Roadha Mihaaru
ގަރާޖު ސިޓީގެ ކޮރަޕްޝަން ހުއްޓުވަން މާލެ ތޮއްޖައްސަނީ؟

ގަރާޖު ސިޓީގެ ކޮރަޕްޝަން ހުއްޓުވަން މާލެ ތޮއްޖައްސަނީ؟

28 އެޕްރީލް 2021

އާންމުންގެ މީހަކު މާލެއަށް ކާރެއް ގެނެސް ރަޖިސްޓަރީ ކުރަން ވިސްނަން ފެށޭނީ ވެސް މާލޭ ބިމެއްގައި އަމިއްލަ ގަރާޖެއް އޮވެގެންނެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އާންމުންގެ މީހަކު މާލެއަށް ކާރެއް ގެނެސް ރަޖިސްޓަރީ ކުރަން ވިސްނަން ފެށޭނީ ވެސް މާލޭ ބިމެއްގައި އަމިއްލަ ގަރާޖެއް އޮވެގެންނެވެ.

ކާރު އެތެރެކުރެވޭނީ އެ ގަރާޖުގައި ކާރު ޕާކް ކުރާނެ ކަމަށް ބުނާ ލިޔުމެއް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހުށަހަޅައިގެންނެވެ. އިތުރު އެހެން ކާރުތަކެއް ނުވަތަ ސައިކަލެއް އެތަނުގައި ނުބެހެއްޓެ އެވެ. އެހެން ކަމަކަށް ވެސް ގަރާޖު ބޭނުންކޮށްގެން ނުވާނެ އެވެ. ގަރާޖު ނޫން އެހެން ތަނެއްގައި ކާރު ޕާކު ކޮށްގެން ވެސް ނުވާނެ އެވެ.

މިކަން ކަށަވަރުކުރަން ޓްރާންސްޕޯޓު އޮތޯރިޓީގެ ކަމާގުޅޭ މުވައްޒަފުން ގޮސް ގަރާޖުގައި މިން އަޅައި، ރަނގަޅަށް ބަލައި ޗެކް ކުރާނެ އެވެ. އެއީ ގަރާޖެއްގެ ގޮތުގައި ހައުސިން މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައި އޮތް ތަނެއްތޯ ކަށަވަރު ކުރެ އެވެ. އެންމެ ޝަރުތެއް ފުރިހަމަ ނުވިޔަސް، ކާރެއް ގެންގުޅުމުގެ ވިސްނުން ޖެހޭނީ ދޫކޮށްލާށެވެ.

މިއީ ވެރިރަށް މާލޭގެ މަގުމަތީ ކާރުތައް ޕާކު ނުކުރުމާއި މަގުމަތީގެ ތޮއްޖެހުން ހައްލު ކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ހަރުދަނާ" އަދި "ވަރުގަދަ" ގަވައިދެއްގެ ދަށުން ކުރަން ލާޒިމުވާ ކަންކަމެވެ. އެކަމަކު ހުރިހާ ވެހިކަލެއް ރެޔާއި ދުވާލު އޮންނަނީ މަގުމަތީގަ އެވެ.

މާލޭގައި ކާރެއް ނުވަތަ ހަތަރުފުރޮޅުލީ އެހެން އުޅަނދެއް ވެސް ގެންގުޅެން ބޭނުން ނަމަ އެ ގަވައިދުގެ "އަޑިން" އެތައް ކަމެއް ކުރެވެ އެވެ. އެއް ކަމަކީ މާލޭގައި ގަރާޖު ގެންގުޅޭ މީހަކަށް ފައިސާ ދީގެން، ގަރާޖުގައި ޕާކުކުރާނެ ކަމުގެ ލިޔުމެއް ގަތުމެވެ. އާންމުކޮށް އޭގެ ލިޔުމެއް ވިއްކަނީ 70،000ރ.-100،000ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި ޕާކްކޮށްފައި ހުރި ޕިކަޕްތަކަކާއި ލޮރީތަކެއް.  --ފޮޓޯ ނިޝާން އަލީ/މިހާރު

މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި ޕާކްކޮށްފައި ހުރި ޕިކަޕްތަކަކާއި ލޮރީތަކެއް. --ފޮޓޯ ނިޝާން އަލީ/މިހާރު

އަނެއް ގޮތް އަދި މާ ފަސޭހަ އެވެ. ޓްރާންސްޕޯޓު އޮތޯރިޓީގެ ބައެއް ވެރިން ދަންނަ "އެޖެންޓަކަށް" 35،000ރ. - 50،000ރ. ދެމެދުގެ އަގެއް ދޭންވީ އެވެ. އޭނާ ބުނާ ދުވަހަކަށް، ބުނާ ގަޑިއަކަށް އެ އޮތޯރިޓީ އަށް ގޮސް ރަޖިސްޓަރީ ނަގަންވީ އެވެ. ކާރު އޮންނާނީ މާލޭގެ ކޮންމެވެސް ގަރާޖެއްގައި ރަޖިސްޓަރީކޮށް ނިންމައިފަ އެވެ.

"މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެގޮތަށް ހުއްދަ ހޯދައިގެން މައްޗަންގޮޅީގައި ހުންނަ 1،700 އަކަފޫޓުގެ ގެއަކަށް މިހާރު ވެސް 1،779 ކާރު ވަނީ ރަޖިސްޓަރީ ކޮށްދީފަ އެވެ. ހެންވޭރުގައި ހުންނަ ނަން މަޝްހޫރު އާއިލާއެއްގެ ގެއްއެއްގައި 1،400 ކާރު ވަނީ ރަޖިސްޓަރީކޮށްފަ އެވެ. އެންމެ ކާރެއް ވެސް ޕާކު ނުކުރެވޭ ވަރުގެ ބައެއް ކުދިކުދި ތަންތަން ކޮޅަށް 800-500 ކާރު ރަޖިސްޓަރީކޮށްދީފައި އެބަހުއްޓެވެ.

އެކަމަކު، ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟ އާޚިރުގައި މި ހުރިހާ ކާރެއް ޕާކުކުރަނީ މާލޭ މަގުމަތީގަ އެވެ. މިއީ ހުރިހާ ސަރުކާރެއްގައި ވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރޭ ވަރަށް ފާޅުގައި ހިންގާ މާސިންގާ ބޮޑު ކޮރަޕްޝަނެކެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މި ކޮރަޕްޝަން ހުއްޓުވުމުގައި ފެނުނީ އެހެން ހައްލެކެވެ. ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހަޅުއްވުމުން ބަލައިގަނެ ކޮމިޓީއަށް ފޮނުވި، ގަރާޖު ސިޓީ ހުށަހަޅަން ލާޒިމު ނުވާ އިސްލާހާ އެއްގޮތަށް ގާނޫނު ބަދަލުކުރަން އެ ކޮމިޓީ މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެވެ.

އެ ބިލު މަޖިލީހުގެ ތަޅުމުން ފާސްވާ ހިސާބުން މާލެ އަށް ކާރު އެތެރެ ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ އެވެ. މަގުމަތީގައި ޕާކުކޮށް، ތޮއްޖެހުމުގެ ކަންތައް ވެސް ދާނީ ގޯހުން ގޯހަށެވެ. ކޮރަޕްޝަން ހުއްޓުވަން ފެއިލް ވުމުން ގާނޫނު މިގޮތަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެދެ އެވެ؟

"ކޮރަޕްޝަންގެ މޫތައް މަޖިލީހަށް ވެސް ފެތުރިފައި"

ގަރާޖު ސިޓީ ހުށަހެޅުން ލާޒިމުނުވާ ގޮތަށް ގާނޫނު އިސްލާހުކުރުމާ ދެކޮޅަށް ރައްޔިތުން މަޖިލީހުގައި ވާހަކަ ދެއްކެވި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެކަން ސިފަކުރެއްވީ ގަރާޖެއް ނެތް ކާރު ވައްދަން ދަފްތަރެއް ހެދުން ކަހަލަ ކަމެއް ގޮތުގަ އެވެ.

މާލޭގައި ގެދޮރު ނެތް މީހުން ދަފްތަރުގައި ޖައްސާ ގޮތަށް ގަރާޖު ނެތް ފަރާތްތަކަކަށް ކާރު ގެންގުޅުމުގެ ހުއްދަ ދިނުމުން ތޮއްޖެހުން އިތުރުވެ، މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

"ގައުމުގައި ވައްކަން ގިނަ ވެއްޖެއޭ، ވައްކަން ކުރާ މީހުން އެކަން ނުވެސް ހުއްޓިއޭ ކިޔައި ބަހައްޓާފައި ދަފްތަރެއް ހެދީމާ، މިހާރު ދިރިއުޅޭ މީހުންނަށް ދިރި ނޫޅެވޭ ވަރަށް މާލެ ތޮއްޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި އެ ބިލު ފާސްކުރި ކޮމިޓީގައި މާލެ ދާއިރާއަކަށް ނިސްބަތްވާ އެއްވެސް މެންބަރަކު ނެތެވެ. މާލޭގެ ރައްޔިތުންގެ ބަހެއް ނެތި މިފަދަ ބޮޑު ނިންމުމެއް ނުނިންމޭނެ ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ހައްލުވާނެ ގޮތަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ކޮރަޕްޝަންގެ މުގުލަށް ގޮސް އެ މީހުންނަށް ފިޔަވަޅު އެޅުން ކަމަށް ބޮންޑޭ ވިދާޅުވި އެވެ. ގަރާޖު ސިޓީ ގަންނަން ފައިސާ ދެނީ ކޮން ބައެއްތޯ ބަލަން ޖެހެ އެވެ. އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮންޑޭ މިހެން ވިދާޅުވި ނަމަވެސް، ނަން ހާމަނުކުރުމަށް އެދި "މިހާރު" އާ ވާހަކަ ދެއްކެވި އެހެން މެންބަރަކު ވިދާޅުވިގޮތުގައި ގަރާޖު ސިޓީ ވިޔަފާރީގެ އެންމެ ކުރީގައި އުޅެނީ މާލޭގެ މީހުންނެވެ. އެ މީހުން އޮތީ މާލެ ދާއިރާއަށް ނިސްބަތްވާ ބައެއް ނުފޫޒު ގަދަ މެންބަރުންތަކަކާ ވެސް ގުޅިފަ އެވެ.

ހުރިހާ ސަރުކާރެއްގައި ވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރޭގައި އުޅޭ ބައެއް ނުފޫޒު ގަދަ މީހުންނާ، އެ މެންބަރުން ގުޅިފައި އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ގަރާޖު ސިޓީ އުވައިލަން ފާސްކުރިޔަ ނުދޭން ހިފާނެ. އެކަން ކުރަން ބޭނުން ވަނީ އަތޮޅުތަކަށް ނިސްބަތްވާ ބައެއް މެންބަރުން. މާލެ ދާއިރާތަކުގެ ބައެއް މެންބަރުން އެކަމާ ވަރަށް ދެކޮޅު. ބިލު ފާސް ކުރަން [ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ] ލޮބީ ކޮށްފައި އޮތަސް އެކަމާ ދެކޮޅަށް ވެސް އޮތީ ހިފާފަައި،" އޭނާ ވިދާޅުވި އެވެ.

މާލޭގެ މޭޔަރުކަމަށް އިންތިހާބު ކޮށްފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު މާލޭގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭނެ ކަމަށެވެ. އެ މަޝްވަރާ ނެތި، މާލޭގެ މަގުތަކަށް ވެހިކަލް އިތުރުވާނެ ގޮތަށް ގާނޫނެއް، ގަވައިދެއް ވެސް އިސްލާހު ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ.

މާލޭގެ މަގުތައް ވެހިކަލްތަކުން ތޮއްޖެހި، ސަލާމަތް ނުވެގެން އުޅޭއިރު، އެކަން ހައްލު ކުރަން ދަންނަ ބަޔަކު މިހާތަނަކަށް ސަރުކާރަކަށް ނާދެ އެވެ. ބޮއްސުންލާފައި އޮތް މި ނިޒާމު އިތުރަށް ގަޑުބަޑު ކުރުން އެއީ ވަރަށް ފަސޭހަ ކަމަކަށް ހަދާލަ އެވެ.

ވެހިކަލް ރަޖިސްޓަރީ ކުރާއިރު ގަރާޖެއް ދެއްކުން އެއީ ލާޒިމު ކަމަކަށް ހަދާފައިވާއިރު، އެ ގަވައިދު ތަންފީޒުކޮށް، ބޮޑެތި އަދަދުތަކުން ފައިސާ ނަގައި ކޮރަޕްޝަންގެ "ހާއްޔަކަށް" ހެދުމުން އެކަން ހުއްޓުވުމުގެ ގާބިލްކަން ސަރުކާރުގައި ނެތުމަކީ މުޅި މާލެ އިތުރަށް ތޮއްޖެއްސުން ކަމަށް ވާ ނަމަ ވަރަށް ދެރަ އެވެ.

"މިއީ ސަރުކާރުން ޕޮލިސީ ލެވެލްގައި ނިންމަންޖެހޭނެ ކަމެއް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުންވުމުން އެކަނި ކުރެވޭ ކަމަކަށް ހަދައިގެން ނުވާނެ. ސަރުކާރުގެ ބަހެއް މިކަމުގައި އޮންނަން ޖެހޭނެ،" ޓްރާންސްޕޯޓް މިނިސްޓްރީގައި ކުރިން އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.

ގާނޫނަށް މި އިސްލާހު ގެނެސްފި ނަމަ، އެ މީހަކު ބޭނުން އަދަދަކަށް ވެހިކަލް ގެނެސް ފުރައިލާނެކަން ނޭނގޭވަރުގެ މީހަކު ނުހުންނާނެވެ. މިހާރު ވެސް ކިރިޔާ ވެސް ހުއްޓިފައި އޮތީ އެކަމުގައި އުނދަގޫ ގޮތްތަކެއް ހުރުމުންނެވެ.

ހައްލަކީ ޕާކިން ޖާގަ ދެއްކުމާއި ފީއެއް ނެގުން!

މި ބިލު މަޖިލީހަށް ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު ވިދާޅުވީ، ޕާކު ކުރާނެ ޖާގައެއް ހޯދުމަކީ ކާރު ގެންނަ މީހާގެ ޒިންމާއެއް ނޫން ކަމަށެވެ. އެ ޖާގަ ހޯދަން މާލޭގެ މީހުންގެ ފަހަތުން ސަލާން ޖަހަމުން ދުވާކަށް ވެސް ނުޖެހެ އެވެ. މާލޭގައި އުޅެނީ ހަމައެކަނި މާލެ ގެދޮރުވެރިނެއް ނޫނެވެ. އެހެންވެ ކޮންމެ މީހެއްގެ ގަރާޖެއް ވެސް ނޯންނާނެ އެވެ. އެ މީހުންނަށް ގޮތެއް ހޯދައިދިނުމުގެ ބަދަލުގައި، ހައްލަކީ އެތެރެ ކުރަން ހުރަސް އަޅާފައި ބޭއްވުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގައި ގިނައީ އެހެން ރަށްރަށުން އައިސްގެން އުޅޭ މީހުން. އެ މީހުންގެ ނުހުންނާނެ މާލޭގައި ބިމެއް، ދެން އެ މީހުން ކިހިނެއް މާލޭގައި ރަޖިސްޓާ ކުރަނީ؟ ސަރުކާރުގެ ޒިންމާއެއް ތަންތަން ދެއްކުމަކީ. ހައްލު އެބައޮތް ލޯ ކުރިމަތީ،" ނަޝީދު ވިދާޅުވި އެވެ.

މާލޭ މަގުމަތީގައި ކާރުތަކެއް: ގަރާޖު ސިޓީއަކާ ނުލައި ވެހިކަލް ރަޖިސްޓްރީ ކުރެވޭ ގޮތް ހަދަން ކޮމިޓީން ވަނީ ފާސްކޮށްފައި-- ފޮޓޯ: މިހާރު

މާލޭ މަގުމަތީގައި ކާރުތަކެއް: ގަރާޖު ސިޓީއަކާ ނުލައި ވެހިކަލް ރަޖިސްޓްރީ ކުރެވޭ ގޮތް ހަދަން ކޮމިޓީން ވަނީ ފާސްކޮށްފައި-- ފޮޓޯ: މިހާރު

ހަމައެކަނި ގަރާޖު ސިޓީ ހުށަހެޅުން ލާޒިމު ނުވާ ގޮތަށް ހަދައިގެން މި މައްސަލަ ހައްލު ނުވާނެ ކަމަށް ނަޝީދު ގަބޫލު ކުރެ އެވެ. އެކަމަކު އެއީ މައްސަލަ ހައްލު ކުރުމުގެ ކުރިން އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅު ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނު އެގޮތަށް ބަދަލު ކުރުމަށް ފަހު ގަވައިދެއް ހަދައި، ނިޒާމު ވަރުގަދަ ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ މުހިންމު ކަމަކީ މާލޭގައި ޕާކިން ސްލޮޓްތަކެއް ހަދައި، އެ ތަންތަން ކުއްޔަށް ދިނުން. މިސާލަކަށް ޓެކްސީއެއް ނަމަ ކޮންމެ މަހަކު 500-1000ރ. އާ ދެމެދުގެ ފީއެއް، ޕްރައިވެޓް ކާރެއް ނަމަ 500-1500ރ. ގެ ފީއެއް ނެގުން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހުށަހެޅިން ކޮންމެ ކާރެއްގެ ބޭރުގައި ކިއުއާރް ކޯޑެއް ތަތްކޮށްފައި ބަހައްޓަން ވެސް. އޭރުން ސްކޭން ކޮށްލީމާ އެނގޭނެ އެއީ ކާކުގެ ކާރެއްކަމާއި ކޮން ސްލޮޓެއްގައި ނުވަތަ ކޮން ގަރާޖެއްގައި ޕާކު ކުރަން ޖެހޭ ކާރެއްކަން. އޭރުން މި ނިޒާމު ރަނގަޅަށް މޮނިޓާ ވެސް ކުރެވޭނެ."

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

އެފަދަ ނިޒާމެއް ގާއިމް ކުރުމުން ސަރުކާރަށް އާމްދަނީއެއް ވެސް ލިބޭނެ ކަމަށާއި އިތުރުން ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބުމާއި ނުހުއްޓުވި އޮތް ޓްރާންސްޕޯޓު އޮތޯރިޓީގެ ކޮރަޕްޝަން ވެސް ނިމުމަކަށް އަންނާނެ ކަމަށް ނަޝީދު ވިދާޅުވެ އެވެ.

މާލޭގައި ވެހިކަލްތައް ގިނަވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެކަން ކުރުމަށް ސަރުކާރަށް ކުރެވޭނެ އެތައް ކަމެއް ހުރި ކަން އޭނާ ފާހަގަ ކުރި އެވެ.

އެގޮތުން ކޮންމެ މީހެއްގެ އަތުގައި 6-5 ކާރު އޮންނަ އޮތުން ކޮންޓްރޯލް ކުރުމާއި ގިނަ ދުވަސްވެ ބާވެފައިވާ ވެހިކަލްތައް ނައްތައިލުމުގެ ކަންކަން ސަރުކާރުން ކުރަން ޖެހެ އެވެ. މާލޭގައި ނުވަތަ އެހެން ސިޓީތަކުގައި ވެސް ކާރު ނުވަތަ ސައިކަލު ބޭނުން ކުރެވޭނެ މުއްދަތެއް ކަނޑައަޅަން ޖެހެ އެވެ. އެ ބާރު މިހާރު ވެސް އޮތީ ކައުންސިލްތަކަށް ދީފަ އެވެ.