރޯދަ މަހު މިރުސް ގަންނާނެެ ބަޔަކު ވެސް ނުވެ އެވެ. މި ރޯދަ މަސް ފެށުނު އިރު މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއް 400ރ. އާއި 500ރ. އާ ދެމެދުގައި ހުރި އިރު އިއްޔެ ކަނޑޫދޫ މިރުސް ހުރީ ކިލޯއެއް 150ރ. އަށެވެ. މިއީ މިހާތަނަށް ކަނޑޫދޫ މިރުހުގެ އަގު މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.
މާރުކޭޓުގައި މީހަކު ކަރާ ގަންނަނީ: ކަރާގެ އަގު ވެސް ވަނީ ދަށްވެފައި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރި ކުރާ މީހަކު ބުނިގޮތުގައި މިރުސް ގަންނަ މީހުންގެ އަދަދު މަދުވެ ގިނަ އަދަދެއްގެ މިރުސް އުކާލަން ވެސް ޖެހެ އެވެ. އަދި ރޯދަ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި މިގޮތަށް ކަންތައްތައް ދާނަމަ މިރުހުގެ އަގު ވަރަށް ބޮޑަށް ދަށްވެ، ގެއްލުމުގައި ވިއްކަން ޖެހިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ނާދޭ މިހާރު މީހުންނެއް. މިރުސްތައް ވެސް މިހާރު ހަލާކުވަނީ. މިހާރު ވެސް ބައިވަރު މިރުސް އުކާލައިފިން ހަލާކުވެގެން. ނުވިކޭ. އަޅުގަނޑުގެ އަތުގައި ހުރި މިރުސް އުކާލަން ޖެހިގެން މިހާރު އަތުގައި ހުރި މިރުސްކޮޅު ވެސް މަދު ވެއްޖެ،" އެ މީހާ ބުންޏެވެ.
ތަކެތީގެ އަގު އެހާ ބޮޑަށް ދަށަށް ގޮސްފައި އޮތް ނަމަވެސް، މި ދެ މާރުކޭޓަށް ވިޔަފާރި ކުރަން އަންނަ މީހުންގެ އަދަދު އެހެން ރޯދަ މަސްތަކާ އަޅާ ބަލާއިރު ވަރަށް މަދެވެ. މީގެ ސަބަބުން ދެ މާރުކޭޓުގެ ވެސް ވިތޔަފާރި ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ.
ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިން ވެސް ދައްކަނީ އެއް ވާހަކައެކެވެ. އެ މީހުންގެ ވިޔަފާރި ދަށްވީ މާލެ ތެރޭގައި މާރުކޭޓުތައް ހުޅުވުމުންގެ ސަބަބުން ކަމަށެވެ. މާރުކޭޓުން ލިބެން ހުންނަ ހުރިހާ އެއްޗެއް ގެ ކައިރިން ލިބޭތީ އެއްވެސް މީހަކު ބާޒާރުމައްޗަށް ދާން ބޭނުން ނުވާ ކަމަށް އެ ވިޔަފާރިވެރިން ބުނެ އެވެ.
މާލެ ތެރޭގައި މާރުކޭޓުތައް ގިނަވީ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު މަރާމަތަށް ބަންދު ކުރުމަށް 2019 ވަނަ އަހަރު ސިޓީ ކައުންސިލުން ނިންމި ނިންމުމާ އެކު އެވެ. މި މާރުކޭޓުތައް ގިނަވެ މިހާރު މާލޭގެ ކޮންމެ ސަރަހައްދެއްގައި ވެސް މާރުކޭޓެއް ހުރެ އެވެ. އެހެންކަމުން ގިނަ ބަޔަކު ހިޔާރު ކުރަނީ އެ މާރުކޭޓުތަކުން ތަކެތި ގަންނާށެވެ.
"ގެ ކައިރީގައި މާރުކޭޓު ހުންނާތީ އެހާ ދުރަށް ދާން ބޭނުން ނުވޭ. އެތަނުން ވެސް މިތަނުން ވެސް ލިބެނީ އެެކައްޗެއް. އެއް އަގެއްގައި. އެހެންވެ ރޯދަ މަހު އެހާ ހޫނު އިރު ދުރަށް ދާން ނުފެނޭ އަޅުގަނޑަށް،" މާލެ ތެރޭ ހުންނަ މާރުކޭޓަކުން ވިޔަފާރި ކުރާ މީހަކު ބުންޏެވެ.
މާލެ ތެރޭގައި ހުޅުވާފައި ހުރި މާރުކޭޓެއް
ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިން އެދެނީ މާލެ ތެރޭގައި ހުޅުވާފައި ހުރި މާރުކޭޓުތައް ބަންދުކޮށް ކުރިއެކޭ އެއްގޮތަށް އެ ދެ މާރުކޭޓުން ހިދުމަތް ދިނުމަށެވެ. އަދި މިގޮތަށް ނަހަދާ ނަމަ ކުރިއަށް އޮތްތާނގައި މި ދެ މާރުކޭޓު ބަންދު ކުރަން ޖެހޭ ހާލަތަށް ހިނގައިދާނެ ކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ.
"ކުރިން މީހުން އަންނަ ޖެހެނީ މި ދެ މާރުކޭޓަށް. މިހާރު ހުރިހާ ތަނެއްގަ މާރުކޭޓު. ކާކު އަންނަނީ މިހާ ދުރަށް. މިދާގޮތަށް ދަންޏާ މިތަން އެއްކޮށް ހުސްވެފަ އޮއްވާ ފެންނާނީ،" ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރި ކުރާ މީހަކު ބުންޏެވެ.
ހުޅުމާލޭގެ ރަށު މާރުކޭޓަށް ވެސް ދިމާވީ މި މައްސަލަ އެވެ. އެ މާރުކޭޓު ހުޅުވި އިރު ހުޅުމާލޭގައި އިތުރު މާރުކޭޓުތައް ހުރުމުން ގިނަ ބަޔަކު ވިޔަފާރި ކުރަނީ އެ މާރުކޭޓުތަކުންނެވެ. ނަމަވެސް ފަހުން ރަށު ތެރޭގައި ހުޅުވާފައި ހުރި މާރުކޭޓު ބަންދު ކުރުމުން މިހާރު ރަށު މާރުކޭޓުގެ ވިޔަފާރި ދަނީ ރަނގަޅުވަމުންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބޮޑެއް އަތުލައިގެންފި
ފިޔާ ބަސްތާއެއްގެ އަގު 400ރ. އަށް އަރައިފި
ލޮނުމެދު ކިލޯއެއްގެ އަގު 150ރ.އަށް އަރައިފި
މި ރޯދަމަހަކީ ތަކެތީގެ އަގު ހެޔޮ މަހެއް
މިސްރުގެ ސްޓްރޯބެރީން ދިވެހި ބާޒާރު ރަތްވެއްޖެ
މި ފަހަރު އެންމެ ޑިމާންޑު ބޮޑު އެއް ބާވަތަކީ ގިއްސާ!
މާރުކޭޓުގައި އެންމެ ތަދު އެއްޗަކީ ކުރުނބާ
ރޯދަ މަސް ފެށުނު އިރު ބާޒާރުގެ އަގުތައް ހިފެހެއްޓިފައި
ހުޅުމާލޭގައި އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް
ރޯދައަށް ތޮއްޑޫ އިން 600 ޓަނުގެ ކަރާ ހައްދައިފި