Roadha Mihaaru
ޓީޗިން ލައިސަންސް ގަވައިދަށް ދެ ފަހަރަކު ލަފާ ދިނިން

ޓީޗިން ލައިސަންސްގެ ގަވާއިދަށް ދެ ފަހަރަކު ލަފާ ދިނިން: އޭޖީ އޮފީސް

13 ޖޫން 2023

ޓީޗިން ލައިސަންސް ގަވާއިދަށް ދެ ފަހަރެއްގެ މަތިން ލަފާ ދީފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓީޗިން ލައިސަންސް ގަވާއިދަށް ދެ ފަހަރެއްގެ މަތިން ލަފާ ދީފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ތައުލީމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދަށް، އެޑިއުކޭޝަން މިނިސްޓްރީން ލަފައަކަށް ފޮނުވުމުން މިދިޔަ އަހަރު ދެ ފަހަރަކު ލަފާ ދިން ކަމަށެވެ.

އޭނާ ވިދާޅުވީ ގަވައިދާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފުރަތަމަ ޖުލައި 7، 2022 ގައި ފޮނުވި ސިޓީ އަށް ޖެހިގެން އައި މަހުގެ 8 ގައި އޭޖީ އޮފީހުގެ ލަފާ ފޮނުވާފައިވާ ކަމަށެވެ.

އަނެއްކާ ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގައި ޓީޗާސް ރަޖިސްޓްރޭޝަން އަދި ލައިސެންސިން ގަވައިދުގެ ލަފައަކަށް އެޑިއުކޭޝަން މިނިސްޓްރީން އެދުމުން އޮކްޓޯބަރު 24، 2022 ގައި އެ އޮފީހުގެ ލަފާ ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭގެ ފަހުން، އެޑިއުކޭޝަނުން ވަނީ ޓީޗާސް ރަޖިސްޓްރޭޝަން ގަވައިދުގެ ލަފައަކަށް ތިން ވަނަ ފަހަރަށް މިދިޔަ މަހުގެ 23 ގައި އެދިފަ އެވެ. ނަމަވެސް، އެއީ، އެ ގަވައިދުގެ ގެޒެޓުކުރާނެ ކަމަށް ކުރިން ދިން ތާރީހެއް ވުރެ ދޮޅު މަސް ދުވަސް ފަހެވެ.

އެ މިނިސްޓްރީން ކުރިން ބުނީ މިދިޔަ އޭޕްރީލް 4 ގައި އެ ގަވައިދު ގެޒެޓުކުރާނެ ކަމަށެވެ.

އޮގަސްޓް 2021 ގައި އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ޓީޗަރުން ރަޖިސްޓަރީކޮށް، ކިޔަވައިދިނުމުގެ ލައިސަންސް އެ މީހުންނަށް ދޭންޖެހެ އެވެ. ނަމަވެސް، އެ ހުރިހާ ކަމެއް ކުރުމަށް ގަވައިދު އާއްމުކުރަންޖެހެ އެވެ.

އެގޮތަށް ބަލާ ނަމަ އަންނަ އޮގަސްޓް 6 ގައި ފަށާ ދިރާސީ އާ އަހަރުގެ ކުރިން، ޕްރީ ސްކޫލުން ފެށިގެން ސަރުކާރާއި އަމިއްލަ ސްކޫލުތަކުގައި މަސައްކަތްކުރާ 9،000 އަށްވުރެ ގިނަ ޓީޗަރުން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ. ނަމަވެސް، ސްކޫލު ހުޅުވަން ދެ މަސް ދުވަހަށް ވެފައިވާއިރު ވެސް ގަވައިދު އާއްމުނުކުރެވެ އެވެ.