Roadha Mihaaru
މަސްނޫއީ ފަޔަކާ އެކު ޓްރެޑްމިލްގައި ދުވެގެން ރެކޯޑެއް

މަސްނޫއީ ފަޔަކާ އެކު ޓްރެޑްމިލްގައި ދުވެގެން ރެކޯޑެއް

15 އޯގަސްޓް 2021

މަސްނޫއީ ފައެއް ޖަހާފައިވާ މީހަކު، ޓްރެޑްމިލްގައި ދުވެގެން މިހާތަނަށް އެންމެ އަވަހަށް 100 މޭލު ކަނޑައްތުކުރި އަންހެނާގެ ރެކޯޑް އެމެރިކާގެ މީހަކަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސްނޫއީ ފައެއް ޖަހާފައިވާ މީހަކު، ޓްރެޑްމިލްގައި ދުވެގެން މިހާތަނަށް އެންމެ އަވަހަށް 100 މޭލު ކަނޑައްތުކުރި އަންހެނާގެ ރެކޯޑް އެމެރިކާގެ މީހަކަށް ލިބިއްޖެ އެވެ.

މި އަންހެން މީހާ މިވަރުގެ ބޮޑު ކާމިޔާބީއެއް ހޯދި އިރު އޭނާ އަކީ މީގެ 27 އަހަރު ކުރިން ދިމާވި އެކްސިޑެންޓެއްގައި ވާތު ފައިގެ ކަކުލުން ތިިރި ބުރިކޮށްލާފައިވާ މީހެކެވެ. އޭގެ ފަހުން އޭނާ އާންމު ދިރިއުޅުމެއް އުޅެނީ ޖަހާފައިވާ މަސްނޫއީ ފައެއްގެ އެހީގަ އެވެ.

މިއީ އެމެރިކާގެ ޕެންސަލްވޭނިއާ އަށް އުފަން 48 އަހަރުގެ އެމީ ޕަލްމީރޯ-ވިންޓާޒްގެ ވާހަކަ އެވެ.

އޭނާ ބުނި ގޮތުގައި ފައެއް ބުރިކޮށްލާފައި ވާތީ ދުވެގެން ދުނިޔޭގެ ރެކޯޑެއް ލިބިދާނެ ކަމަށް ކުރިން ގަބޫލެއް ވެސް ނުކުރެވެ އެވެ. އެކަމަކު އެމީ އަކީ އަބަދު ވެސް ކަސްރަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ މީހެކެވެ. އެހެންވެ އެއް ފައި ބުރިކޮށްލާފައި ވިޔަސް، ކަސްރަތު ދޫކޮށެއް ނުލަ އެވެ. އޭނާ އަބަދު ވެސް ޓްރެޑްމިލްގައި ދުވެ އެވެ.

އެކަމުން މިހާރު އެމީ އަށް މިއޮތީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ކަށަވަރުވެފަ އެވެ. އޭނާ އަށް ރެކޯޑް ލިބުނީ ޓްރެޑްމިލްގައި އެއް ދުވަސްތެރޭ 100 މޭލަށް (އެލްއޭ2) ދުވެގެންނެވެ. އެއީ 21 ގަޑިއިރާއި 43 މިނިޓާއި 29 ސިކުންތުންނެވެ.

އެމީ ބުނި ގޮތުގައި ސައިކަލު އެކްސިޑެންޓެއްގައި ވާތު ފަޔަށް ލިބުނު ބޮޑު ގެއްލުމަކާ އެކު 1994 ގައި ފައި ބުރިކޮށްލަން ޖެހުނީ އެ އަހަރުގެ ބޮސްޓަން މެރަތަނަށް ވެސް ކޮލިފައިވެ، އެ މުބާރާތުގައި ދުވަން ތައްޔާރުވަމުން ދަނިކޮށް މެރަތަންގެ މަހެއްހާ ދުވަސް ކުރިންނެވެ.

"އެކްސިޑެންޓަށް ފަހު އަހަރެން މިހާތަނަށް ފަންސަވީސް ސާޖަރީ ހަދައިފިން. ހަގީގަތުގައި މިހާރު މިއުޅޭ ލައިފްސްޓައިލްގެ ސިއްރަކީ ކަށިން ނެރުނު ހިތްވަރު. ފިޒިކަލް ތެރަޕީ އާއި ރިހިބިލިޓޭޝަނާއި އިމޯޝަނަލް ޑިޓަމިނޭޝަންގެ އަހެރެންގެ ރޫހަކީ،" އެމީ ބުންޏެވެ.

އޭނާ ރެކޯޑް ހަދަން ޓްރެޑްމިލްގައި ދުވުން އޮތީ ނިއު ޔޯކްގެ މެންހަޓަންގެ ބިޒްޕޯކް ޓްރީމަންޓްސް ފިޒިކަލް ތެރަޕީގަ އެވެ. ދުވުމުގެ މި ހަރަކާތް އެމީ ކުރިއަށް ގެންދިޔަ އިރު ހިތްވަރުދޭން އާއިލާ އާއި ގާތް ރައްޓެހިން ޖަމާވެފައި ތިއްބެވެ.

"ވަރަށް އުފާވެއްޖެ ރެކޯޑެއް ހެދުނީތީ. ކުރިން ހީކޮށްގެން ހުރީ އަހަރެންގެ ނުކުޅެދުންތެރިކަމާ ހެދި ދެން އެއްވެސް ކަމެއް ނުކުރެވޭނޭ. އެކަމަކު ކޮންމެ ކަމަކާ ވެސް ކުރިމަތިލައިފި ނަމަ ކާމިޔާބުވާނެކަން މިހާރު ކަށަވަރުވެއްޖެ،" އެމީ ބުންޏެވެ. "މިއީ ދިރިއުޅުމުގައި އިތުރަށް ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް."

އޭނާ ބުނި ގޮތުގައި ޓްރެޑްމިލްގައި ދުވެގެން ރެކޯޑް ހަދަން ކުރި މަސައްކަތަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ކުރިން ވެސް ދުވުމަކީ ވަރަށް ގަޔާވެގެން ކުރި ކަމަކަށްވާތީ ދުވުމަކީ ޖޯޝާއި ރޫހު ވަރުގަދަކޮށްދޭ ކަމެއް ކަމަށް ބުންޏެވެ.

"އެކަމަކު އަހަރެން މި ދެއްކި ހިތްވަރު އަހަރެން ކަހަލަ ނުކުޅެދޭ މީހުންނަށް އިންސްޕިރޭޝަނަކަށް ވާނެ ކަމަށް ގަބޫލުކުރަން،" އެމީ ބުންޏެވެ.