Roadha Mihaaru
ނޫސްވެރިކަމުގެ މިނިވަންކަމަށް 7ދަރަޖައިގެ ކުރިއެރުމެއް

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ހަތް ދަރަޖައިގެ ކުރިއެރުމެއް

20 އެޕްރީލް 2021

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ހަތް ދަރަޖައިގެ ކުރިއެރުމަކާއެކު 72 ވަނަ އަށް އަރައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ހަތް ދަރަޖައިގެ ކުރިއެރުމަކާއެކު 72 ވަނަ އަށް އަރައިފި އެވެ.

"ރިޕޯޓާސް ވިތައުޓް ބޯޑާސް" އިން ކޮންމެ އަހަރަކު ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަށް މިދިޔަ އަހަރު ވެސް ބޮޑު ކުރިއެރުމެއް ލިބިފައި ވެ އެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި މިދިޔަ އަހަރު ރާއްޖެ އޮތީ 15 ދަރަޖައިގެ ކުރިއެރުމަކާއެކު 79 ވަނައިގަ އެވެ.

މި އަހަރު ހަތް ދަރަޖައިގެ ކުރިއެރުމެއް ލިބިފައި ވެ އެވެ.

އެ ލިސްޓުގައި 180 ގައުމެއްގެ ތެރެއިން އެއް ވަނައިގައި އޮތީ ނޯވޭ އެވެ. ފިންލެންޑު ދެ ވަނައިގައި އޮތް އިރު، ސްވިޑުން އަށް ލިބިފައިވަނީ ތިން ވަނަ އެވެ. ލިސްޓުގެ އެންމެ ފުލުގައި އޮތް ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި ނޯތު ކޮރެއާ ހިމެނެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިލާން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ވެރިކަމުގައި ޓީވީ ސްޓޭޝަންތައް ޖޫރިމަނާކޮށް، ނޫސްވެރިންނަށް ވެސް ދައުވާ ކުރި އެވެ.

އެ ކަންކަމުގައި އެންމެ ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހުނީ އަބުރުގެ ގާނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ތަސްދީގުކުރެއްވީ ވެސް އަބުރުގެ ގާނޫނު އުވާލުމުގެ އިސްލާހެވެ.