Roadha Mihaaru
ހީކުރި ގޮތާ ޚިލާފަށް އަގު ހެޔޮ ރޯދަމަހެއް!

ހީކުރި ގޮތާ ޚިލާފަށް އަގު ހެޔޮ ރޯދަމަހެއް!

06 މެއި 2021

އާންމު މަސްމަހާ ހިލާފަށް، ގޭބީސީތަކުން ކާބޯތަކެތި އެންމެ ގިނައިން ގަންނަ މަހަކީ ރޯދަމަހެވެ. މި ޑިމާންޑާ އެކު، ރޯދައާ ކައިރިވާ ވަރަކަށް ވިޔަފާރިވެރިން ތަކެތީގެ އަގު މައްޗަށް ޖައްސާލަ އެވެ. ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވެފައި އޮތް މި ދަނޑިވަޅުގައި ރޯދަ މަސް ފެށުމުގެ ކުރިން އެންމެން ވެސް ހީކުރީ މިއަހަރުގެ ރޯދަ މަހު ވެސް ތަކެތީގެ އަގުތައް އަތް ނުފޯރާ ފަށަށް އަރައިގެންދާނެ ކަމަށެވެ. ނަމަވެސް މިފަހަރުގެ ރޯދަ މަސް މިވީ އަގުހެޔޮކޮށް އަދި ފަސޭހައިން އާންމު ކާނާގެ ބާވަތްތައް ލިބޭ ދުވަސްވަރަށެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ރެޑްވޭވުގެ އޮޕަރޭޝަން އިންޗާޖު އަލީ ޝަހީމް ވިދާޅުވީ، މިއަހަރުގެ ރޯދަ މަހު އެހާ ބޮޑަށް ތަކެތީގެ އަގު ހެޔޮވީ ރެޑްވޭވުން ވިއްކާ ތަކެތި އާދަޔާ ހިލާފަށް ހެޔޮކުރުމުން ކަމަށެވެ. އޭނާ ވިދާޅުވީ، ރެޑްވޭވަކީ މާލޭގެ ވިޔަފާރީގެ ގާތްގަނޑަކަށް 50 ޕަސެންޓް ކޮންޓްރޯލް އޮތް ފިހާރައަކަށް ވުމުން އެތަނުން ތަކެތި އަގު ހެޔޮ ކުރުމުން އެހެން ތަންތަނަށް ވެސް ތަކެތީގެ އަގު ހެޔޮކުރަން މަޖުބޫރުވާނެ ކަމަށެވެ.

މާރުކޭޓުން ބަޔަކު ތަކެތި ގަންނަނީ-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު

މާރުކޭޓުން ބަޔަކު ތަކެތި ގަންނަނީ-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު

"އަޅުގަނޑުމެން ހަމައެކަނި ހެޔޮ ކުރީ ފިޔާ އަލުވި، ބިހުގެ އަގެއް ނޫން. ރޯދަ މަހު އާންމުކޮށް ކެއުމުގައި ބޭނުންކުރާ ޗީޒާއި ބަޓަރާއި ބިސްކޯދު ފަދަ ތަކެތީގެ އަގު ވެސް ވަރަށް ބޮޑަށް ހެޔޮކޮށްފަ ވަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރޯދަ މަސް އައުމުގެ ކުރިން ރެޑްވޭވުން ކުރިއާލާ އަގުތައް ހެޔޮ ކުރުމަށް ޕްލޭންކޮށް ބާޒާރުން ހުސްނުވެ ތަކެތި ލިބޭނެ ގޮތް ހަދާފައިވާނެ ކަމަށެވެ. އާންމުކޮށް ރޯދަ މަހު ބޭނުންކުރާ ސާމާނު ހުސްނުވެ ލިބެން ހުރުމަކީ ވެސް އަގުތައް އެއްވަރެއްގައ ހިފެހެއްޓުނު ސަބަބެކެވެ.

މިއަހަރުގެ ރޯދައާ ދިމާކޮށް ފިޔާ އަދި އަލުވި ކިލޯއެއްގެ އަގު ހުރީ 9ރ. އާއި 10ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ބިހުގެ އަގު އުޅެނީ 1ރ. އާ 1.80ރ. އާ ދެމެދުގެ އަގެއްގަ އެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ބިހުގެ އަގު އުޅުނީ 1.5ރ. އާއި 2.5ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މީގެ އިތުރުން ފިޔާ އަދި އަލުވިގެ އަގު އުޅުނީ 12ރ. އާ 15.ރ އާ ދެމެދުގެ އަގުތަކެއްގަ އެވެ

މީގެ އިތުރުން މޭވާ އާއި ތަރުކާރީގެ އަގު ވެސް އެހާ ބޮޑަށް ނުއުފުލެ އެވެ. އެގޮތުން ކުރިން އެންމެ ބޮޑަށް އަގު އުފުލޭ ކަރަ އާއި ކޮޕީފަތާއި މިރުހުގެ އަގު ވެސް ރޯދަމަސް ފެށުނީއްސުރެ ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފަރާތަކުން ބުނީ، އަގުތައް ހެވީ އުންމީދު ކުރިވަރަށް އާންމުން ވިޔަފާރި ނުކުރާތީ ކަމަށެވެ.

"ރޯދައަށް އެންމެން ވެސް ވަރަށް ގިނަ ސާމާނު ގެނައި. އެކަމަކު ކޮވިޑާ ގުޅިގެން އާންމުންގެ މާލީ ކަންކަން ދަތިކަމުން ތަކެތި ގަންނަނީ ވެސް ކޮންޓްރޯލްކޮށްގެން،" އޭނާ ވިދާޅުވި އެވެ.

ބާޒާރުމަތީ ފިހާރަތަކުން ޑެލިވަރީ ކުރަން ތަކެތި ޕިކަޕަށް އަރުވަނީ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ބާޒާރުމަތީ ފިހާރަތަކުން ޑެލިވަރީ ކުރަން ތަކެތި ޕިކަޕަށް އަރުވަނީ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

އޭނާ ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް ފިޔާ އަލުވި ބިސް ބާޒާރުން ހުސްނުވެ ހުރުމަކީ ވެސް އަގުތައް ދަށަށް ދިޔަ ސަބަބެއް ކަމަށެވެ.

ބާޒާރުގައި ތަކެތީގެ އަގު ހެޔޮވެފައިވާ އިރު އިހުސާނު ފިހާރައިން ބުނީ، މިއަހަރުގެ ރޯދަ މަހަށް ތަކެތި އގު ހެޔޮ ކުރީ އެމީހުންގެ ޕްރޮފިޓް މާޖިން ދައްވާ ގޮތަށް ކަމަށެވެ. ބެނުންވަނީ ވީހާ ވެސް ހެޔޮ އަގުގައި އާންމުންނަށް ތަކެތި ލިބޭނެ ގޮތް ހެދުން ކަމަށް އެ ފިހާރައިން ބުނެފައިވެ އެވެ.

"ކޮންމެހެން އަޅުގަނޑުމެންނަށް ތަކެތި މާ އަގު ހެޔޮކޮށް ލިބެނީކީ ނޫން،" އޭނާ ވިދާޅުވި އެވެ.