މާލޭގައި ބައެއް ގަރާޖްތަކަށް 70 ވެހިކަލްގެ މަގުން ރަޖިސްޓްރީކުރުމާއި ލައިސަންސް ދޫކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން ހިނގާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފި އެވެ.
18 ފެބުރުއަރީ 2021
މާލޭގައި ބައެއް ގަރާޖްތަކަށް 70 ވެހިކަލްގެ މަގުން ރަޖިސްޓްރީކުރުމާއި ލައިސަންސް ދޫކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން ހިނގާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފި އެވެ.
އެ މިނިސްޓްރީ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ފަހިވެފައި ހުރި ކަން ކޮމިޓީއާ ހިއްސާކުރެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން ރާއްޖޭގައި ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުންނެވެ. ކޮމިޓީއާ އެ ބޭފުޅުން ބައްދަލުކުރެއްވީ ސަރުކާރުގެ އެކި ދާއިރާތަކާއި މުއައްސަސާތަކުގައި ކޮރަޕްޝަނަށް ހުޅުވިފައި ހުރި މިންވަރާ ގުޅޭ ގޮތުން މައުލޫމާތު ހޯދައި މަޝްވަރާކުރަން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިންނެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮންސަލްޓަންޓް ޑރ. ސިމާދު ސައީދު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި ހައްލުނުވެ ގިނަ ދުވަސްވެފައި މައްސަލަތަކެއް ހުރި ކަން ލިބުނު މައުލޫމާތުތަކުން އެނގުނު ކަމަށެވެ. ކޮރަޕްޝަނަށް އެންމެ ބޮޑަށް ހިނގުމުގެ ފުރުސަތު އޮތް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ޓްރާންސްޕޯޓް ހިމެނޭ ކަން މިހާތަނަށް މުއައްސަސާތަކުން ލިބިފައިވާ މައުލޫމާތާއި ހޯދުންތަކުން އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމާއި (ވެސަލް/ވެހިކަލް/]ޕްރޮޕަޓީ) ރެޖިސްޓްރޭޝަން އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ކޮރަޕްޝަނަށް ހުޅުވިފައި ކަމުގެ ތުހުމަތު ކުރެވެ އެވެ. މި މައްސަލަ އަށް އޮތް ހައްލަކީ ލައިސަންސް ދިނުން ޑިޖިޓައިޒްކުރުން ކަމަށާއި ލައިސަންސް ދޫކުރަން ޓްރާންސްޕޯޓް އޮތޯރިޓީގައި މިހާރު ބޭނުންކުރާ ސިސްޓަމާ ފަސޭހައިން ކުޅެލައި މައުލޫމާތު އޮޅުވާލެވޭ ކަަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިދާޅުވީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި "ވަރަށް ބޮޑު، ހީވެސް ނުކުރާ ވަރުގެ ކޮރަޕްޝަނެއް އެބަ އެކުލަވޭ" ކަމަށެވެ. އެންމެ ގަރާޖަކަށް 70 ވެހިކަލް ރަޖިސްޓްރީކުރުން ފަދަ ކަންކަން ހިނގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
މާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރެވޭނީ ގަރާޖެއް އޮވެގެން ކަަމަށް ނިންމީ ވެހިކަލްތަކުން މާލެ ފުރި ތޮއްޖެހުން ބޮޑުވުމުންނެވެ.
ވެހިކަލް ކޮރަޕްޝަންގެ ތެރެއިން މއ. މާރާދުގޭ ގަރާޖަށް 11 ކާރު ކުއްލިއަކަށް ރަޖިސްޓްރީ ކުރީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ކަމަށް ބުނެ ތުހުމަތުތަކަކާ އެކު އޭސީސީ އަށް މައްސަލައެއް ވެސް އޮތީ ހުށަހަޅައިފަ އެވެ. މީގެ އިތުރުން ވެސް އެކި ގަރާޖްތަކުގެ ނަމުގައި ވެހިކަލްތައް ރަޖިސްޓްރީކުރާ އިރު އެކްސްޕްރެސްގެ ޚިދުމަތާ އެކު ކޮންމެ ވެހިކަލަކަށް ކޮރަޕްޝަންގެ ގޮތުގައި ގާތްގަނޑަކަށް 75،000ރ. އަށް ވުރެ ބޮޑު އަދަދެއް ނަގާ ކަމުގެ ތުހުމަތު ކުރެ އެވެ.
ވެހިކަލް ރަޖިސްޓްރީކޮށްދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގިކަން މަޖިލީހުގެ ކޮމިޓީއެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ އެއްބަސްވެފަ އެވެ. އެކަން ހުއްޓުވަން ފިޔަވަޅުތަކެއް އެޅި ކަމަށް ކޮމިޓީގައި އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ކޮންސަލްޓަންޓުން އާއްމުކުރި މައުލޫމާތުން އެނގުނީ ގަރާޖުތަކުގެ ނަމުގައި ވެހިކަލް ރަޖިސްޓްރީކުރަމުންދާ އިރު އެކަށީގެންވާ ގޮތެއްގައި ބެލޭނެ ގޮތެއް ނެތް ކަމެވެ. ވެހިކަލް ރަޖިސްޓްރީކުރީ ގަރާޖަކަށްތޯ ނުވަތަ ބޯކޮށާތަނަކަށްތޯ ނުވަތަ ފާމަސީއަކަށްތޯ ވެސް ސާފުވާނެ ގޮތެއް ނޯންނަ ކަމަށް ސިމާދު ވިދާޅުވި އެވެ.
މިކަން ހިނގަނީ މާލޭގައި އެކަންޏެއް ނޫނެވެ. އެކި އަތޮޅުތަކުގައި ވެސް ހިނގާ ކަމަށާއި މިސާލެއް ދައްކަވަމުން ސިމާދު ވިދާޅުވީ އައްޑު އަތޮޅަށް ޕިކަޕެއްގެ ގޮތުގައި އެތެރެކުރާ ވެހިކަލް މާލެއާ ހަމައަށް އަންނަނީ ކާރެއްގެ ގޮތުގައި ކަމަށެވެ.
ވަކި ޕޯޓަކުން ވެހިކަލް އެތެރެކުރުމުން ޑިއުޓީ ކުޑަވާ ގޮތަށް ހަދާފައި އޮންނަ އުސޫލާ މެދު ވެސް އޭނާ ސުވާލު އުފެއްދި އެވެ. މިގޮތަށް މި ވިދާޅުވީ ކާރު ފަދަ ތަކެތި އަގު ހެޔޮކޮށް އައްޑުއަށް އެތެރެކޮށް މާލެ ގެނެސް ދެ ގުނަ އަގުގައި ވިއްކާ މައްސަލައާ ގުޅުވައި ކަަމަށް ބެލެވެ އެވެ.
ކޮންސަލްޓަންޓުންގެ ކަންބޮޑުވުމަކީ ވެހިކަލް ރަޖިސްޓްރީ ކުރަން މިހާރު އޮންނަ ނިޒާމުގެ ތެރެއިން ކައުންސިލާއި ކަސްޓަމްސް އާއި ޕޯޓްސްް ލިމިޓެޑުގެ މުވައްޒަފުން ކޮރަޕްޝަނަށް ހުށަހެޅި، ވެހިކަލް އެތެރެކުރާ މީހުން ކޮރަޕްޝަން ހިންގަން މަގު ހުޅުވިފައި އޮތުމެވެ.
"އަދި ހަމައެހެންމެ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހުރީ،" ސިމާދު ވިދާޅުވި އެވެ.
ޓްރާންސްޕޯޓުގެ އިސްވެރިންތަކަކަށް ދައުވާކޮށްދޭން އެދިއްޖެ
ނަމްބަރު ޕްލޭޓް މައްސަލަ: 3މިލިއަންގެ ބަދަލެއް ނުދިން
ގަރާޖު ސިޓީގެ ކޮރަޕްޝަން ހުއްޓުވަން މާލެ ތޮއްޖައްސަނީ؟
"އޭސީސީން ދެއްކީ ހަގީގަތާ ޚިލާފް ވާހަކަތަކެއް"
ޓްރާންސްޕޯޓުގެ މާލީ ޒިންމާދާރުވެރިޔާ މައްސަލަ އޭސީސީއަށް
ނަހުލާއާ ދެކޮޅަށް ވިޔަފާރިވެރިންތަކެއް އޭސީސީއަށް
މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި
ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރީ ގާނޫނާ ހިލާފަށް
ނަހުލާއަށް ތުހުމަތުކުރި މައްސަލަ އޭސީސީން ބަލަނީ
ނަހުލާ އާއި މުވައްޒަފަކަށް ތުހުމަތުކޮށް އޭސީސީއަށް