Roadha Mihaaru
ޑިމާންޑް ދަށްވެ މާރުކޭޓުގައި ތަކެތީގެ އަގު ދަށަށް

ޑިމާންޑް ދަށްވެ މާރުކޭޓުގައި ތަކެތީގެ އަގު ދަށަށް

19 އެޕްރީލް 2022

ރޯދަ މަސް ފެށުނު އިރު އޮތް ޑިމާންޑު ގެއްލި މާރުކޭޓުގައި ތަކެތީގެ އަގު ދަށްވާން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރޯދަ މަސް ފެށުނު އިރު އޮތް ޑިމާންޑު ގެއްލި މާރުކޭޓުގައި ތަކެތީގެ އަގު ދަށްވާން ފަށައިފި އެވެ.

މި ރޯދަ މަސް ފެށިއިރު އެންމެ އަގުބޮޑުވީ މިރުހާއި ލުނބޮ އެވެ. ލުނބޯގެ އަގު ކިލޯއެއް 150ރ. އަށް އަރައިގެން ދިޔައިރު މިރުސް ކިލޯއެއްގެ އަގު ހުރީ 350ރ.-450ރ. އާ ދެމެދުގަ އެވެ. ނަމަވެސް އެ އަގުތަކަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

މިއަދު މާރުކޭޓުގައި ލުނބޯ ކިލޯއެއްގެ އަގު ހުރީ 50ރ-65ރ. އާ ދެމެދުގަ އެވެ. އެއީ ރޯދަ މަސް ފެށިއިރު ހުރި އަގާ އަޅާ ބަލާއިރު ތިންގުނަ ދަށްވުމެކެވެ. ނަމަވެސް އަދިވެސް މިއީ އާއްމުކޮށް ލުނބޯ ލިބެން ހުންނަ އަގަށްވުރެ ބޮޑު އަގެކެވެ. އާއްމުކޮށް ލުނބޯ ކިލޯއެއް 35ރ. ލިބެ އެވެ.

މިރުހުގެ އަގު މާރުކޭޓުގެ އެކި ގޮޅިތަކުގައި ތަފާތެވެ. އެންމެ ގިނައިން ވިކޭ، ކަނޑޫދޫ މިރުހާއި ލ. އަތޮޅުގެ މިރުސް ކިލޯއެއް ހުރީ 250ރ.-300ރ. އާ ދެމެދުގަ އެވެ. އަދި ލަންކާ މިރުހުގެ އަގު ހުރީ ކިލޯއެއް 150ރ. ގަ އެވެ.

ކަރާގެ އަގު ވެސް މިދިޔަ ހަފުތާއިން ފެށިގެން ވަނީ ދަށްވާން ފަށައިފަ އެވެ. ރޯދަ މަސް ފެށިއިރު ކިލޯއެއް 25ރ. އަށް ހުރިއިރު މިހާރު ކިލޯއެއް ލިބެނީ 20ރ. އަށެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅިތައް ހިންގާ މީހުން ބުނާ ގޮތުގައި ރޯދަ މަސް ފެށުނުއިރާ އަޅާބަލާއިރު ވިޔަފާރި ވަރަށް ދަށެއްވެއްޖެ އެވެ. އަގު ހެޔޮ ކުރަނީ ތަކެތި ހަލާކުވިޔަ ނުދީ އަވަހަށް ވިއްކާލުމުގެ ބޭނުމުގައި ކަމަށް ވެސް އެ މީހުން ބުންޏެވެ.

"މިތަނަށް އަންނަ މީހުންގެ އަދަދު ދަށްވެއްޖެ. ފަހު ދިހަޔަކަށް އެޅީމަ ކޮންމެ އަހަރަކު ވެސް މި ބަދަލު އާދޭ،. އެކަމަކު މިހެން ހުރެ ހަލާކުވުމަށްވުރެ ރަނގަޅެއްނު އަގު ހެޔޮކޮށްފައި ވިއްކާލިއްޔާ. އެހެންވެ އަގުހެޔޮ ކުރަނީ އެންމެންވެސް،" ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ އިތުރުން މަސް މާރުކޭޓުގައި ވެސް އަގުތައް ވަނީ ދަށްވެފަ އެވެ. ކުރިން ކަނޑުމަހުގެ އަގު 50ރ-60ރ. އާ ދެމެދު ހުރި މިހާރު އަގު ވަނީ 35ރ. އަށް ވެއްޓިފަ އެވެ. އަދި ކުރިން 35ރ. އަށް ހުރި ރާގޮނޑި ހުރީ 15ރ. އަށެވެ.

މަސް މާރުކޭޓޫގައި އެހެން ރޯދަ މަސްތަކުގައި ރެހީގެ އަގު ވެސް އުފުލެ އެވެ. ނަމަވެސް މިއަދު ރެހީގެ އަގު ހުރީ، އާންމުކޮށް ވެސް ހުންނަ ވަރަށް ޖޯޑެއްގެ ރެހި 10ރ. އަށެވެ.

މާރުކޭޓުގައި މަހުގެ އަގު ދަށްވީ މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވުމާ އެކުގަ އެވެ.