Roadha Mihaaru
އަހުމަދު މަނިކުގެ ތްރީ ޗޮއިސްގެ ބައި ގަރުނުވީ ދަތުރު

އަހުމަދު މަނިކުގެ ތްރީ ޗޮއިސްގެ ބައި ގަރުނުވީ ދަތުރު

20 އެޕްރީލް 2021

މިއީ، އޮގަސްޓް 9، 2013 ގައި "ހަވީރު" ނޫހުގައި މޫސާ ލަތީފު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މި ލިޔުން އަލުން މި ޝާއިއުކުރަނީ، ރާއްޖެ އަށް ފަސްދޮޅަކަށް އަހަރު ކުރިން މަޝްހޫރުވި ޑޮންޑޮންގެ ބާނީ، ލޯޖެހި އަހުމަދު މަނިކުގެ ހަނދާން އާކޮށްލުމުގެ ގޮތުންނެވެ. އޭނާ ވަނީ އުމުރުން 80 އަހަރުގައި މިއަދު އަވަހާރަވެފަ އެވެ.

މިއީ، އޮގަސްޓް 9، 2013 ގައި "ހަވީރު" ނޫހުގައި މޫސާ ލަތީފު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މި ލިޔުން އަލުން މި ޝާއިއުކުރަނީ، ރާއްޖެ އަށް ފަސްދޮޅަކަށް އަހަރު ކުރިން މަޝްހޫރުވި ޑޮންޑޮންގެ ބާނީ، ލޯޖެހި އަހުމަދު މަނިކުގެ ހަނދާން އާކޮށްލުމުގެ ގޮތުންނެވެ. އޭނާ ވަނީ އުމުރުން 80 އަހަރުގައި މިއަދު އަވަހާރަވެފަ އެވެ.

މި ލިޔުން އަލުން މި ޝާއިއުކުރަނީ، އެ ލިޔުން އޭރު ޝާއިއުކޮށްފައިވާ ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް އެވެ.

-------

ރެޑް ބުލް އާއި ކޮފީއަކީ ޒުވާނުންގެ މިހާރުގެ ސޮފްޓް ޑްރިންކެވެ. ފިހާރަތަކާއި ކެފޭތަކުގެ ފިނި ބުއިންތަކުގެ ލިސްޓްގެ އެންމެ ކުރީގައި އޮންނާނީ ރެޑްބުލް އާއި އެކި ބްރޭންޑްތަކުގެ ކޮފީ އެވެ. އެކަމަކު މީގެ 61 އަހަރު ފަހަތަށް ޖެހިލާއިރު ޒުވާނުންގެ ހިތްތަކުގައި ރަސްކަން ކުރަމުން އައީ ތަފާތު ބުއިމެކެވެ. އެއީ "ޑޮންޑޮން" އެވެ. މިހާރު މި ފެންނަ ތްރީޗޮއިސްގެ ފެށުމެވެ. ކުރިން އެތައް ބައެއްގެ ގުޅުންތައް ބަދަހިކޮށްދިން ތްރީ ޗޮއިސް އަށް މިހާރު ލިބެނީ އެކަހެރި ޖާގައެކެވެ.

މާކެޓްގައި ތޮއްޖެހެމުން އަންނަ ސޮފްޓް ޑްރިންކްތަކާއި އެނާޖީ ޑްރިންކްތަކުގެ ތެރޭގައި "ތްރީ ޗޮއިސް" ފިތި ވެއްޓެމުން އަންނައިރު އެ ބުއިމުގެ ބާނީ، ލޯޖެހި އަހްމަދު މަނިކުގެ ހިތްވަރަށް ލޮޅުމެއް ނާދެ އެވެ. މުސްކުޅި އުމުރުގައި ވެސް ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގުމުގައި އިސް ދައުރެއް އަދާ ކުރައްވަމުން އޭނާ ގެންދަވަނީ ތްރީ ޗޮއިސްގެ ރަހަ، އެއް ބީޓެއްގައި ހިފަހައްޓަވަމުންނެވެ. އޭނާގެ ދަރިންގެ އަތަށް ތްރީ ޗޮއިސްގެ ކޮންޓްރޯލް މިހާރު ދޫކޮށްލާފައި އޮތަސް އެ ބުއިމުގެ މީރު ރަހަތަކުގެ ދިރުމަކީ އަދިވެސް އަހުމަދު މަނިކެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު ހިންގި ޑޮންޑޮން ފެކްޓަރީގެ ކާތިބެއްގެ ވަޒީފާ އަށް 1961ގައި ގުޅިވަޑައިގަތުމަކީ ތްރީ ޗޮއިސްގެ ރަހަތައް އުފެއްދުމަށް އަހުމަދު މަނިކު ތަމްރީނުވި މަރުކަޒެވެ. އޭރު އެންމެ ބޮޑު އެއް މުސާރަކަމުގައިވާ 100ރ.ގެ މުސާރައަކަށް އަދާކުރައްވަން ފެއްޓެވި ވަޒީފާގައި ފެކްޓްރީގެ ލިޔުންތައް ބެލެހެއްޓެވުމުގެ އިތުރުން އޭނާ ގެންދެވީ ބުއިން ތައްޔާރުކުރުމަށް ބޭނުންކުރާ ފޯމިއުލާ ވެސް ރަނގަޅަށް ދަސްކުރައްވަމުންނެވެ. އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި އަހުމަދު މަނިކު ބޮޑު ވިޔަފާރިއެއްގެ ތެރެއަށް ވެންނެވީ، ކަމަކަށް ފަހު ކަމެއް ދަސްކުރައްވަމުންނެވެ.

ލޯޖެހި އަހުމަދު މަނިކު (ކ)

ލޯޖެހި އަހުމަދު މަނިކު (ކ)

"އަޅުގަނޑުމެންގެ ބޭބެ މުހައްމަދު އޭރު އިސް މީހަކަށް ހުންނަނީ. ބޭބެ އެހެން ވަޒީފާއެއްގައި އުޅޭތީ އެކަން ނުކުރެއްވޭނެތީ އަޅުގަނޑު އެކަމުގައި ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ،" އަހްމަދު މަނިކު ވިދާޅުވި އެވެ. "އޭރު ހުންނާނެ ބޭރު މީހެއް ގެނެސްފައި އެއަށް ފޯމިއުލާއާ އެއްޗިހި އަޅާ ހަދާވަރު. އަޅުގަނޑު އޭނަ ކައިރިން މި ބުއިމުގެ ފޯމިއުލާ ދަސްކުރީ."

ޑޮންޑޮންގެ ރަހަތަކުގައި އަހުމަދު މަނިކު ގަދަޔަށް ފައި ހަރު ކުރަމުން ދިޔައީ ވަރުގަދަ އަޒުމެއްގަ އެވެ. އޭނާގެ ދިރިއުޅުމުގެ އެއް ބަޔަށް ޑޮންޑޮން ފެކްޓްރީ ވަނީ ވެފަ އެވެ. އަހުމަދު މަނިކު ވިދާޅުވާ ގޮތުން 1978 ގައި ނާސިރުގެ ވެރިކަން ބަދަލުވުމާ އެކު ކުރިމަތިވި ގޮންޖެހުންތަކާ އެކުހެން ފެކްޓްރީގައި ބޮޑު ތަޅު އެޅުވުމާ ކައިރިވި އެވެ. އެއީ އޭނާ އަށް ގަބޫލުކުރަން ފަސޭހަ ނިންމުމަކަށް ނުވި އެވެ.

ހަށިފޮޅާލާފައި ނުކުމެ ޑޮންޑޮން ވިޔަފާރި، ފެކްޓްރީއާ އެކު ކުއްޔަށް ނެންގެވި އެވެ. ބޮޑު ވިޔަފާރިއަކަށް އެކަން ހެއްދުވެމުގެ ވިސްނުމަކަށް ވުރެ ބޮޑަށް އަހުމަދު މަނިކުގެ އޭރު އޮތީ ތަފާތު ބޮޑު މަގުސަދެކެވެ.

އަޅުގަނޑު ކުރާކަމެއް ކުރަނީ ނަފްސަށް ތެދުވެރިވެގެން. މިކަން ވެސް އެގޮތަށް އަޅުގަނޑު ކުރަމުން ދިޔައީ.

"އަޅުގަނޑު ކުރާކަމެއް ކުރަނީ ނަފްސަށް ތެދުވެރިވެގެން. މިކަން ވެސް އެގޮތަށް އަޅުގަނޑު ކުރަމުން ދިޔައީ. ނާސިރު ފުރާވަޑައިގަންނަވަން ވެގެން ކަންނޭނގެ، 1978 މި ވިޔަފާރި އަޅުގަނޑުމެންނަށް ކުއްޔަށް ވެސް ދެއްވައިފި. އެ ހިސާބުން އެކަނި މިކަން ކުރަން ޖެހިއްޖެ. އެކަމަކު އަޅުގަނޑު މިކަން ހުއްޓާލާކަށް ބޭނުމެއް ނުވޭ. އެއީ މިއީ ދިވެހި އުފެއްދުމެއް ވީމާ މި ދިރުވައިގެން މި މަސައްކަތް ކުރަން އަޅުގަނޑު ވިސްނީ،" އަހުމަދު މަނިކު ވިދާޅުވި އެވެ.

"ޑޮންޑޮން"ގެ ނަމުގައި މަޝްހޫރުވެގެން ދިޔަ ބުއިންތައް އަހްމަދު މަނިކުގެ އަމިއްލަ ވިޔަފާރިއަކަށް ބަދަލުވެގެން ދިޔައީ 1982 ވަނަ އަހަރު އެވެ. ސަބަބަކަށް ވީ ސަރުކާރުން އެ މަސައްކަތް ހުއްޓާލަން ބޭނުންވުމެވެ. ފެކްޓްރީގައި ހުރި ތަކެތި ނީލަން ކިޔުމުން އެތަކެތި 30،000ރ. އަށް ނީލަން ކާމިޔާބުކުރައްވައި ބައްލަވައިގަތީ އަހުމަދު މަނިކެވެ. އެއީ އެ ވިޔަފާރި އަށް އޭނާ ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތާ އެކު ވިސްނުމުން ފައްކާކުރި ވިޔަފާރިއާ ދުރަށް ދާން އެއްގޮތަކަށް ވެސް ހިތް ނުރުހުނެވެ. މިފަހަރު އަހުމަދު މަނިކު ނުކުތީ ވިޔަފާރީގައި އާ ހިތްވަރަކާ އެކު އެވެ.

ލޯޖެހި އަހުމަދު މަނިކަށް 2009 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު (ކ) ޝަރަފުވެރިކަމުގެ ގައުމީ އިނާމް ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ލޯޖެހި އަހުމަދު މަނިކަށް 2009 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު (ކ) ޝަރަފުވެރިކަމުގެ ގައުމީ އިނާމް ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ޑޮންޑޮންގެ ނަމުގައި މަޝްހޫރުވި ބުއިމުގެ ނަން ރަހަ މީރު، ތާޒާ އަދި އަގު ހެޔޮ ހޮވުމަށް ނިސްބަތްކޮށް ގެން "ތްރީ ޗޮއިސް" އަށް ބަދަލުކޮށް ރިބްރޭންޑް ކުރި އެވެ. އާއިލާގެ މީހުންގެ އެހީތެރިކަމާ އެކު އެ ވިޔަފާރި އަށް ބަދަލުތަކެއް އޭނާ އައީ މަޑުމަޑުން ގެންނަވަމުންނެވެ. ތްރީ ޗޮއިސްގެ ކުޑައިގެ ދަށުން ތަފާތު އެކި ރަހަތައް ބާޒާރަށް ދިޔައީ ތައާރަފް ކުރަމުންނެވެ. ތްރީ ޗޮއިސް ސޮޑާ އިން ފެށިގެން ސްޓްރޯބެރީއާ ހަމަ އަށް މީރު ބުއިންތަކުން ބާޒާރު އައީ ތިޔާގިވަމުންނެވެ.

"އޭރު އިންޓަވަލްއަށާ އެއްޗިއްސަށް ކުޑަކުދިންނަށް ވަރަށް ބޮޑަށް ކަމުދާ އެއްޗަކަށްވީ، މިވައްތަރުގެ ބުއިން. އަޅުގަނޑުމެން ސީދާ ބޭރުން ރޯ މެޓީރިއަލް ގެންނަނީ. ޕްރިޒަވޭޓިވް މިހެން ގޮސް ފްލޭވާތައް ގެންނަނީ. ގެނެސްގެން މިކްސްކޮށްގެން އަޅުގަނޑު ފަހުން އަމިއްލަ ފޯމިއުލާ ވެސް ހެދީ. އެގޮތުން އޭރުގެ އެއް ވަނަ ބުއިމަށް ވެގެން ދިޔައީ،" އަހުމަދު މަނިކު ވިދާޅުވި އެވެ.

އަހުމަދު މަނިކު އިސްވެ އުފެއްދި "ތްރީ ޗޮއިސް" ބްރޭންޑުގެ ފުޅިއެއް

އަހުމަދު މަނިކު އިސްވެ އުފެއްދި "ތްރީ ޗޮއިސް" ބްރޭންޑުގެ ފުޅިއެއް

އަހުމަދު މަނިކު ގެންދެވީ ފުޅީގެ ޑިޒައިނަށް ވެސް ބަދަލު ގެންނަމުންނެވެ. ބިއްލޫރި ފުޅީގައި ދަނގަޑުމަތި ޖަހައިގެން ބަންދު ކުރަމުން ދިޔަ ތްރީ ޗޮއިސް 2005ގައި ޕްލާސްޓިކް ޕެޓް ފުޅި އަށް ބަދަލުކުރި އެވެ.

ތްރީ ޗޮއިސް ނެރެމުން އެދަނީ މިހާރު ވެސް ހަމަ އެގޮތަށެވެ. އަހުމަދު މަނިކު ވިދާޅުވާ ގޮތުން ޒަމާނާ އެކު ބަދަލު އައީ ތްރީ ޗޮއިސްގެ މަސައްކަތްތައް ކުރަމުން އައި ގޮތަށެވެ. އެންމެ ފުރަތަމަ މެނުއަލް މެޝިނަކުން، ފަހަރަކު ފުޅިއެއް ބަންދުކުރަމުން ދިޔަ ނަމަވެސް މިހާރު ގަޑިއަކު 4،000 ފުޅި ބަންދުކުރެވޭ ވަރުގެ ކެޕޭސިޓީ އަށް ތްރީ ޗޮއިސްގައި އެބަހުއްޓެވެ.

"ޒަމާނީ ފެންވަރަށް އެ މަސައްކަތް ކުރެވޭ ވަރަށް އަޅުގަނޑުމެން އެ ހުރީ ތްރީ ޗޮއިސް ގެންގޮސްފައި. އެކި ފަހަރު ހުއްޓުން އައި ނަމަވެސް، އަޅުގަނޑު ދަރިންނަށް ވެސް ވިސްނައިދެން އެއީ ދިވެހި މަސައްކަތެއްވީމައި ހުއްޓާނުލާން. އެކަމައިގެން ކުރިއަށް ދާން. ނަމަވެސް ވާ ގޮތަކީ އަޅުގަނޑުމެން ހުރިހާ އެއްޗެއް އިމްޕޯޓް ކުރަން ޖެހޭއިރު މިކަމަށް ސަރުކާރުގެ އެހީތެރިކަން އެބަ ބޭނުންވޭ،" އަހުމަދު މަނިކު ވިދާޅުވި އެވެ.

ދިވެހި އުފެއްދުންތައް ދިރުވުމުގެ ލޯބީގައި އަހުމަދު މަނިކު ފެއްޓެވި ވިޔަފާރިން އޭނާ ވަނީ އޭ ޕްލަސް ރިޕޯޓެއް ނެރެދީފަ އެވެ. އެކި ދުވަސްވަރު ވިޔަފާރީގައި ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް އަހުމަދު މަނިކު ހުންނެވީ "ތްރީ ޗޮއިސް"ގައި ބާރަށް ހިފަހައްޓައިގެންނެވެ. ދަރިންނަށް ހިތްވަރު ދެއްވުމުގަ އެވެ. އިތުރު ޗޮއިސްއެއް ނެތި އެވެ.