Roadha Mihaaru
ބިލް ގޭޓްސްގެ ދެމަފިރިންގެ ވަރި ރަސްމީވެއްޖެ

ބިލް ގޭޓްސްގެ ދެމަފިރިންގެ ވަރީގެ މައްސަލަ ކޯޓުން ނިންމައިފި

04 އޯގަސްޓް 2021

ހަތާވީސް އަހަރުވީ ކައިވެނި ރޫޅައިލަން ނިންމިކަން މެއި މަހު އިއުލާންކުރެއްވި އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް އާއި އަނބިކަނބަކުން މެލިންޑާ ފްރެންޗް ގޭޓްސްގެ ވަރި ކޯޓުން ރަސްމީކޮށް ނިމުމަކަށް ގެނެސްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަތާވީސް އަހަރުވީ ކައިވެނި ރޫޅައިލަން ނިންމިކަން މެއި މަހު އިއުލާންކުރެއްވި އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް އާއި އަނބިކަނބަކުން މެލިންޑާ ފްރެންޗް ގޭޓްސްގެ ވަރި ކޯޓުން ރަސްމީކޮށް ނިމުމަކަށް ގެނެސްފި އެވެ.

ވަރީގެ މައްސަލަ ވޮޝިންޓަންގެ ކިންގް ކައުންޓީ ކޯޓަށް މެއި މަހުގެ 4 ގައި ހުށަހެޅުމާ ގުޅިގެން ވަރީގެ މައްސަލަ ރަސްމީކޮށް ނިންމާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މައްސަލަ ނިންމި އިރު، ވަރީގެ ބަދަލާ ގުޅޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޯޓަށް ހުށަހެޅި ވަރީގެ މައްސަލައާ ބެހޭ ގޮތުން މީޑިއާތަކުން ބުނީ ވަރީގެ ބަދަލަށް ދެ ފަރާތުން ވެސް ފައިސާގެ އެއްވެސް މުއާމަލާތަކަށް އެދިފައި ނުވާ ކަމަށެވެ. އެހެންވެ މި "ހައި ޕްރަޮފައިލް" ވަރިއާ ގުޅޭ ފައިސާގެ އެއްވެސް ކަމަކާ ބެހޭ ތަފުސީލެއް ކަށަވަރެއް ނުވެ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެކް ކުންފުނި މައިކްސޮފްޓްގެ ބާނީންގެ ތެރޭގައި ހިމެނޭ ގޭޓްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނެވެ. އޭނާގެ މިލްކިއްޔާތު 131.6 ބިލިއަން ޑޮލަރަށް އަރާ އިރު، މެލިންޑާއާ އެކު މިލްކިއްޔާތު 152 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބްލޫމްބާގް ބިލިއަނާޒް އިންޑެކްސްގައި ބުނެފައިވެ އެވެ.

ތިން ދަރިން ވެސް ތިބި ގޭޓްސް އާއި މެލިންޑާ ވަކިވި އިރު، ދެ ބޭފުޅުންގެ ނަމުގައި ހިލޭސާބަހަށް މަސައްކަތްކުރާ ފައުންޑޭޝަން "ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން" ގެ ނަމުގައި ހިންގަވަ އެވެ. ކައިވެނި ރޫޅައިލަން ނިންމިކަން އިއުލާންކުރެއްވި ބަޔާނުގައި ބުނެފައިވާ ގޮތުގައި ދެ ބޭފުޅުން ވަކިވެވަޑައިގަތަސް ކުރިއެކޭ އެއްގޮތަށް ފައުންޑޭޝަންގެ މަސައްކަތުގައި ހިއްސާވެވަޑައިގަންނަވާނެ އެވެ.