Roadha Mihaaru
ކެބިނެޓަށް ބަދަލު ގެންނަނީ މިގޮތަށްތަ؟

ކެބިނެޓަށް ބަދަލު ގެންނަނީ މިގޮތަށްތަ؟

04 މެއި 2021

ކެބިނެޓަށް ބަދަލުތައް ގެންނާނެ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، ފިޝަރީޒް މިނިސްޓަރުގެ މަގާމުން ޒަހާ ވަހީދު ވަނީ ވަކިކުރައްވައިފަ އެވެ. ނަމަވެސް މިކަން މި ހިނގީ ސުވާލު އުފެދޭ ގޮތަކަށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެބިނެޓަށް ބަދަލުތައް ގެންނާނެ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، ފިޝަރީޒް މިނިސްޓަރުގެ މަގާމުން ޒަހާ ވަހީދު ވަނީ ވަކިކުރައްވައިފަ އެވެ. ނަމަވެސް މިކަން މި ހިނގީ ސުވާލު އުފެދޭ ގޮތަކަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމްގެ ސްލޮޓުގައި މިނިސްޓަރުކަމުގައި ހުންނެވި ޒަހާ މަގާމުން ވަކިކުރަައްވައި ރައީސް އޮފީހަށް ބަދަލުކުރެއްވިކަން ރޭގެ ދަންވަރުގެ ވަގުތެއްގައި އޭނާ އަށް ގުޅުއްވައި އެންގެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

ރައީސްގެ ވަޒީރަކަށް ހުންނެވި ބޭފުޅަކު، ބޭނުން ވަގުތެއްގައި ވަކިކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވަ އެވެ. އެކަމަކު، މިކަން ކުރުމުގައި ވެސް ހަރުދަނާ ސިޔާސަތެއް އޮންނަން ޖެހެ އެވެ. ނަމަވެސް ކޮވިޑުގައި ގައުމު ހަލަބޮލިވެފައިވާ މިފަދަ ދަނޑިވަޅެއްގައި، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު ކުއްލިއަކަށް ދަންވަރުގެ ވަގުތެއްގައި ވަކިކުރުމުން އެކަމުގައި އެއްވެސް އުސޫލެއް ނެތްކަން އެނގެ އެވެ. ހާއްސަކޮށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު، ސަރުކާރަށް ލިބުނު "ބަލި" ނަތީޖާގެ އަލީގައި ސަރުކާރަށް ބައެއް ބަދަލު ގެނައުމަށް ކޯލިޝަން ޕާޓްނަރުންނާއެކު މަޝްވަރާ ފަށާފައި ވަނިކޮށް، ޒަހާއާ މެދު ކަންކަން ކުރި ގޮތުން ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތެވެ.

ގދ. ތިނަދޫގައި 2019 ވަނަ އަހަރު ބޭއްވި ޖަޒީރާ ހޮޅުއަށީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އޭރު ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

ގދ. ތިނަދޫގައި 2019 ވަނަ އަހަރު ބޭއްވި ޖަޒީރާ ހޮޅުއަށީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އޭރު ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

މިއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ފާޑުކިޔުން އަމާޒުވި އެއް ކަންތައްތަކެވެ.

މި ކަމުގައި ރައީސް އޮފީހުންނާއި ޒަހާ ވެސް ވާހަކައެއް ނުދެއްކެވި އެވެ. އެކަމަކު ޒަހާ މިއަދު މިނިސްޓްރީ އަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވައި އެ ތަނުން ވަޑައިގަންނަވަނީ ކަމަށް ވިދާޅުވެފައި ވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޒަހާއާ ގުޅޭ ކަންތައްތަކުގައި މިވަގުތު އޭނާގެ އެއްވެސް ކޮމެންޓެއް ނެތް ކަމަށެވެ. އެ އޮފީހުގެ ވަޒީފާ އަށް ޒަހާ ނުކުންނަވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ވިދާޅެއް ނުވި އެވެ.

ޔާމީންގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތު ކުރައްވައި ވިދާޅުވީ، މެސެޖަކުން ވެސް ވަޒީރަކު ވަކި ކުރެވިދާނެ ކަމަށެވެ. އެކަމަކު، ދަންވަރު ކަހަލަ ވަގުތެއްގައި މަގާމުން ވަކިކުރާނީ ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކުގައި ކަމަށް ވިދާޅުވި އެވެ.

"މިއީ ރީތިކޮށް ވެސް ގެންދެވިދާނެ މައްސަލައެއް. އެކަމަކު ދަންވަރު ގުޅުއްވާފައި އެ ގޮތަށް މަގާމުން ވަކިކުރި ވާހަކަ އަޅުގަނޑަށް އަޑުއަހާކަށް ފަސޭހައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ކެބިނެޓަށް ބަދަލު ގެންނައިއިރު އާންމުކޮށް ކަން ހިނގަނީ މިހެންނެއް ނޫނެވެ. ވަޒީރަކު ވަކިކުކުރަނީ ނުވަތަ އެހެން މަގާމަކަށް ބަދަލުކުރިކަން އިއުލާނު ކުރަނީ ވެސް އާ ވަޒީރުން މަގާމާ ހަވާލުވެވަޑައިގެން، ހާއްސަ ރަސްމިއްޔާތަކާ އެކުގަ އެވެ. އެކަމަކު ޒަހާ ވަކިކުރި ގޮތް ބޮޑަށް ސިފަވީ ކުއްލިއަކަށް ދިމާވި ކަމެއްގައި މީހަކު ވަޒީފާއިން ވަކިކޮށްލި ގޮތަށެވެ. އެންމެ ކުޑަމިނުން ޒަހާ މިހާރު ހުންނެވީ ރައީސް އޮފީހުގެ މަގާމެއްގައިތޯ ވެސް ތަރުޖަމާނަށް ވިދާޅުވާކަށް ކެރިވަޑައެއް ނުގަތެވެ.

ޒަހާ މަގާމުން ވަކިކުރައްވާފައިވާއިރު، މަސްވެރިންގެ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހައްލެއް ނުގެނެސްދެވޭ ކަމުގެ ޝަކުވާތަކާ އެކު އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެ ފަހަރެއްގެ މަތިން ހުށަހެޅި އެވެ. ނަމަވެސް އެއްވެސް މައްސަލައެއް ކުރިއަކަށް ނުދިޔަ އެވެ.

ފިޝަރީޒް މިނިސްޓަރުކަމަށް ދެން ވަޑައިގަންނަވާނީ، އެނގިފައިވާ ގޮތުގައި ޖޭޕީގެ ސްލޮޓުގައި އެންވަޔަރްމަންޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަނަށެވެ. އެންވަޔަރްމަންޓް މިނިސްޓަރަކަށް އައްޔަންކުރަން ނިންމާފައިވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އެވެ.

ޓެލެކޮމިއުނިކޭޝަން މިނިސްޓަރުކަމަށް ވެސް ވަރަށް އަވަހަށް ބޭފުޅަކު އައްޔަންކުރާނެ ކަމަށް ވެ އެވެ. އެ މަގާމަށް ޖޭޕީން ވަނީ، ވިލާ ކޮލެޖުގެ ޑިރެކްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ކިނާނަތުގެ ނަން ފޮނުއްވައިފަ އެވެ.

އެ މަގާމުތަކަށް މިދިޔަ އާދިއްތަ ދުވަހު ބަދަލު ގެންނަން އޮތީ ނިންމައިފަ އެވެ. ނަމަވެސް އެކަން ލަސްވެގެންދިޔައީ އެވެ.

ރައީސް އޮފީހުގެ މިިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކެބިނެޓަށް ބަދަލު ގެންނާނީ ކޯލިޝަންގެ ލީޑަރުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ކަމަށް މަބްރޫކް ވިދާޅުވެފައި ވެ އެވެ. ނަމަވެސް ޒަހާއާ މެދު ކަން ކުރި ގޮތުން އެ މަޝްވަރާގެ މިސްރާބާ މެދު މިހާރު ސުވާލު އުފެދެ އެވެ.