Roadha Mihaaru
ހަމަލާ ތަހުގީގުކުރާނީ ހާއްސަ އިސްކަމެއްދީގެން: އިމްރާން

ނަޝީދަށް ދިން ހަމަލާ ތަހުގީގު ކުރާނީ ހާއްސަ އިސްކަމެއްދީގެން: އިމްރާން

07 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ ތަހުގީގު ކުރާނީ ހާއްސަ އިސްކަމެއް ދީގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ ތަހުގީގު ކުރާނީ ހާއްސަ އިސްކަމެއް ދީގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރި ކުރައްވައި އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލަ އެންމެ މަތީ ދަރަޖައިގެ އަހައްމިއްޔަތު ކަމެއް ދީގެން ފުލުހުން ތަހުގީގު ކުރަމުން ދާކަން ކަށަވަރު ކުރައްވާނެ ކަަމަށެވެ.

ނަޝީދަށް ހަމަލަ އަމާޒު ކޮށްފައި ވަނީ އެ މަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކެނެރީ މަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެންނެވެ.

މިރޭ 8:30 ހާއިރު، އެ ހާދިސާ ހިނގިއިރު އެ ހަމަލާގައި ނަޝީދުގެ ހަށިކޮޅަށް ގިނަ ޒަހަމްތަކެއް ލިބުނެވެ. އަދި ފަރުވާ ދެނީ ވެސް ހޭނައްތައިގެންނެވެ. ނަޝީދުގެ އިތުރުން ހަމަލާގައި އެ މަނިކުފާނުގެ ބޮޑީގާޑުންނާއި ބައެއް އާންމުންނަށް ވެސް އަނިޔާވި އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި އެ މަނިކުފާނަށް ފަރުވާދެމުން އަންނައިރު އެތަނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން މިނިސްޓަރު އިމްރާން ވެސް ވަޑައިގަތެވެ. މިއީ ކާފިއު ވަގުތު ނަމަވެސް ގިނަ އަދަދެއްގެ އާންމުން އަދިވެސް އޭޑީކޭ ހޮސްޕިޓަލު ކައިރީގައި އެބަތިއްބެވެ.

ނަޝީދަށް ދިން ހަމަލާއާއެކު ފުލުހުންނާއި އެމްއެންޑީއެފުން ވެސް ވަނީ އެލާޓް ލެވެލް މަތިކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ވެސް މިހާރު ފަށައިގެން ކުރިއަށް ގެންދާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ނަޝީދުގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން ތަފްސީލް މައުލޫމާތެއް ލިބެންދެން އެ ޖަލްސާ ކުރިއަށް ގެންދާނެ ކަމަށެވެ. ނަޝީދަށް ދިން ހަމަލާ، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަން ހިމެނޭ ގޮތަށް އެކި ޕާޓީތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އެކަން ތަހުގީގުކޮށް އެކަމުގެ އަޑީގައި ތިބި، އެންމެނަށް ފިޔަވަޅު އެޅުމަށް ޕާޓީތަކުން ވެސް ގޮވައިލަ އެވެ.

ބާރު އަޑުފައްގަނޑަކާއެކު ގޮއްވާލި އެއްޗެއް ގޮއްވައިލުމާ އެކު އެތަނުގެ ކައިރީގައި ހުރި ބައެއް ފިހާރަތަކުގެ ބިއްލޫރިގަނޑުތައް ވެސް ތަޅައިގެން ދިޔަ ކަމަށް ވެ އެވެ. އަދި ބައެއް ސައިކަލުތައް ވެއްޓި ގެއްލުން ވެފައިވެ އެވެ.

އެ ހަމަލާގައި ޒަހަމްވި ބައެއް މީހުންގެ ލޭ ވެސް އެތަނުގެ ބިންމަތީގައި ހުއްޓެވެ. މިހާރު އެ ސަރަހައްދު ބަންދުކޮށް، ފުލުހުންނާއި ސިފައިން ވެސް އެތަނުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ. މާލޭގެ މަގުތަކުގައި ވެސް ފުލުހުންނާއި ސިފައިން ދަނީ ފޯރިމަރަމުންނެވެ. ސިފައިން ހަރަކާތްތެރިވަނީ ހަތިޔާރާއެކު އެވެ.