Roadha Mihaaru
ވެކްސިން ނުޖަހާ މުވައްޒަފުން ޓެސްޓު ހެދުން ލާޒިމު

ކޮވިޑް ވެކްސިން ނުޖަހާ ސަރުކާރުގެ މުވައްޒަފުން ކޮންމެ ދެ ހަފުތާއަކުން ޓެސްޓު ހެދުން ލާޒިމުކޮށްފި

12 އޯގަސްޓް 2021

ކޮވިޑް ވެކްސިން ޖެހުމަށް ޝަރުތު ހަމަވި ނަމަވެސް އެކަން ނުކުރާ ސިވިލް ސާވިސްގެ މުވައްޒަފުން އަންނަ މަހުން ފެށިގެން ކޮންމެ ދެ ހަފުތާއަކުން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހަދައި އެ ހުށަހަޅަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ލާޒިމުކޮށްފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ކޮވިޑް ވެކްސިން ޖެހުމަށް ޝަރުތު ހަމަވި ނަމަވެސް އެކަން ނުކުރާ ސިވިލް ސާވިސްގެ މުވައްޒަފުން އަންނަ މަހުން ފެށިގެން ކޮންމެ ދެ ހަފުތާއަކުން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހަދައި އެ ހުށަހަޅަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ލާޒިމުކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ވެކްސިނަށް ޝަރުތު ހަމަވި ނަމަވެސް ވެކްސިން ނުޖަހާ މީހުން ކޮންމެ ދެ ހަފުތާއަކުން ނެގެޓިވް ޕީސީއާރު ޓެސްޓުގެ ސާމްޕަލެއް ދޭންޖެހޭނެ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ ކަމަށެވެ.

ސަރުކާރުގެ ހުރިހާ އޮފީހަކުން މި ގަވާއިދަށް އަމަލުކުރާކަން ކަށަވަރު ކުރުމަށާއި ވެކްސިނަށް ޝަރުތު ހަމަވި ނަމަވެސް އެއްވެސް ޑޯޒެއް ނުޖަހާ މުވައްޒަފުން ވެކްސިން ޖެހުމަށް އެ ކޮމިޝަނުން ވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކަށް އިލްތިމާސް ކޮށްފަ އެވެ.

އެޗްޕީއޭ އިން ދާދި ފަހުން ވަނީ ކޮވިޑް ވެކްސިން ނުޖަހާ މީހުންނާ މެދު ތަފާތުކޮށް އަމަލުކުރަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި އާންމު ހިދުމަތްތައް ހޯދާ މީހުންނާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ނުޖަހާ މީހުންނަށް ވަކި ކަންތައްތަކެއް ޝަރުތުކުރުމަށް ހުއްދަ ދިނުން ހިމެނެ އެވެ.

ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 90 ޕަސެންޓުގެ ވެކްސިން ފުރިހަމަ ކުރުމެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެންމެންނަށް ވެކްސިން ޖެހުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ.

މުޅި ދުނިޔެ އަށް ވެސް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ވެކްސިން ޖެހުން ކަމަށް ވާއިރު، އެކަމަށް ބާރު އެޅުމުގެ ގޮތުން އެހެން ބައެއް ގައުމުތަކުން ވެސް އަންނަނީ ހިދުމަތް ދިނުމުގައި ހަރުކަށި އުސޫލެއް ގެންގުޅެމުންނެވެ.