Roadha Mihaaru
ޝާޒުގެ މަސައްކަތްތަކުގެ ސިފައެއް ޓީސީގައި މިހާރު ނެތް

ޝާޒުގެ މަސައްކަތްތަކުގެ ސިފައެއް ޓީސީގައި މިހާރު ނެތް: ނިޒާމް

23 އެޕްރީލް 2021

ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗަކަށް މުހައްމަދު ޝާޒްލީ (ޝާޒް) ހުރި އިރު ކޮށްފައިވާ މަސައްކަތްތަކުގެ އެއްވެސް ސިފައެއް ޓީސީގައި މިހާރު ނެތް ކަމަށް، އެ ޓީމުގެ މިހާރުގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗަކަށް މުހައްމަދު ޝާޒްލީ (ޝާޒް) ހުރި އިރު ކޮށްފައިވާ މަސައްކަތްތަކުގެ އެއްވެސް ސިފައެއް ޓީސީގައި މިހާރު ނެތް ކަމަށް، އެ ޓީމުގެ މިހާރުގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ރޭ ޓީސީ ގޮވައިގެން ނިޒާމް ނުކުންނާނީ ޝާޒް މިހާރު ކޯޗް ކޮށްދޭ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. މީގެ ކުރިން ނިޒާމް ބުނެފައި ވަނީ ޓީމުގައި ކުރިން ހުރި ކޯޗް މިހާރު އުޅޭ ޓީމާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ ފެންވަރު އެ ކޯޗަކަށް އެނގޭނެ ކަމަށެވެ. ޝާޒްގެ އީގަލްސްއާ ދެކޮޅަށް. އޭނާގެ ކުރީގެ ޓީމު ޓީސީ ނުކުންނަ އިރު އެފަދަ އެޑްވާންޓޭޖެއް ޝާޒަށް އޮންނާނެތޯ ސުވާލު ކުރުމުން، އެ އެޑްވާންޓޭޖު ޝާޒަށް އޮންނާނެ ކަމަކަށް ނިޒާމް ގަބޫލެއް ނުކުރެ އެވެ.

"ތެދުތެދަށް ބުނާ ކަމަށް ވެއްޖެއްޔާމު އޭރު (ޝާޒް ހުރިއިރު) މި ޓީމުގައި ހުރި އެއްވެސް އެއްޗެއް މި ޓީމުގައި މިހާރު ނެތޭ ބުނުން ހަމަ ރަނގަޅު ވާނީ،" ޓީސީއާ ދެކޮޅަށް ނުކުންނައިރު ކުރީ ކޯޗް ޝާޒްއަށް އެއްވެސް އެޑްވާންޓޭޖެއް އޮތްތޯ ސުވާލު ކުރުމުން ނިޒާމް ބުންޏެވެ.

"އޭރު ކުޅެމުން އައި ގޮތަކަށް ނޫން މިހާރު ކުޅެން މަސައްކަތް ކުރަނީކީވެސް. އޭރުގެ ފުރަތަމަ 11 އެއް ނޫން މިހާރު ގިނަ މެޗުތަކުގައި ފެނިގެން މިދަނީވެސް. އެގޮތަށް ބަލާއިރު ހަމަ ނުބުނާނަން (އެޑްވާންޓޭޖެއް އޮންނާނެއެކޭ). ދެން މި ޓީމުގައި ތިބި ބައެއް ސީނިއާ ޕްލޭޔަރުންނަކީ އެހެން ޓީމުތަކުގައިވެސް ތިބި ސީނިއާ ޕްލޭޔަރުން ގޮތަށް ރީޑް ކޮށްލަން [ކުޅުން ދެނެގަންނަން] ފަސޭހަ ވާނެ ކުޅުންތެރިން. ދެން އެންމެ ބޮޑު ތަފާތަކަށް ވާނީ މި ހަފުތާގެ މެޗުގައި ޓީސީ ކުޅޭނެ ގޭމް. ގޭމް ވަރަށް ބޮޑަށް ތަފާތު ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އެއީ ހަމަގައިމުވެސް ތަފާތަކަށް ފެނިގެންދާނެ ކަމެއް."

ނިޒާމްގެ ވާހަކަތަކާ ގުޅޭ ގޮތުން ޝާޒް ބުނީ، ޓީމެއްގެ ހުންނަ ކޯޗަކު ބަދަލުވުމުން އެ ކޯޗަކު ބޭނުންވާ ގޮތަށް އެ ޓީމަކަށް ބަދަލު އަންނާނެ ކަމަށެވެ.

"ކުރީގެ ޓީސީއެއް ނޫން މިހާރު އެއަކީ. އެހެންވީމާ ބަދަލުތަކެއް އަންނާނެ،" އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ޝާޒް ބުންޏެވެ. "ދެން ކުޅުންތެރިން ތަފާތު ނުވެ ތިއްބަސް ކުޅުމަށާއި އެ ހުރިހާ ކަންކަމަކަށް ބަދަލު އައިސްފައި އެ ހުރީ."

ނިޒާމް ބުނީ، ޓީސީގެ ޓީމާ އޭނާ ދެ ވަނަ ފަހަރަށް ހަވާލުވި ހިސާބުން ފެށިގެން ޓީމުގެ ގޭމް ބަދަލު ކުރުވަން މަސައްކަތް ކޮށްފައިވާނެ ކަމަށާއި، އެ މަސައްކަތުގައި މާދަމާ ރޭ އީގަލްސް އާ ދެކޮޅަށް ކުޅޭ މެޗުގައި ވަރަށް ބޮޑު ކުރިއެރުމެއް ފެނިގެންދާނެ ކަމަށް އުންމިދު ކުރާ ކަމަށެވެ. ކުޅުމަށް ގެނެވުނު ބަދަލާއެކު މާދަމާ ރޭ މެޗުގެ ނަތީޖާ "ފޮނި" ވާނެ ކަމަށް ނިޒާމް ސިފަ ކުރި އެވެ.

"މެޗަކަށް ފަހު މެޗެއް ކުޅުންތެރިންގެ ކޮމްބިނޭޝަން ރަނގަޅުވެގެން މިދަނީ،" ނިޒާމް ބުންޏެވެ. "ދެން ސިލެކްޝަންގައި ތަޖުރިބާއަކީ ބެލޭނެ އެއްޗެއް. ތަޖުރިބާކާރު ކުޅުންތެރިންކަމަށް ވިޔަސް ޓީސީގެ އެ ކުޅުންތެރިންނަކީ އުމުރުން ދުވަސްވެފައި ތިބި ކުޅުންތެރިންނެއް ނޫން. ދެން އެ ކުޅުންތެރިންނާއެކު މަސައްކަތްކޮށް އަލަށް އަންނަ ކުޅުންތެރިންގެ ކޮމްބިނޭޝަން ރަނގަޅު ވަމުން އަންނަތަން ފެނުމަކީ ހަގީގަތުގައި ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް."

ނިޒާމް ބުނީ، އީގަލްސްގައި ގިނަ ދުވަސްތަކެއް ވަންދެން އެއް ކުޅުންތެރިންތަކެއް މަސައްކަތް ކޮށްފައިވާތީ އެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ހާއްސަކޮށް އޭއެފްސީ ކަޕްގެ މަރުހާލާގައި އީގަލްސް އޮތުމުން އެ ޓީމުގެ ކުޅުންތެރިންގެ މޯޓިވޭޝަނަށް ބޮޑު ކުރިއެރުމެއް އައިސްފައިވާތަން ފެނިގެންދާ ކަމަށް އޭނާ ބުންޏެވެ.

"ގަބޫލެއް ނުކުރަން މި މެޗަށް އެ ޓީމުން އެއްވެސް ވަރަކަށް ފޯކަސް ކުޑަ ވެދާނެ ކަމަށް. ހާއްސަކޮށް ޓީސީގެ މެޗަށް އެ ޓީމުގެ ފޯކަސް ބޮޑުވާނެ،“ނިޒާމް ބުންޏެވެ.