ރާއްޖޭގައި ޗުއްޓީގައި ހޭދަކުރަން އައި އިޓަލީގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދިވެއްސަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ހައި ކޯޓުން މިއަދު އޭނާ ދޫކޮށްލައިފި އެވެ.
20 އެޕްރީލް 2021
ރާއްޖޭގައި ޗުއްޓީގައި ހޭދަކުރަން އައި އިޓަލީގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދިވެއްސަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ހައި ކޯޓުން މިއަދު އޭނާ ދޫކޮށްލައިފި އެވެ.
ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ އުމުރުން 17 އަހަރުގެ ކުއްޖަކަށް އެ ރިސޯޓުގެ ކޮޓަރިއެއްގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އެ ތަނުގައި މަސައްކަތްކުރާ ދިވެއްސެކެވެ. އެ މީހާ ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުނީ މިދިޔަ މަހު އެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭނާ ބަންދުކުރީ ހެކިންނަށް ނުފޫޒު ފޯރުވުމާއި އޭނާގެ ފަރާތުން މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެ ކަމަށް ވިޔަސް، އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބަށް ބަލާއިރު ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އޭނާއަކީ އެފަދަ ތުހުމަތެއް ނުވަތަ ރެކޯޑެއް ވެސް ކުރިން އޮތް މީހަކަށް ނުވުމުގެ އިތުރަށް ތަހުގީގުގައި ބާކީ އޮތީ ފޮރެންސިކް ހެކިތައް ތަހުލީލު ކުރުން ކަމަށް ވާތީ އެކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމާ މެދު ސުވާލު އުފެދޭ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ޖިންސީ ގޯނާ ލިބުނު ކުއްޖާގެ ނަފުސާނީ ހާލަތު އަންގައިދޭ ރިޕޯޓެއް ހުށަހަޅާފައި ނުވާތީ އަނިޔާ ލިބުނު ކުއްޖާ އަށް ލިބުނު ގެއްލުންތައް އެނގެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. ދަށު ކޯޓުން އޭނާގެ ބަންދުކުރަން އަމުރުކުރި ސަބަބުތަކަށް ބުރަވި ގޮތެއް ބަޔާންކޮށް ދީފައި ނެތުމުން އެއީ ޤާނޫނާ އެއްގޮތް އަމުރެއް ކަމަށް ނުބެލެވޭ ކަމަށް ހުކުމުގައިވެ އެވެ. ބަންދު ކުރުމުގެ އަމުރު ނެެރެފައިވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރު ވެސް ނެރުނު ފަނޑިޔާރު ކަމަށް ވާތީ އެއީ ޤާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން ނެރުނު އަމުރު ބާތިލް ކުރާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަމީދެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ މިހާރު ވަނީ ރިސޯޓުގެ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަނިޔާ ލިބުނު ކުއްޖާ މިހާރު ރާއްޖެ އިން ފުރާފައިވާ ކަމަށް ވެސްވެ އެވެ.
ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރު ފުރުން މަނާކޮށްފި
ގާޒީ ސުވާލުން މައްސަލަ ބޮޑުވި ހުކުމް އިސްތިއުނާފުކުރަނީ
ކުއްޖަކާ 12 އަހަރު ވަންދެން ބެހުނު މީހަކު ޖަލަށް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
މައްސަލަ ބޭރުކުރީ "އިސްކުރު މަދު މީހެއް" ކަމަށްބުނެ!
ކާފަދަރިއާ ބެހުނުކަމުގެ ދައުވާލިބޭމީހަކު ދޫކޮށްލުން ގޯސް
ކާފަ ދަރިއާ "ބެހުނު މީހާ" ދޫކޮށްލުމުން ހައިކޯޓަށް
ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ކުޑަކުދިންތަކަކާ ބެހިގެން ޖަލަށްލި މީހަކު ސަލާމަތްވެއްޖެ
ދޮންދަރިއާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި