Roadha Mihaaru
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ބޮޑެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރިޓެއިލް ވިޔަފަރިކުރާ ބިދޭސީންގެ ބޮޑެއް އަތުލައިގެންފި

09 ޖުލައި 2024

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަންގައި އެ ނެޓްވޯކުގެ ބޮޑެއް ރޭ މާލެ އިން އަތުލައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަންގައި އެ ނެޓްވޯކުގެ ބޮޑެއް ރޭ މާލެ އިން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން، މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ކަމަށް އިމިގްރޭޝަންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ބިދޭސީއަކު ހޯދުމަށް ރޭ 11:30 އާއި ދަންވަރު 12:30 ދެމެދު ހާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އެ ބިދޭސީ މީހާ އަތުލައިގަނެފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މާލޭގައި ގަވާއިދާ ހިލާފަށް ރީޓެއިލް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވައިފައި.-- ފޮޓޯ: އިމިގްރޭޝަން

މާލޭގައި ގަވާއިދާ ހިލާފަށް ރީޓެއިލް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވައިފައި.-- ފޮޓޯ: އިމިގްރޭޝަން

"މި ބިދޭސީ މީހާއާ އެކު، އެ ސައިޓުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ތިން ފިރިހެނަކާ އެކު، އަންހެނަކު ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި،" އެ އިދާރާ އިން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިން ވެސް ޖޫރިމަނާކޮށް، އެހެނިހެން ހަރުކަށި ފިޔަވަޅު އެޅުމުގެ ފުރުސަތު ގާނޫނުން ލިބިދީފައިވާ ކަން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަނީ ހަނދާން ކޮށްދެއްވައި، އެ ކަމަށް ސަމާލުވާން ރޭ އެދިވަޑައިގެންފަ އެވެ.

މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ މާލެތެރޭގައި ހިންގާ ދެ މާރުކޭޓެއް ދެ ފަހަރެއްގެ މަތިން ރެއިޑްކޮށް، އެ ތަނުގެ ގޮޅިތަކުގައި ވިޔަފާރި ހިންގާ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ރޭ ވަނީ ހުޅުމާލޭގެ ބައެއް ތަންތަން ފާސްކޮށް، އެ ތަންތަނުން ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެފަ އެވެ.

ރޭ އަތުލައިގަތް މީހުންނާ އެކު، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިހާރު 64 ބިދޭސީން އެބަތިއްބެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަންނަން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭއިރު، ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ކަމަށް ފުރިހަމަ ހައްލެއް ނުލިބެނީސް ދޫނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.