Roadha Mihaaru
ބިލް ގޭޓްސްގެ 27 އަހަރުވީ ކައިވެނި ރޫޅާލަނީ

ބިލް ގޭޓްސް އާއި މެލިންޑާގެ 27 އަހަރުވީ ކައިވެނި ރޫޅާލަނީ

04 މެއި 2021

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް އާއި އަނބިކަނބަލުން މެލިންޑާ ގޭޓްސްގެ 27 އަހަރުވީ ކައިވެނި ރޫޅާލަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް އާއި އަނބިކަނބަލުން މެލިންޑާ ގޭޓްސްގެ 27 އަހަރުވީ ކައިވެނި ރޫޅާލަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

މިކަން ދެ ބޭފުޅުން ނެރުއްވި ބަޔާނެއްއި ކަށަވަރުކޮށް ދެއްވާފައިވެ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިލް، 65، އާ ވަކިވެވަޑައިގަންނަވަން ނިންމަވައި، މެލިންޑާ، 56، ވަރީގެ މައްސަލަ ވޮޝިންޓަންގެ ކިންގް ކައުންޓީ އަށް ހުށަހެޅުއްވީ ހޯމަ ދުވަހު އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މައިކްރޮސޮފްޓްގެ ކުރީގެ ޗެއާމަން ބިލް އާއި މެލިންޑާގެ ކައިވެނި ރޫޅާލާ އިރު، މި ކައިވެންޏަށް ތިން ދަރިން ލިބިފައިވެ އެވެ. އެއީ ޖެނިފާ ކެތަރިން ގޭޓްސް، 25، އާއި ރޯރީ ޖޯންސް ގޭޓްސް، 21، ގެ އިތުރުން ފޮއޭބީ އެޑެލް ގޭޓްސް، 18، އެވެ.

މައިންބަފައިންގެ ކައިވެނި ރޫޅާލާއިރު ދޮށީ ދަރިފުޅު ޖެނިފާ މިދިޔަ އަހަރު ވަނީ މިސްރުގެ ލޯބިވެރިޔާ ނަޔެލް ނައްސާރާ އެންގޭޖްވެފަވެ އެވެ.

ބިލް އާއި މެލިންޑާ ކައިވެނި ބައްލަވައިގަތީ 1994 ގަ އެވެ.

ދެ ބޭފުޅުން ކައިވެނި ރޫޅާލެއްވި ނަމަވެސް ކުރިއެކޭ އެއްގޮތަށް ދެ ބޭފުޅުން ވެސް ބިލް އެންޑް މެލިންޑާ ގޭޓް ފައުންޑޭޝަންގެ މަސައްކަތްތަކުގައި ހިއްސާވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް 27 އަހަރު ފަހުން ކައިވެނި ރޫޅައިލަން ޖެހުނު ސަބަބާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ހިއްސާކުރައްވައިފައެއް ނުވެ އެވެ.

ބިލް އާއި މެލިންޑާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެކުގައި ހޭދަކުރެއްވި 27 އަހަރަކީ ގިނަ ތަޖުރިބާތަކެއް ކުރެވުނު ދުވަސްތަކެއް ކަމަށެވެ. ނަމަވެސް މިހާރު ދެ ބޭފުޅުންނަށް އެކީގައި އުޅެވެން ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ބިލް އާއި މެލިންޑާގެ ކައިވެނި ރޫޅައިލަން ނިންމުމަކީ ވަރަށް ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ.

ބިލް އަކީ މި ވަގުތު ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތު 130 ބިލިއަނަށް އަރަ އެވެ.

މީގެ ދެ އަހަރު ކުރިން ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އާއި އަންހެނުން މެކެންޒީ ބެޒޯސްގެ ކައިވެނި ވެސް 25 އަހަރު ފަހުން ވަނީ ރޫޅާލައިފަ އެވެ. އަދި މެކެންޒީ ދާދި ފަހުން ވަނީ ދެވަނަ ކައިވެންޏެއް ވެސް ކުރައްވައިފަ އެވެ.